އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭ މެޗުތަކުގެ ތެރެއިން ޓިކެޓް ގަނެގެން ކުޅިބަލަން ވަންނަން ޖެހޭ މެޗުތަކުގެ ޓިކެޓް އޮންލައިންކޮށް ވިއްކާ ގޮތަށް އޭދަފުށި ކައުންސިލް އިދާރާއިން ހަމަޖައްސައިފި އެވެ.
އޭދަފުށީގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމެއް ބިނާކޮށްފައި އޮތުމާއެކު އޭދަފުށި ކައުންސިލުން އިންތިޒާމުކޮށްގެން އެ ސްޓޭޑިއަމްގައި ބާއްވާ މުބާރާތްތަކުގެ މެޗުތަކަށް ޓިކެޓް ގަނެގެން ވަދެވޭ ގޮތަށް އެންމެ ފުރަތަމަ ހަމަޖެއްސީ 2023 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ އިދާރާއިން އިންތިޒާމުކޮށްގެން އެ ސްޓޭޑިއަމްގައި ބޭއްވި އޭދަފުށި ކަޕްގެ މެޗުތައް ބަލަން ވަދެވެނީ ޓިކެޓް ގަނެގެންނެވެ. ބައެއް މެޗުތަކުގެ ޓިކެޓަށް ބާރު ބޮޑުވެ ގިނައިރު ކިއުޖެހިގެން ޓިކެޓް ގަންނަން ޖެހުމާއެކު ގިނަ ބައެއްގެ ޝަކުވާތައް ކައުންސިލަށް އޭރު އައީ ލިބެމުންނެވެ.
އޭދަފުށި ސްޓޭޑިއަމްގައި ކުޅޭ މެޗުތަކުގެ ޓިކެޓް ވިއްކާ ގޮތަށް މިހާރު ހަމަޖައްސާފައިވަނީ އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް އެކަންޏެވެ. މި ޕޯޓަލް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް މެޗަކަށް ފަސް ޓިކެޓް ނެގޭނެ އެވެ. އަދި ޖާގަ ހުސްކޮށް ހުރި ނަމަ އެމީހަކު ބޭނުންވާ ސީޓެއް އެ ޕޯޓަލް މެދުވެރިކޮށް އިހުރިޔާރު ކުރެވޭނެ އެވެ. ޓިކެޓް ނެގުމަށްފަހު ދަނޑަށް ވަދެވޭނީ ޓިކެޓް ނެގުމުން ލިބޭ ކިއުއާރު ކޯޑް ސްކޭން ކޮށްގެންނެވެ.

މެޗުތަކުގެ ޓިކެޓް ހަމައެކަނި އޮންލައިންކޮށް ވިއްކަން ހަމަޖެއްސުމާއެކު އާންމު ބައެއް ފަރާތްތަކުން ކޮންމެވެސް ވަރަކަށް ކަންބޮޑުވުން ފާޅުކުރި ނަމަވެސް މެނުއަލްކޮށް އެއްވެސް ޓިކެޓެއް ވިއްކުމުގެ ވިސްނުމެއް ނެތް ކަމަށް އޭދަފުށި ކައުންސިލްގެ މެންބަރު ޒައިދު އަލީ ވަނީ ވިދާޅުވެފަ އެވެ.
"ބައެއް ބޭފުޅުންގެ ޝަކުވާ އެބަހުރި ލިބިފަ މެނުއަލްކޮށް ޓިކެޓް ނުވިއްކާތީ. އެކަމަކު އަޅުގަނޑުމެން ބޭނުންވަނީ މިކަން އެއްކޮށް އޮންލައިންކޮށް ކުރިއަށްގެންދަން." އޮންލައިންކޮށް ޓިކެޓް ވިއްކުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޒައިދު ވިދާޅުވެފައިވެ އެވެ.
https://www.facebook.com/permalink.php?story_fbid=pfbid0SdZTd9pXQ6zUvv4H3zmgUjCjDwiTwgh58B3afdEAJoh4soajsyVVb6i4uXtpu8Kql&id=100069194679977&__cft__[0]=AZY2x-T7DoO-NboBw6fQ4keK8hJzmg03ll3LJ-toemK2Hv6WSM3M2wGjVSw_4c907z7xCD1WqJbhOTStdsxypNv_RLelf283TyEgQG4KvonZOhreKhnMExI5Gw-n-efuuzMnzDk-reg7eXuZNgJmTW1UZtV6EqD60LpWXNKWPn4RmUCx_iNZy3_tT77arKD4zA0&__tn__=%2CO%2CP-R
ޓިކެޓް ގަތުމަށް ހާއްސަކޮށްފައިވާ ޕޯޓަލްއަށް އަހުލުވެރިކުރުވުމުގެ ގޮތުން، މިއަދު އޭދަފުށީގައި ކުޅެން ހަމަޖެހިފައި އޮތް ނޯތު ރީޖަން ލީގު ކޮލިފައިން ޒޯން ދޭއްގައި އޭދަފުށްޓާ މަނަދޫ ވާދަކުރާ ފައިނަލް މެޗުގެ ޓިކެޓް ހިލޭ ދޫކުރުމަށް އޭދަފުށި ކައުންސިލް އިދާރާއިން ވަނީ ހަމަޖައްސައިފަ އެވެ. އެހެންނަމަވެސް އޭދަފުށި ޓީމު ރަށުގައި ކުޅޭ ނޯތު ރީޖަން ލީގު މެޗުތަކުގެ ޓިކެޓް ޕޯޓަލް މެދުވެރިކޮށް ވިއްކާނީ އެވެ.
ސިޑިބަރިއާއެކު ސްޓޭޑިއަމް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. އެ މަޝްރޫއުގެ ދަށުން 100 މީހުންގެ ޖާގައިގެ ރޮސްޓްރަމްއަކާއި 900 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ ސިޑިބަރިއެއް ވަނީ ހަދައިފަ އެވެ.
މިއީ ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ފުޓްބޯޅަ ސްޓޭޑިއަމް
އޭދަފުށްޓަށް އުފަން ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ނަޒީރުބޭ) ގެ އަމިއްލަ ހަރަދުގައި ބިނާކޮށްފައިވާ މި ސްޓޭޑިއަމަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ފުރިހަމަ ފުޓްބޯޅަ ސްޓޭޑިއަމެވެ. ސްޓޭޑިއަމްގައި އަޅާފައި އޮތް ޓާފަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ކަނޑައަޅާފައިވާ އެންމެ މަތީ މިންގަނޑަށް ފުޓްބޯޅައިގެ އިންފްރާ ސްޓްރަކްޗާ އަދި އެއާ ގުޅޭ ޓެކްނޮލޮޖީ އުފައްދާ އިޓަލީގެ ލިމޮންޓް ސްޕޯޓްސް ކުންފުނިން ފޯރުކޮށްދީފައިވާ ޓާފެކެވެ. މި މަސައްކަތުގައި ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި ލިމޮންޓް ސްޕޯޓްސް ކުންފުންޏަކީ ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ ސްޕެއިންގެ ރެއާލް މެޑްރިޑް އަދި އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން ފަދަ ކްލަބްތަކަށް ޓާފް ފަދަ ވަސީލަތްތަކާއި އަދި އެއާ ގުޅޭ ޓެކްނޮލޮޖީ މިހާރުވެސް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

އޭދަފުށި ފުޓްބޯޅަ ސްޓޭޑިއަމްގެ އެންމެ ހާއްސަ އަނެއް ކަމަކީ ވާރޭ ވެހުމުގެ ސަބަބުން ދަނޑަށް އޮހޭ ފެން ދަނޑުގެ ހަތަރު ފަރާތުން ފައިބައިގެން ގޮސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިނދޭ ގޮތަށް ފަރުމާކޮށްގެން ހަދާފައިވާ ފެން ހިންދާ ނިޒާމެވެ. މިވަގުތު ރާއްޖޭގައި އަޅާފައި އޮތް އެއްވެސް ޓާފް ދަނޑެއްގައި މިހާތަނަށް ގާއިމުކޮށްފައި ނެތް މި ނިޒާމަކީވެސް ޔޫރަޕްގެ ބައެއް ބޮޑެތި ފުޓްބޯޅަ ދަނޑުތަކުގައި ގާއިމުކޮށްފައިވާ މިފަދަ ނިޒާމުތަކާއި އެއްފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާއިމުކޮށްފައިވާ ނިޒާމެކެވެ.

ސްޓޭޑިއަމްގައި އިތުރަށް ގާއިމުކުރި ވަސީލަތްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މެޗް ކުޅޭ ދެ ޓީމަށް ހާއްސަކޮށްފައިވާ ޗޭންޖިން ރޫމެވެ. ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ހާއްސަކޮށް ލޮކަރު ތައްޔާރުކޮށްފައި ހުންނަ މި ރޫމް ގިނަ ބަޔަކަ އެއްގޮތްކުރީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބިނާކޮށްފައިވާ އެމިރޭޓްސް ނުވަތަ ސްޓެންފަޑް ބްރިޖް ފަދަ ދުނިޔޭގެ ގިނަ ބަޔަކުވެސް ދަންނަ ފުޓްބޯޅަ ސްޓޭޑިއަމްތަކުގައިވެސް ހުންނަ ޖޭންޖިން ރޫމާއެވެ. އެހާވެސް އެތަން ބަލައިލަން ހިތްގައިމެވެ.
https://fahuminet.com/tournaments/bml-north-region-league-qualifiers-zone-2
ޗޭންޖިން ރޫމްގެ އިތުރުން މި ސްޓޭޑިއަމްގައި މިހާރު މެޑިކަލް ރޫމަކާއި، ޕްރެސް ރޫމަކާއި، ރެފްރީސް ރޫމަކާއި، ވީއައިޕީން މަޑުކޮށްލެއްވުމަށް ހާއްސަކޮށްފައިވާ ލައުންޖަކާއި، ނަމާދުކުރާ ކޮޓަރިއަކާއި، މީޑިއާ ބޮކްސްއެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ މެޗުތައް ރޭގަނޑުވެސް ބޭނުންކުރެވޭ ފެންވަރުގެ ލައިޓިން ސިސްޓަމެއް ހަރުކޮށްފައިވާއިރު ސްޓޭޑިއަމްގައި ބެކަޕް ޖަނަރޭޓަ ސިސްޓަމެއްވެސް ވަނީ ގާއިމުކޮށްފަ އެވެ.
