ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު މާޒިޔާ ޖޫނިއާސް އާއި އަލިފުށި ރެކްރިއޭޝަން ކްލަބް ވާދަކުރި މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.
ނ. ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ފެނުނު މެޗަކީ މިހާތަނަށް މުބާރާތުގައި ފެނުނު އެންމެ ފޯރިގަދަ އެއް މެޗެވެ.
މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނެގީ މާޒިޔާ އިންނެވެ. އެޓިމުގެ ފުރަތަމަ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ނައްސާހް އިބްރާހީމް ނާސިރު އެވެ.
އާ ހިތްވަރަކާ އެކު ނުކުމެ އަލިފުށިން ތިން ގޯލު ޖަހައި މެޗުގެ ނަތީޖާ އެއްކޮށް ބަދަލުކޮށްލި އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު އަލިފުއްޓަށް ގާތްގާތުގައި ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ހުސާމް އާއި އާދަމް އިމްރާނެވެ. އެޓީމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ އޭގެ އިރުކޮޅެއް ފަހުން އަބްދުﷲ ޔާމީން އެވެ.

އަލިފުށި ފަހަތުން އަރައި ޖެހި ތިން ގޯލާ އެކު މެޗު ނިމެން ދަނިކޮށް މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) ވަނީ 83 ވަނަ މިނެޓުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސަމޫހު ވަނީ މާޒިޔާ ޖޫނިއާސްގެ ފުރަތަމަ މެޗުގައި ވެސް ފަހު ވަގުތު ޖިބިއްލީ ކޮޅަށް ގޯލު ޖަހައި އެޓީމަށް ޕޮއިންޓެއް ކަށަވަރުކޮށްދީފަ އެވެ.
މެންގްރޫވް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ އަލިފުއްޓެވެ. ދެ ވަނައިގައި އޮތް މާޒިޔާ ޖޫނިއާސް އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ތިން ވަނައިގައި އެއް ޕޮއިންޓް ލިބިފައިވާ ޖިބިއްލީ ސްޕޯޓްސް ކްލަބް އޮތްއިރު ފުލުގައި މިވަގުތު އޮތީ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބެވެ.
https://fahuminet.com/tournaments/the-mangrove-island-championship-2026
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޖިބިއްލީ އާއި ކެނދިކުޅުދޫ އެވެ.
މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރަމުންދާއިރު، ގްރޫޕް ބީގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ނައިފަރު ޗެލްސީންނެވެ.
