ރާއްޖޭގެ އެންމެ ޒަމާންވީ ފުޓްސަލް މުބާރާތް އުފަންކުރި ކްލަބް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ ފުޓްސަލް މުބާރާތްތައް އަންނަ މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ޖުމްލަ ހަތް މުބާރާތް ހިމަނައިގެން ކްލަބް މޯލްޑިވްސްއިން ކުރިއަށްގެންދަން ރާވާފައިވާ ފުޓްސަލް ސީޒަން ގާތްގަނޑަކަށް ތިން މަސްދުވަހަށް ދެމިގެންދާނެ އެވެ. ސީޒަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރިއަށްދާނީ 2024 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކިންގްސް ކަޕެވެ.
ކްލަބް މޯލްޑިވްސްއިން އިންތިޒާމުކުރާ ބައެއް މުބާރާތްތަކުގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޓްސަލް މުބާރާތްތަކުގެ ތެރެއިން ކްލަބް މޯލްޑިވްސްއިން ކަނޑައަޅާ މުބާރާތްތަކެއްގެ ޗެމްޕިއަން ޓީމުތަކަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތް ޖޫން މަހުގެ 05 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ އެންމެ ކުރީކޮޅު ކުރިއަށްގެންދަން ރާވައިފައިވާ އަނެއް މުބާރާތަކީ އޮފީސްތަކުގެ އަންހެން މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެއިޓީން ތާޓީ ކްލެސިކެވެ. ކިންގްސް ކަޕާ އެކުއެކީހެން މިފަހަރު ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައިވާ މި މުބާރާތް މޭ މަހުގެ 17 ވަނަ ދުވަހު ފަށާގޮތަށް ތާވަލުކޮށްފައިވާއިރު މުބާރާތުގެ ފައިނަލް ކުޅޭ ގޮތަށް ހަމަޖައްސާފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ.

ސީޒަންގެ ހަތް މުބާރާތުގެ ތެރެއިން އެންމެ ގިނަ ދުވަހަށް ދިގު ދެމިގެންދާ ގޮތަށް ތާވަލުކޮށްފައިވަނީ ކުލަބް މޯލްޑިވްސްއިން މުޅިން އަލަށް ފަށާ ކިޑްސަލް 2026 އެވެ. އެކަޑަމީތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދަން ހަމަޖައްސާފައިވާ މި މުބާރާތް މޭ މަހުގެ 30 ވަނަ ދުވަހު ފަށަން ތާވަލްކޮށްފައިވާއިރު ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ މުބާރާތް ކުރިއަށްގެންދަން ކްލަބް މޯލްޑިވްސްއިން ވަނީ ރާވައިފަ އެވެ.
ސީޒަންގެ އެންމެ ކުރު މުބާރާތެއްގެ ގޮތުގައި އޮތީ އޮފީސްތަކުގެ އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެއިޓީން ތާޓީ އެވެ. މި މުބާރާތް 31 މެއި ގައި ފަށާ ގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އޮފީސްތަކުގެ އަންހެން މުވައްޒަފުންގެ އެލީޓް މުބާރާތުގެ ގޮތުގައި ކުރިއަށްގެންދާ މި މުބާރާތަކި ކްލަބް މޯލްޑިވްސްއިން ކުރިއަށްގެންދާ މުބާރާތްތަކުގެ ތެރެއިން ދެވަނައށް އެންމެ ގިނަ ދުވަސްވީ މުބާރާތެވެ.
ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ތެރެއިން ކްލަބް މޯލްޑިވްސް ކަޕުން ފުރުސަތު ނުލިބޭ އޮފީސްތަކާއި ކުންފުނިތަކުގެ ފިރިހެން މުވައްޒަފުން ވާދަކުރާ ކްލަބް މޯލްޑިވްސް ކްލެސިކް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ ޖޫން 07 އިން ޖުލައި 09 އަށެވެ. ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ ދުވަސްވީ މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް މިފަހަރު ބާއްވަން ތާވަލްކޮށްފައިވަނީ ޖޫން 20 އިން ޖުލައި 17 އަށެވެ.

ސީޒަންގެ އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ކުރިއަށް ދާނީ މިދިޔަ އަހަރު މުޅިން އަލަށް ކްލަބް މޯލްޑިވްސްއިން ތައާރަފްކުރި ސެކްޓާ ލީގެވެ. އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިއަށްގެންދަން ތާވަލުކޮށްފައި އޮތީ ޖުލައި 21 އިން އޯގަސްޓް 17 އަށެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ފައިނަލުގައި އެސްޓީއޯ ބަލިކޮށް މިދިޔަ އަހަރު ހޯދީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އެވެ. ކްލަބް މޯލްޑިވްސް ކްލެސިކްގެ ޗެމްޕިއަންކަން ހޯދީ ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން) އެވެ. މިއީ ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޓީމެވެ. ސެކްޓާ ލީގުގެ ޗެމްޕިއަންކަން ހޯދީ މާފުއްޓަށް ނިސްބަތްވާ އެރީނާ ހޮޓެލްސް އެވެ. އެއިޓީން ތާޓީ މުބާރާތުގެ ޗެމްޕިއަނުންނަކީ ސިފައިންގް ކްލަބެވެ. އެއިޓީން ތާޓީގެ ކްލަސިކް ޗެމްޕިއަންކަން ހޯދީ ޕްރިޒަން ކްލަބެވެ.
ކްލަބް މޯލްޑިވްސް ސީޒަން ފަށަން ތައްޔާރުވާއިރު ބައެއް ޓީމުތަކުން މިހާރު އަންނަނީ ފަރިތަކުރުންތައް ކުރިއަށްގެންދަމުންނެވެ.
