Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ރީޖަން ލީގު ދެބައިވި އިރު ދީއްދޫ އާއި ގައްދޫއަށް ސަތޭކައިން ސަތޭކަ
ރީޖަން ލީގު ދެބައިވި އިރު ދީއްދޫ އާއި ގައްދޫއަށް ސަތޭކައިން ސަތޭކަ
ނޯތު ރީޖަން ލީގުގައި ދިއްދޫ އިން ހަނިމާދޫ ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: ރީޖަން ލީގު

ރީޖަން ލީގު ދެބައިވި އިރު ދީއްދޫ އާއި ގައްދޫއަށް ސަތޭކައިން ސަތޭކަ

ފަހުމިނެޓް
ފަހުމިނެޓް
7 ގަޑިއިރު ކުރިން 12 މެއި 2026

މުޅި ރާއްޖެ ޝާމިލުވާ ގޮތަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކުރިއަށްގެންދިއުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ބާއްވަމުން އަންނަ ރީޖަން ލީގު މުބާރާތްތައް ދެބައިވި އިރު ހއ. ދިއްދޫ އާއި ގދ. ގައްދޫ އިން ފުރިހަމަ ރެކޯޑެއް ހޯދައިފި އެވެ.

ކޮންމެ ރީޖަނެއްގައި ވެސް ޖުމްލަ ހަތަރު ޓީމު ވާދަކުރަމުން އަންނައިރު އެއިން ކޮންމެ ލީގެއްގައި ކުޅެން ޖެހޭ 12 މެޗުގެ ތެރެއިން ހަ މެޗު މިހާރު ވަނީ ކުޅެ ނިމިފަ އެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ މި ލީގުތަކުގައި ވާދަކުރާ ކޮންމެ ޓީމަކުން ވެސް މިހާތަނަށް ތިން މެޗު ކުޅެފައިވާ އިރު ދިއްދޫ އާއި ގައްދޫ އިން ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑެއް ހޯދައިފަ އެވެ.

ދިއްދޫ އިން ނޯތު ރީޖަން ލީގުގައި ވާދަކުރަމުން އަންނައިރު އެ ޓީމުން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗު ކުޅެފައިވަނީ އަމިއްލަ ރަށުގަ އެވެ. ފުރަތަމަ މެޗުގައި މަޝްހޫރު އޭދަފުށީގެ މައްޗަށް 1-2 އިން ކުރި ހޯދި އިރު ދެވަނަ މެޗުގައި އެޓީމުން ވަނީ ހަމަ އެ ނަތީޖާ އިން ހަނިމާދޫ ބަލިކޮށްފަ އެވެ. ލީގުގައި ދިއްދޫއިން އެންމެ ފަހުން ކުޅުނު މެޗުގައި މިދިޔަ އާދިއްތަ ދުވަހު ރަށުން ބޭރުގައި މަނަދޫ އާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކުރީ 2-0 އިންނެވެ.

ނޯތު ރީޖަން ލީގުގެ އެއްވަނައިގައި ނުވަ ޕޮއިންޓާއި އެކު ދިއްދޫ އޮތް އިރު ހަ ޕޮއިންޓާއެކު ދެވަނައިގައި އޮތީ ހަނިމާދޫ އެވެ. ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޭދަފުށި އޮތް އިރު ހަތަރު ވަނައިގައި އޮތް މަނަދޫއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ނޯތު ރީޖަން ލީގުގައި ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ މާދަމާ އެވެ. އޭދަފުށިން އަމިއްލަ ރަށުގައި ހަނިމާދޫއާ ދެކޮޅަށް މާދަމާ ނުކުންނައިރު ޖެހިގެން އަންނަ ދުވަހު ދިއްދޫއިން އަމިއްލަ ރަށުގައި ނުކުންނާނީ މަނަދޫއާ ދެކޮޅަށެވެ.

ގައްދޫގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނީ. ގައްދޫ އަންނަނީ ރީޖަން ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން. ފޮޓޯ: ރީޖަން ލީގު
ގައްދޫގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނީ. ގައްދޫ އަންނަނީ ރީޖަން ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން. ފޮޓޯ: ރީޖަން ލީގު

ސައުތު ރީޖަން ލީގުގައި ގައްދޫއިން މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ކުޅެފައިވަނީ ރަށުން ބޭރުގަ އެވެ. މިހާތަނަށް އެ ޓީމު ކުޅުނު ތިން މެޗުގައި ޖުމްލަ އަށް ގޯލް ކާމިޔާބުކޮށްފައިވާ އިރު އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. ގައްދޫ އިން ލީގުގައި ފުރަތަމަ ކުޅުނު މެޗު ލ. ގަމާ ވާދަކޮށް 1-0 އިން މޮޅުވި އިރު ދެވަނަ މެޗުގައި އެ ޓީމުން ވަނީ 4-0 އިން ކުނަހަންދޫ ބަލިކޮށްފަ އެވެ. ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި އިއްޔަ ވަނީ އައްޑޫ ސިޓީ ފޭދޫ 3-0 އިން ބަލިކޮށްފަ އެވެ.

ސައުތު ރީޖަން ލީގުގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު ގައްދޫ އޮތް އިރު ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ގަމެވެ. ތިން ވަނައިގައި އޮތް ފޭދޫއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައި އޮތް އިރު އެޓީމަށް ގަމަށް ވުރެ ކުރިއަށް ނޭރި އޮތީ އެއް ގޯލުގެ ތަފާތުންނެވެ. ހަތަރު ވަނައިގައި އޮތް ކުނަހަންދޫއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ސައުތު ރީޖަން ލީގުގައި ދެން އެންމެ އަވަހަށް މެޗެއް ކުޅެން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ މެޗުގައި ފޭދޫއިން އަމިއްލަ ރަށުގައި ގަމާ ވާދަކުރާއިރު ހުކުރު ދުވަހު ގައްދޫ އިން އަމިއްލަ ރަށުގައި ނުކުންނާނީ ކުނަހަންދޫއާ ދެކޮޅަށެވެ.

ތިން ލީގުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ވާދަވެރިކަމެއް މިހާތަނަށް ފެނިފައިވަނީ ސެންޓްރަލް ރީޖަން ލީގުގަ އެވެ. ސެންޓްރަލް ރީޖަން ލީގުގެ އެންމެ ކުރީގައި ހަ ޕޮއިންޓާ އެކު އޮތް ދ. މީދޫ އިން އެ ޓީމު ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކުރި ނަމަވެސް އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުން ވަނީ ބޮޑު ތަފާތަކުން ބަލިވެފަ އެވެ. ރަށުން ބޭރުގައި މިދިޔަ އާދިއްދަ ދުވަހު މީދޫއިން ކުޅުނު މެޗުން އެ ޓީމު ބަލިވީ ހުރާއާ ވާދަކޮށް 0-5 އިންނެވެ.

ކުޑަހުވަދޫ އާއި މަހިބަދޫ ވާދަކޮށް އެއްވަރުވި މެޗުގެ ތެރެއިން. ސެންޓްރަލް ލީގުގައި ވާދަވެރިކަން ބޮޑު. ފޮޓޯ: ރީޖަން ލީގު
ކުޑަހުވަދޫ އާއި މަހިބަދޫ ވާދަކޮށް އެއްވަރުވި މެޗުގެ ތެރެއިން. ސެންޓްރަލް ލީގުގައި ވާދަވެރިކަން ބޮޑު. ފޮޓޯ: ރީޖަން ލީގު

މި ލީގުގެ ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ހުރާ އޮތް އިރު ތިންވަނައިގައި އޮތް މަހިބަދޫއަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި ކުޑަހުވަދޫ އޮތީ ދެ ޕޮއިންޓާ އެކު އެވެ.

ސެންޓްރަލް ރީޖަން ލީގުގައި ދެން އެންމެ އަވަހަށް މެޗެއް ކުޅެން ހަމަޖެހިފައިވަނީ އަންނަ ބުރާސްދަތި ދުވަހު އެވެ. އެ ދުވަހު އަމިއްލަ ރަށުގައި މީދޫ އިން ހުރާއާ ވާދަކުރާ އިރު ޖެހިގެން އަންނަ ދުވަހު އަމިއްލަ ރަށުގައި މަހިބަދޫ އިން ނުކުންނާނީ ކުޑަހުވަދޫއާ ދެކޮޅަށެވެ.

ކޮންމެ ލީގެއް ނިމޭއިރު އެންމެ ކުރި ހޯދާ ޓީމު މާލޭގައި އޮންނަ ދިވެހި ޕްރިމިއާ ލީގު ކޮލިފައިން ބުރަށް ހޮވޭނެ އެވެ. އެ ބުރުގައި ދެން ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި، ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން މާލޭ ރީޖަން ކޮލިފައިންގެ ޗެމްޕިއަން ޓީމެވެ. 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Settings