ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވަމުން އަންނަ ރީޖަން ލީގު ކޮލިފައިންގެ ފައިނަލްގައި ވާދަކޮށް ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު ރަށްތަކުގެ ތެރޭގައި ހިމެނޭ ބ. އޭދަފުށްޓާއި އދ. މަހިބަދޫ ބަލިވެއްޖެ އެވެ.
އޭދަފުށްޓާއި މަހިބަދޫ އަކީ ރާއްޖޭގެ އެއްވަނަ ޑިވިޝަންގެ ފުޓްބޯޅައިގައި ވާދަކޮށްފައިވާ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ދެ ރަށެވެ. މީގެ އިތުރުން ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގައި މާލެއަށް ނިސްބަތްވާ ކުޅުންތެރިން ފިޔަވައި އެންމެ ގިނަ އަދަދަކަށް ހިމެނެމުން އައިސްފައިވަނީ އޭދަފުށްޓާއި، މަހިބަދޫގެ ކުޅުންތެރިންނެވެ.
ބައިނަލްއަގްވާމީ ފުޓްބޯޅައިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގައި އޭދަފުށްޓަށް ނިސްބަތްވާ މުހައްމަދު ޖަމީލް (ޖަންބޭ) އާއި މުހައްމަދު ސިފާން (ކުޑައްޓޭ) މުހިންމު ދައުރެއް އަދާކުރި އިރު އެޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި، ފޯވާޑް ލައިންގައި އިސް ދައުރެއް އަދާކުރި އަހްމަދު ތޯރިގް (ޓޮމް) އަކީ މަހިބަދޫއަށް އުފަން ދެ ކުޅުންތެރިންނެވެ.
އޭގެފަހުން ވެސް ފުޓްބޯޅައިގައި ރާއްޖޭން ހޯދި ކާމިޔާބީތަކުގައި މި ދެރަށުގެ ހިއްސާ ބޮޑެވެ. އަދި މިހާރު ވެސް އެކަން އޮތީ އެހެންނެވެ.

އޭދަފުށްޓާއި މަހިބަދޫ އިއްޔެ ބަލިވެފައިވަނީ އަމިއްލަ ރަށުގައި ކުޅުނު އެ ޒޯންގެ ކޮލިފައިން ބުރުގެ ފައިނަލުންނެވެ. ނޯތު ރީޖަން ލީގު ކޮލިފައިންގެ ފައިނަލްގައި އޭދަފުށި ބަލިވީ މަނަދޫއާ ވާދަކޮށް 6-5 އިންނެވެ. އަނެއްކޮޅުން މަހިބަދޫ ބަލިވީ ހުރާއާ ވާދަކޮށް 0-3 އިންނެވެ.
އޭދަފުށްޓާއި، މަނަދޫ ހިމެނުނު ނޯތު ރީޖަން ލީގު ޒޯން ދޭއްގައި ކުރިން ނައިފަރުން ބައިވެރިވާ ގޮތަށް އޮތް ނަމަވެސް ފަހު ވަގުތު ކޮލިފައިންއިން އެ ޓީމު ވަކިވުމާ ގުޅިގެން މި ޒޯނުގައި ކުޅުނީ ޗެމްޕިއަންކަން ކަނޑައަޅަން ކުޅުނު ފައިނަލް މެޗު އެކަންޏެވެ. އިއްޔެ ކުޅުނު ފައިނަލް މެޗުގެ 50 މިނެޓް ކުޅެ ނިމުނުއިރު އޭދަފުށި އޮތީ 5-2 އިން ކުރީގައެވެ. އެކަމަކު އޭގެ ފަހުން މަނަދޫއިން ހަތަރު ލަނޑު ޖަހައި ނަތީޖާ އެ ޓީމުކޮޅަށް އަނބުރާލި އެވެ. މަނަދޫއިން އޭދަފުށިގެ މައްޗަށް ކުރި ހޯދި ލަނޑު ޖަހައިފައިވަނީ މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގަ އެވެ.

މި މެޗުގައި އޭދަފުށްޓަށް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ ފުރަތަމަ ހާފުގައި އެޓީމުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމާއެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމާ ގުޅިގެންނެވެ.
މަހިބަދޫ އާއި ހުރާ ވާދަކުރި ސެންޓްރަލް ރީޖަން ކޮލިފައިންގެ ޒޯން އެކެއްގައި އެ ދެ ޓީމުގެ އިތުރުން ތޮއްޑޫ އާއި ހިންމަފުށި ވާދަކުރި އިރު މި ބުރުގެ ފައިނަލަށް މަހިބަދޫ އައީ ލީގު އުސޫލުން ކުރިއަށްގެންދިޔަ ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ދެވަނަ ޓީމުގެ ގޮތުގަ އެވެ. ލީގު އުސޫލުން ކުޅުނު ބުރުފައިވެސް މަހިބަދޫ ބަލިވީ ހަމައެކަނި ހުރާ އަތުންނެވެ. މި ބުރުގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް އައި ހުރާއިން އިއްޔެ ކުޅުނު ފައިނަލް މެޗުގައި އެޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ.
މަހިބަދޫ ބަލިކުރި ހުރާ އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އަތޮޅުތެރޭގެ އެންމެ ކާމިޔާބު ޓީމެވެ.
ފައިނަލުން އޭދަފުށްޓާއި، މަހިބަދޫ ބަލިވި ނަމަވެސް އެ ދެ ޓީމު ވެސް ވަނީ ރީޖަން ލީގަށް ކޮލިފައިވެފަ އެވެ.
