ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ރީޖަނަލް ލީގު ކޮލިފިކޭޝަން މެޗުތަކުގެ ތެރެއިން މަހިބަދޫގައި ކުރިއަށްދާ ސެންޓްރަލް ރީޖަން ލީގު ޒޯން އެކެއްގެ ކޮލިފައިން ބުރުގެ ފައިނަލަށް މި ބުރުގައި އެއްވެސް މެޗަކުން ބަލިނުވެ އޮތް ހުރާ ދަތުރުކޮށްފި އެވެ.
މަހިބަދޫގައި މި މަހުގެ 15 ވަނަ ދުވަހު ފެށި ސެންޓްރަލް ރީޖަން ލީގު ކޮލިފައިންގައި ހަތަރު ރަށަކުން ލީގު އުސޫލުން ވާދަކުރަމުން އައިސް މިއަދު ކުޅުނު ފަހު މެޗާ ހަމައަށް އައިއިރު ފައިނަލްގެ ދޮރު މުޅިން ބަންދުވެފައި އޮތީ މި ބުރުގައި އެއްވެސް މެޗަކުން ޕޮއިންޓެއް ނުހޯދުނު ތޮއްޑޫއަށް އެކަންޏެވެ.
މިއަދު ހަވީރު މަހިބަދޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ހިންމަފުށްޓާއި ހުރާ ވާދަކުރަން ނުކުތްއިރު މި ބުރުގެ އެއްވަނައިގައި ހަ ޕޮއިންޓާއި ފައިދާ ހަތަރު ގޯލާއެކު އެއްވަނައިގައި އޮތީ ހުރާ އެވެ. ހަ ޕޮއިންޓާއި ފައިދާ ތިން ގޯލާއެކު ދެވަނައިގައި މަހިބަދޫ އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓް ލިބިގެން އޮތީ ހިންމަފުށްޓެވެ.

މަހިބަދޫ ދެވަނައިގައި އޮތަސް އެ ޓީމު ކުޅެންޖެހޭ ހުރިހާ މެޗެއް ހަމަވެފައި އޮތުމާއެކު އެންމެ ދަށްވެގެން ދެވަނަ ޓީމުގެ ގޮތުގައި ފައިނަލްގެ ޖާގައެއް ލިބޭނެކަން އޮތީ ކަށަވަރުވެފަ އެވެ.
ފައިނަލްގެ ޖާގަ މުޅިން ކަށަވަރުކުރަން ހުރާއަށް އޮތީ އެންމެ ދަށްވެގެން ދެ ލަނޑުގެ ތަފާތަކުން ބަލި ނުވެ ސަލާމަތްވުމެވެ. ހިންމަފުށްޓާއި ހުރާ މިއަދު ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ހިންމަފުށިން ދެފަހަރެއްގެ މަތިން ލީޑުވެސް ނެގި އެވެ. ހުރާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށްވެފައި އޮއްވައެވެ.
މަހިބަދޫ އާއި ހުރާ ވާދަކުރާ މި ބުރުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
https://fahuminet.com/tournaments/bml-central-region-league-qualifiers-zone-1
ސެންޓްރަލް ލީގު ކޮލިފައިންގެ ޒޯން ދޭއްގައި ދ. މީދޫގައި ކުރިއަށްދާ ބުރުގައި މިއަދު ހަވީރު ކުޑަހުވަދޫ އާއި ފ. ނިލަންދޫ ވަނީ ވާދަކޮށްފަ އެވެ. މި ބުރުގައި ހިމެނޭ ގްރޫޕް ބީގެ އެއްވަނަ ޓީމު ކަނޑައަޅަން ކުޅުނު މި މެޗު 0-2 އިން ކާމިޔާބުކުރީ ކުޑަހުވަދޫ އެވެ.
މި ބުރުގައި ހިމެނޭ ގްރޫޕް އޭގެ މެޗުތައް ވެސް މިހާރު ނިމިފައިވާއިރު މި ގްރޫޕްގެ އެއްވަނަ ހޯދާފައިވަނީ މީދޫއެވެ. ދެ ވަނަ ހޯދީ މ. މުލަކެވެ.
