Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަނުންގެ ވަރުގަދަ ކުރިމަތިލުންތަކާ އެކު ރީޖަން ލީގު މިއަދު ފަށަނީ
ޗެމްޕިއަނުންގެ ވަރުގަދަ ކުރިމަތިލުންތަކާ އެކު ރީޖަން ލީގު މިއަދު ފަށަނީ
ޯޒޯން ފައިނަލުގައި ގޯލު ޖެހުމަށް ފަހު ހުރާ ކުޅުންތެރިއަކު އުފާފާޅުކުރަނީ. މިއަދު އެޓީމު ނުކުންނާނީ ކުޑަހުވަދޫއާ ދެކޮޅަށް. ފޮޓޯ: ހުރާ ކޮމިއުނިޓީ ކްލަބް

ޗެމްޕިއަނުންގެ ވަރުގަދަ ކުރިމަތިލުންތަކާ އެކު ރީޖަން ލީގު މިއަދު ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
4 ގަޑިއިރު ކުރިން 2 މެއި 2026

ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މާލެ ފިޔަވައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ ރީޖަން ލީގު ފުޓްބޯޅަ މުބާރާތް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.

ނޯތު، ސެންޓްރަލް އަދި ސައުތު ރީޖަން ލީގުގެ ނަމުގައި އެފްއޭއެމުން މިއަދު ފަށާ މި ތިން މުބާރާތް ކުރިއަށްދާނި ހޯމް އެންޑް އަވޭ އުސޫލުންނެވެ. ކޮންމެ ރީޖަނެއްގައިވެސް ހަތަރު ޓީމު ވާދަކުރާއިރު ޖުމްލަ 12 މެޗު ކޮންމެ ރީޖަނެއްގައިވެސް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންމެ ސަރަހައްދެއްގައި ކުރިއަށްދާ ރީޖަން ލީގު މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ ސަރަހައްދުތައް ދެ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދިއަ ކޮލިފައިން މެޗުތަކުން އެންމެ ރަގަޅު ނަތީޖާ ހޯދައިގެން ކޮލިފައިވި ޓީމުތަކެވެ.

ހއ އިން ފެށިގެން ޅ އަތޮޅާ ހަމައަށް ހިމެނޭ ނޯތު ރީޖަން ލީގުގައި ވާދަކުރަނީ ހއ. ދިއްދޫ އާއި ހދ. ހަނިމާދޫގެ އިތުރުން ނ. މަނަދޫ އާއި ބ. އޭދަފުށްޓެވެ. ކ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ހިމެނޭ ސެންޓްރަލް ރީޖަން ލީގުގައި ވާދަކުރަނީ ކ. ހުރާ އާއި އދ. މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫ އާއި ދ. މީދޫ އެވެ. ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހިމެނޭ ސައުތު ރީޖަން ލީގުގައި ވާދަކުރަނީ ލ. ގަމާއި، ކުނަހަންދޫގެ އިތުރުން ގދ. ގައްދޫ އާއި އައްޑޫ ސިޓީ ފޭދޫ އެވެ.

ހަނިމާދޫ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. މިއަދު އަމިއްލަ ރަށުގައި ހަނިމާދޫ ނުކުންނާނީ މަނަދޫއާ ދެކޮޅަށް. ފޮޓޯ: ޓީމް ހަނިމާދޫ
ހަނިމާދޫ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ. މިއަދު އަމިއްލަ ރަށުގައި ހަނިމާދޫ ނުކުންނާނީ މަނަދޫއާ ދެކޮޅަށް. ފޮޓޯ: ޓީމް ހަނިމާދޫ

ތިން ސަރަހައްދުގައި އެއްފަހަރާ ރީޖަން ލީގުގެ މެޗުތައް މިއަދު ފަށާއިރު ނޯތު ރީޖަން ލީގުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މި ރީޖަންގައި ކުރިއަށްދިޔަ ޒޯން އެކެއްގެ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދި ހަނިމާދޫ އާއި ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި މަނަދޫ އެވެ. މެޗު ކުޅޭނީ ހަނިމާދޫގަ އެވެ.

ގައްދޫ އިން ފޭދޫއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ ތެރެއިން. ގައްދޫ މިއަދު ރަށުން ބޭރުގައި ނުކުންނާނީ ގަމާ ދެކޮޅަށް. ފޮޓޯ: ގައްދޫ ކައުންސިލް
ގައްދޫ އިން ފޭދޫއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ ތެރެއިން. ގައްދޫ މިއަދު ރަށުން ބޭރުގައި ނުކުންނާނީ ގަމާ ދެކޮޅަށް. ފޮޓޯ: ގައްދޫ ކައުންސިލް

ސެންޓްރަލް ރީޖަން ލީގުގެ ފުރަތަމަ މެޗުގައި، މި ސަރަހައްދުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ހުރާއިން މިއަދު އަމިއްލަ ރަށުގައި ނުކުންނާނީ ޒޯން ދޭއްގެ ޗެމްޕިއަން ކުޑަހުވަދޫއާ ދެކޮޅަށެވެ. ސައުތު ރީޖަން ލީގުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ މި ސަރަހައްދުގައި ކުޅުނު ޒޯން އެކެއްގެ ކޮލިފައިންގެ ޗެމްޕިއަންކަން ހޯދި ގަމާއި ޒޯން ދޭއްގެ ކޮލިފައިންގެ ޗެމްޕިއަން ގައްދޫ އެވެ. މި މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ގަމުގަ އެވެ. 

ރީޖަން ލީގުގައި ވާދަކުރާ ޓީމުތަކަށް އޮތީ ކޮން ފުރުސަތެއް؟

މިއަހަރުގެ އޯގަސްޓް ހިސާބުގައި ފަށާ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން ލީގުން މިވަގުތު ޖާގަ ކަށަވަރުވެފައި ވަނީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހައެއްގައި ހިމެނުނު ޓީމުތަކަށް އެކަންޏެވެ. ބާކީ އޮތް ހަތަރު ޖާގައަށް ހޮވޭ ޓީމުތައް ކަނޑައެޅުމަށްޓަކައި ކޮލިފައިން ބުރެއް ކުޅޭ ގޮތަށް އެފްއޭއެމުން ވަނީ ހަމަޖައްސައިފަ އެވެ.

https://fahuminet.com/tournaments/north-region-league

މި ކޮލިފައިން ބުރުގައި ހަ ޓީމަކުން ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ އިރު މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި، އަށް ވަނަ އަށް ދިޔަ ކްލަބް ގްރީން ސްޓްރީޓްސްއިން އަލުން ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުމަށްޓަކައި ވާދަކުރާނީ މި ބުރުގަ އެވެ.

https://fahuminet.com/tournaments/central-region-league

ބާކީ އޮތް ހަތަރު ޖާގަ ލިބޭނީ މާލޭގައި މިހާރު ކުރިއަށްދާ މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމުގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދުގައި މިއަދު ފަށާ ރީޖަން ލީގު މުބާރާތް ތަކުން ޗެމްޕިއަންކަން ހޯދާ ޓީމުތަކަށެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާ ހަތަރު ޓީމު ހޮވަން ބާއްވާ މި ބުރު އޮންނާނީ އަންނަ މަހު މާލޭގަ އެވެ.

https://fahuminet.com/tournaments/south-region-league

 ތިން ރީޖަންގައި ލީގުތައް މިއަދު ފަށާއިރު، މާލޭގައި މިހާރު ކުޅެމުންދަނީ މާލޭ ރީޖަން ލީގުގެ މެޗުތަކެވެ. އެ ލީގަކީ ކުރިން ބާއްވަމުން އައި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެވެ. މާލޭ ލީގުގެ ޗެމްޕިއަން ޓީމަށް ވެސް ޕްރިމިއާ ލީގުގެ ކޮލިފައިން ބުރުން ފުރުސަތު ލިބޭނެ އެވެ. 

ކޮމެންޓްސް

Matches
4
Ongoing
Upcoming
Settings