ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2026 ގައި ރޭ މަހިބަދޫ ޖިބިއްލީ ސްޕޯޓްސް ކްލަބުން 0-9 ގެ ބޮޑު ތަފާތަކުން ކެނދުކުޅުދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ރޭ ޖިބިއްލި ހޯދި ބޮޑު މޮޅުގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރިން ވަނީ ގޯލު ޖަހައިފަ އެވެ.
ޖިބިއްލީގެ 9 ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި އަލީ ފާސިރު (ސެންޓޭ) ހެޓްރިކް ހެދިއިރު އަލީ އަޝްފާގް (ދަގަނޑޭ) ވެސް މެޗުގައި ދެ ގޯލު ޖެހި އެވެ. އަދި، އަރަމުން އަންނަ ޒުވާން ތަރި އަހުޒަމް ރަޝީދު ވެސް ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ދަގަނޑޭ އަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ސެންޓޭ އަކީ ރާއްޖޭގެ މި ޖީލު ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އަނެއްކޮޅުން އަހުޒަމަކީ މިހާރު ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ޒުވާން ކުޅުންތެރިޔާ އެވެ. އެންމެ 18 އަހަރުގައި އަޒުހަމް ވަނީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.
މި ތިން ކުޅުންތެރިންގެ އިތުރުން ރޭ ޖިބިއްލީ އަށް ގޯލު ކާމިޔާބުކޮށްދިނީ އަލީ ނަސޫހު ރަޝީދު އާއި އަބްދުﷲ ޖުނައިދު (ޖޭންނެ) އެވެ.

މެޗުގައި ކެނދިކުޅުދޫ އަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނެވެ. އެކަމަކު އެ ފުރުސަތުތަކުގެ ބޭނުން އެޓީމަކަށް ނުހިފުނެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ޖިބިއްލި އާއި ދެ ވަނައިގައި އޮތް އަލިފުށި ރެކްރިއޭޝަން ކްލަބަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޖިބިއްލި އެއް ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މިރޭގެ މެޗުން ބަލިވުމާ އެކު ކެނދިކުޅުދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ. އެޓީމު ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. މިއަހަރުގެ މުބާރާތަށް ކެނދިކުޅުދޫ ނުކުތީ ރަށުން ހޮވާލެވުނު ޓީމަކާ އެކު އެވެ. އެކަމަކު އަތޮޅުތަކުން ބައިވެރިވި އެހެން ޓީމުތަކުގެ ސްކޮޑް ފެންނަނީ އެއަށްވުރެ ވަރުގަދަކޮށެވެ. ގިނަ ޓީމުތަކުގައި ގައުމީ ޓީމާއި ފުރަތަަމަ ޑިވިޝަނުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނެ އެވެ.
https://fahuminet.com/tournaments/the-mangrove-island-championship-2026
މެންގްރޫވް ޗެމްޕިއަންޝިޕްގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެފްސީ މާފަރާއި ނައިފަރު ޗެލްސީ އެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް މާފަރަށް ސެމީ ފައިނަލުގެ ޖާގައެއް ޔަގީންވާނެ އެވެ. އަދި، ބޮޑު ތަފާތަކުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް މާފަރަށް ސެމީގެ ޖާގަ ލިބޭނެ އެވެ. ނައިފަރު ޗެލްސީ ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފަ އެވެ.
މެންގްރޫވް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމައި ސެމީ ފައިނަލް މެޗުތައް ކުޅޭނީ އޭޕްރީލް 27 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 30 ވަނަ ދުވަހު އެވެ.
