ސެންޓްރަލް ރީޖަން ލީގުގައި ވާދަކުރަމުން އަންނަ ދ. މީދޫ އާއި ސައުތު ރީޖަން ލީގުގައި ވާދަކުރަމުން އަންނަ ގދ. ގައްދޫއިން ލީގުގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް އެ ދެ ޓީމުގެ މަގާމު ވަރުގަދަކޮށްފި އެވެ.
ސެންޓްރަލް ރީޖަން ލީގުގައި މީދޫ އިން އިއްޔެ ހަވީރު އެ އަތޮޅު ކުޑަހުވަދޫއާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކުރީ 1-2 އިންނެވެ. މީދޫގައި ކުޅުނު މި މެޗުން އެ ޓީމު ހޯދި ތިން ޕޮއިންޓާއެކު މީދޫ އޮތީ އެ ލީގުގެ އެއްވަނައިގަ އެވެ.
ހަތަރު ޓީމު ވާދަކުރަމުން އަންނަ ސެންޓްރަލް ރީޖަން ލީގުގައި މީދޫ އިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ރަށުން ބޭރުގައި މަހިބަދޫއާ ވާދަކޮށް 2-3 އިން މޮޅުވެގެނެވެ.
ސެންޓްރަލް ރީޖަން ލީގުގައި މިހާތަނަށް ކޮންމެ ޓީމަކުން ވެސް ދެ މެޗު ކުޅެފައިވާއިރު މީދޫގެ ފަހަތުން ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު މަހިބަދޫ އެވެ. މި ލީގުގައި ވާދަކުރާ ކ. ހުރާ އާއި ކުޑަހުވަދޫ އަށް އަދި ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި ލީގުގައި ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. ހުރާގައި ކުޅެން ހަމަޖެހިފައިވޒާ މި މެޗުގައި އެރަށާ ދެކޮޅަށް ނުކުންނާނީ މީދޫ އެވެ.

ސައުތު ރީޖަން ލީގުގައި މިއަދު ގައްދޫ އިން ލ. ކުނަހަންދޫ އާ ވާދަކޮށް ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބު ކޮށްފައިވަނީ 1-4 އިންނެވެ. މިއީ މި ލީގުގައި ގައްދޫ އިން ހޯދި ދެވަނަ މޮޅެވެ. މިހާތަނަށް ލީގުގައި ގައްދޫއިން ދެ މެޗު ކުޅެފައިވާ އިރު ފުރަތަމަ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ގަމާ ވާދަކޮށް 0-1 އިން މޮޅުވެފަ އެވެ. އެއީ ވެސް ގައްދޫއިން ރަށުން ބޭރުގައި ކުޅެގެން ހޯދި މޮޅެކެވެ.
https://fahuminet.com/tournaments/central-region-league
ސައުތު ރީޖަން ލީގުގައި ހަ ޕޮއިންޓާއެކު ގައްދޫ އެއްވަނައިގައި އޮތް އިރު ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ އައްޑޫ ސިޓީ ފޭދޫ އެވެ. މި ލީގުގެ ތިން ވަނައިގައި ދެ މެޗު ކުޅެގެން ލިބުނު އެއް ޕޮއިންޓާއެކު ލ. ގަން އޮތް އިރު ހަތަރު ވަނައިގައި އޮތް ކުނަހަންދޫއަކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
https://fahuminet.com/tournaments/south-region-league
ސައުތު ރީޖަން ލީގުގައި ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެ މެޗުގައި ވާދަކުރާނީ ގަމާއި، ކުނަހަންދޫ އެވެ. މި މެޗު ކުޅޭނީ ގަމުގަ އެވެ.
