ރާއްޖޭގައި އެންމެ ގިނަ ފުޓްސަލް މުބާރާތްތައް ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް އިން މިއަހަރު ކުރިއަށްގެންދާ ފުޓްސަލް ސީޒަންގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖއްސައިފި އެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން ގާތްގަނޑަކަށް ތިން މަސް ދުވަހަށް ކުރިއަށްގެންދަން ތާވަލްކޮށްފައިވާ މި ސީޒަންގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ފަހުމިނެޓް" ހަމަޖައްސައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކްލަބު މޯލްޑިވްސްގެ އޮފީހުގަ އެވެ.
ކްލަބް މޯލްޑިވްސް އާއި މި ނޫހާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ސީޒަންގެ ހުރިހާ މުބާރާތެއްގެ މީޑިއާ ކަވަރޭޖު މި ނޫހުން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ކޮންމެ މުބާރާތަކާ ގުޅޭ މުހިންމު މައުލޫމާތާއި، މެޗުތަކުގެ ހަބަރާއި އަދި މުބާރާތުގެ ތެރެއިން ހާއްސަގޮތެއްގައި ފާހަގަކޮށްލެވޭ މުހިންމު ކަންކަމާ ގުޅޭ ފީޗާ އާޓިކަލް ކިޔުންތެރިންނާ ގަމައަށް ގެނެސްދެވޭނެ އެވެ.
ކްލްބަ މޯލްޑިވްސް ފުޓްސަލް ސީޒަންގައި ކުރިއަށްދާ މުބާރާތްތަކާ ގުޅޭ ހަބަރާތައް ގެނެސްދިނުމުގެ އިތުރުން ހުރިހާ މެޗެއްގެ ލައިވް ސްކޯ ތަފްސީލް މަޢުލޫމާތާ އެކު މި ނޫހުގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދެވޭނެ އެވެ. މީގެ އިތުރުން ސީޒަންގަައި ކުރިއަށްދާ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ކިންގްސް ކަޕާއި، ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ޖުމްލަ ހަތް މުބާރާތް ހިމަނައިގެން ކްލަބް މޯލްޑިވްސްއިން ކުރިއަށްގެންދަން ރާވާފައިވާ ފުޓްސަލް ސީޒަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރިއަށްދާނީ 2024 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކިންގްސް ކަޕެވެ. ކްލަބް މޯލްޑިވްސް އިން އިންތިޒާމުކުރާ ބައެއް މުބާރާތްތަކުގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޓްސަލް މުބާރާތްތަކުގެ ތެރެއިން ކްލަބް މޯލްޑިވްސްއިން ކަނޑައަޅާ މުބާރާތްތަކެއްގެ ޗެމްޕިއަން ޓީމުތަކަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތް ޖޫން މަހުގެ 13 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ދެން އެންމެ އަވަހަށް ކުރިއަށްގެންދަން ތާވަލްކޮށްފައިވަނީ ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް ފަށާ ކިޑްސަލް 2026 އެވެ. އެކަޑަމީތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދަން ހަމަޖައްސާފައިވާ މި މުބާރާތް އަންނަ މަހުގެ ހަ ވަނަ ދުވަހު ފަށަން ތާވަލްކޮށްފައިވާއިރު ޖުލައި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ މުބާރާތް ކުރިއަށްގެންދަން ކްލަބް މޯލްޑިވްސްއިން ވަނީ ރާވައިފަ އެވެ.
ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ ދުވަސްވީ މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް މިފަހަރު ބާއްވަން ތާވަލްކޮށްފައިވަނީ ޖޫން 21 އިން ޖުލައި 22 އަށެވެ. ކްލަބް މޯލްޑިވްސް ކަޕަށް ފަހު މި ސީޒަންގައި ހިމެނޭ އެންމެ ގިނަ ދުވަސްވީ މުބާރާތަކީ އެއިޓީން ތާޓީ އެވެ.
https://fahuminet.com/tournaments/kings-cup-2026
ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ އަންހެން މުވައްޒަފުންގެ އެލީޓް މުބާރާތުގެ ގޮތުގައި މަޝްހޫރުވެފައިވާ މި މުބާރާތާއި، އެ މުބާރާތުން ފުރުސަތު ނުލިބޭ ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ އަންހެން މުވައްޒަފުން އަމާޒުކޮށްގެން ބާއްވާ އެއިޓީން ތާޓީ ކްލެސިކްގެ އިތުރުން ކްލަބް މޯލްޑިވްސް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ ފިރިހެން ޓީމުތައް ވާދަކުރާ ކްލަބް މޯލްޑިވްސް ކްލެސިކް ވެސް މިފަހަރުގެ ސީޒަންގައި ކުރިއަށްގެންދަން ވަނީ ތާވަލްކޮށްފަ އެވެ.
ސީޒަންގެ އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ކުރިއަށް ދާނީ މިދިޔަ އަހަރު މުޅިން އަލަށް ކްލަބް މޯލްޑިވްސްއިން ތައާރަފްކުރި ސެކްޓަ ލީގެވެ. އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިއަށްގެންދަން ތާވަލުކޮށްފައި އޮތީ ޖުލައި 21 އިން އޯގަސްޓް 17 އަށެވެ.
