ބީއެމްއެލް ސައުތު ރީޖަން ލީގު ކޮލިފައިންގެ ޒޯން ދޭއްގައި މިއަދު ގދ. ހޯޑެއްދޫ އާއި ގދ. ގައްދޫ ވާދަކުރާނެ އެވެ.
ތިން ޓީމު ހިމެނޭ މި ޒޯންގައި ދެން ވާދަކުރަނީ ސ. ފޭދޫ އެވެ. ސ. ހިތަދޫ ވެސް މި ބުރަށް ކޮލިފައިވި އެވެ. އެކަމަކު އެޓީމު ޒޯން ބުރުގައި ނުކުޅެ އެވެ.
މިއަދު ހަވީރު ހޯޑެއްދޫ އާއި ގައްދޫ ވާދަކުރާއިރު، މި ދެޓީމު ވަނީ އަތޮޅު ބުރުގައި ވާދަވެރި މެޗުތަކެއް ކުޅެފަ އެވެ.
އަތޮޅު ލީގު ބުރުގައި ގައްދޫން ވަނީ 1-3 އިން ހޯޑެއްދޫ ބަލިކޮށްފަ އެވެ. އަދި، އަތޮޅު ފައިނަލުގައި 2-2 އިން އެއްވަރުވި މެޗުގައި ޕެނަލްޓީގައި ހޯޑެއްދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ގައްދޫ އެވެ.
މި ދެޓީމުގެ ވާދަވެރި މެޗެއް މިއަދު އަނެއްކާވެސް ޒޯން ބުރުގައި ފެންނާނެ އެވެ. މި ޒޯނުގެ ފުރަތަމަ މެޗުގައި ގައްދޫ އާއި ފޭދޫ ވާދަކޮށް އެއްވަރުވީ 2-2 އިންނެވެ. އެހެންވެ މިއަދުގެ މެޗުން މޮޅުވާ ޓީމަކަށް ޒޯން ފައިނަލުން އަދި ދެކުނުގެ ފައިނަލް ބުރުން ފުރުސަތު ލިބިގެންދާނެ އެވެ.
މި ހުރިހާ ސަބަބަކާ ހެދި ހޯޑެއްދޫން މިއަދު ނުކުންނާނީ ގައްދޫގެ ކިބައިން ބަދަލުހިފާށެވެ.
https://fahuminet.com/tournaments/bml-south-region-league-qualifiers-zone-2
ހޯޑެއްދޫ އާއި ގައްދޫގެ މެޗަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އޭޕްރީލް 26 ވަނަ ދުވަހު ފޭދޫ އާއި ހޯޑެއްދޫ ކުޅޭނެ އެވެ.
ދެކުނު ޒޯން ދޭއްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 29 ވަނަ ދުވަހުގެ ހަވީރެވެ. މި ޒޯނުގެ ހުރިހާ މެޗެއް ވެސް ކުޅެނީ ގައްދޫގަ އެވެ.
މުޅި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޒޯން ބުރުތައް ކުރިއަށްދާއިރު، ޓީމުތަކުން މަސައްކަތްކުރަމުން އަންނަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދާށެވެ.
