Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ދިއްދޫ އިން އުތުރު ފަތަހަކޮށް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ފުރުސަތު ހޯދައިފި
ދިއްދޫ އިން އުތުރު ފަތަހަކޮށް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ފުރުސަތު ހޯދައިފި
އުތުރުގެ ޗެމްޕިއަންކަން ހޯދި ދިއްދޫ ޓީމް. އެޓީމު ދެން ވާދަކުރާނީ ޕްރިމިއާ ލީގު ކޮލިފައިންގައި. ފޮޓޯ: ދިއްދޫ ސްޕޯޓްސް

ދިއްދޫ އިން އުތުރު ފަތަހަކޮށް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ފުރުސަތު ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
23 ގަޑިއިރު ކުރިން 17 މެއި 2026

ނޯތު ރީޖަން ލީގު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހއ. ދިއްދޫއިން ހޯދައިފި އެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ލީގު ޗެމްޕިއަންކަން ދިއްދޫއިން ކަށަވަރުކުރީ އިއްޔެ ހަނިމާދޫއާ ވާދަކޮށް ކުޅުނު މެޗު 1-2 އިން ކާމިޔާބުކޮށްގެންނެވެ.

ދިއްދޫއުން ލީގު ކާމިޔާބުކޮށްފައި މިވަނީ ލީގުގައި އެ ޓީމަށް ބާކީ އެއް މެޗު އޮއްވަ އެވެ. މިހާތަނަށް އެ ޓީމު ލީގުގައި ކުޅުނު ފަސް މެޗުވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ޖުމްލަ 15 ޕޮއިންޓާއެކު ލީގުގެ އެއްވަނަ ދިއްދޫއިން ކަށަވަރުކުރި އިރު ދެވަނައިގައި އޮތް ހަނިމާދޫ އާއި ތިންވަނައިގައި އޮތް އޭދަފުށްޓަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

ނޯތު ރީޖަން ލީގުގައި ދިއްދޫ އިން މިހާތަނަށް 11 ގޯލް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ތިން ގޯލެވެ.

އިއްޔެގެ މެޗަށް ދިއްދޫ ނުކުތްއިރު މެޗު އެއްވަރުކޮށްލައިގެންވެސް އެ ޓީމަށް ލީގު ކާމިޔާބުކުރެވެން އޮތެވެ. ހަނިމާދޫގެ މައްޗަށް އިއްޔެގެ މެޗުގައި ދިއްދޫއިން ކުރި ހޯދީ މެޗުގެ ދެވަނަ މިނެޓްގައި ހަނިމާދޫއިން ލަނޑެއް ޖަހައި ލީޑް ނަގައިފައި ވަނިކޮށެވެ. ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގެ ފުރަތަމަ ހާފު ލީޑްގައި އޮވެގެން ހަނިމާދޫއަށް ނިންމާލެވުނު ނަމަވެސް ފަހު ހާފުގައި ދިއްދޫ ފެނުނީ މާ ބޮޑަށްވެސް ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައިޮ ދިއްދޫގެ ހަމަލާތައް އިތުރުވެ އޭގެ ތެރެއިން ދެ ހަމަލާއެއް ގޯލްގެ ދާގަނޑަށް އަމާޒުކޮށްލިއެވެ. ފަހު ހާފުގައި ހަނިމާދޫއަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފަ އެވެ.

ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދުމާއެކު އެ ޓީމަށް ވަނީ އަންނަ މަހު މާލޭގައި އޮންނަ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ބުރުން ޖަގަ ލިބިފަ އެވެ.

މި ބުރުގައި ވާދަކުރާނީ މާލޭ ރީޖަން ލީގުގެ ޗެމްޕިއަންގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށްދާ ރީޖަން ލީގު ތިން މުބާރާތުގެ ޗެމްޕިއަނުންނާއި އަދި މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އަށް ދިޔަ ޓީސީ އާއި އަށްވަނަ އަށް ދިޔަ ކްލަބު ގްރީން ސްޓްރީޓްސް އެވެ. މި ހަ ޓީމުގެ ތެރެއިން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނީ ހަތަރު ޓީމެވެ.

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Settings