Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ލީގު ކާމިޔާބުކުރުމުގެ ރޭހުގައި ހަނިމާދޫ އާއި ދިއްދޫ މުހިންމު މެޗަކަށް
ލީގު ކާމިޔާބުކުރުމުގެ ރޭހުގައި ހަނިމާދޫ އާއި ދިއްދޫ މުހިންމު މެޗަކަށް
މަނަދޫ ކޮޅަށް ގޯލު ޖެހުމަށް ފަހު ދިއްދޫ ކުޅުންތެރިން އުފާފާޅުކުރަނީ. ލީގު ޗެމްޕިއަންކަން ހޯދަން އެޓީމަށް ބޭނުންވަނީ ޕޮއިންޓެއް. ފޮޓޯ: ދިއްދޫ ސްޕޯޓްސް

ލީގު ކާމިޔާބުކުރުމުގެ ރޭހުގައި ހަނިމާދޫ އާއި ދިއްދޫ މުހިންމު މެޗަކަށް

ފަހުމިނެޓް
ފަހުމިނެޓް
20 ގަޑިއިރު ކުރިން 16 މެއި 2026

މިހާރު ކުރިއަށްދާ ނޯތު ރީޖަން ލީގުގައި މިއަދު ހދ. ހަނިމާދޫ އާއި ހއ. ދިއްދޫ ވާދަކުރަން ތައްޔާރުވާއިރު މިއީ މި ރީޖަންގެ ލީގަށް ވާދަކުރަމުން އަންނަ ތިން ޓީމުގެ އުންމީދުތަކާ ގުޅިފައި އޮތް މެޗެކެވެ.

ލީގުގައި ދެ ޓީމުން ކުޅޭ ފަސް ވަނަ މެޗަށް މިއަދު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑަށް ނުކުންނަން ތައްޔާރުވާއިރު ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑީ ދިއްދޫ އަށެވެ.

މިހާތަނަށް ދިއްދޫ އިން ލީގުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ޓޭބަލްގެ އެއްވަނައިގައި އޮތް އިރު ލީގު ކާމިޔާބުކުރަން އެ ޓީމަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ލީގުގެ ދެވަނައިގައި ހަ ޕޮއިންޓާއެކު އޮތް ހަނިމާދޫ އާއި އެ ޓީމާއި އެއްވަރަށް ޕޮއިންޓް ލިބިފައި އޮތް ނަމަވެސް ފައިދާ ގޯލްގެ ތަފާތުން ތިންވަނައިގައި އޮތް އޭދަފުށްޓަށް ލީގު ހޯދުމުގެ ރޭހުގައި އިތުރަށް ކުރިއަށް ދެވެން އޮތީ ހަނިމާދޫ އަށް މިއަދުގެ މެޗު ކާމިޔާބުވެގެންނެވެ.

މިއަދުގެ މެޗުން ދިއްދޫ އަށް މޮޅު ނުވެވިއްޖެ ނަމަ ދެން އެޓީމަށް އޮންނާނެ ފުރުސަތަކީ ރަށުން ބޭރުގައި އޭދަފުށްޓާ ދެކޮޅަށް އަންނަ ބުދަ ދުވަހު ކުޅޭ މެޗެވެ.

https://fahuminet.com/tournaments/north-region-league-2026

ނޯތު ރީޖަން ލީގުގައި ހަނިމާދޫއާއި ދިއްދޫ، ދިއްދޫގައި ވާދަކުރި މެޗު 1-2 އިން ދިއްދޫ ކާމިޔާބުކޮށްފައިވާއިރު މި ރީޖަންގެ ކޮލިފިކޭޝަން ބުރުގައިވެސް މި ދެ ޓީމު ދެ ފަހަރު ވަނީ ވާދަކޮށްފަ އެވެ. ދިއްދޫގައި ކުރިއަށްދިޔަ ކޮލިފައިން ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު ފައިނަލްގައި ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ ހަނިމާދޫ އެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށްދާ ރީޖަން ލީގު ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ ސެންޓްރަލް ރީޖަންގަ އެވެ. އެ ލީގުގައި މިހާތަނަށް ކޮންމެ ޓީމަކުން ވެސް ހަތަރު މެޗު ކުޅެފައިވާއިރު ހަތަރު ޓީމަށްވެސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އަދި އޮތީ ހުޅުވިފަ އެވެ.

https://fahuminet.com/tournaments/central-region-league-2026

ސެންޓްރަލް ރީޖަން ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު ހުރާ މިވަގުތު އޮތް އިރު އެ ޓީމާއި ހަތަރު ވަނައިގައި އޮތް މަހިބަދޫ އާ އޮތީ އެންމެ ތިން ޕޮއިންޓްގެ ތަފާތެވެ. މި ލީގުގެ ދެވަނައިގައި ހަ ޕޮއިންޓާއެކު މީދޫ އޮތް އިރު ފަސް ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ކުޑަހުވަދޫ އެވެ.

މި ލީގުގައި ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. އެ ދުވަހު ދެ މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު އެއް މެޗުގައި އަމިއްލަ ދަނޑުގައި ހުރާ އިން ވާދަކުރާނީ މަހިބަދޫ އާ އެވެ. ދެވަނަ މެޗުގައި ދ. މީދޫއިން ރަށުން ބޭރުގައި ނުކުންނާނީ ކުޑަހުވަދޫ އާ ދެކޮޅަށެވެ.

https://fahuminet.com/tournaments/south-region-league-2026

ސައުތު ރީޖަން ލީގަށް ބަލާއިރު އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެން ގދ. ގައްދޫ އެވެ. ހަތް ޕޮއިންޓާއެކު ދެވަނައިގައި ލ. ގަން އޮތް އިރު ހަތަރު ޕޮއިންޓާއެޖު ފޭދޫ އޮތީ ތިންވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ކުނަހަންދޫއަކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮމެންޓްސް

Matches
5
Ongoing
1
Upcoming
Settings