އިނގިރޭސި ކްލަބް ޗެލްސީ ފުޓްބޯޅަ ކްލަބް ކިތަންމެ ހާލުގައި އޮތަސް، ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ޗެލްސީގެ ނަން ހިމަނައިގެން ވާދަކުރާ ނައިފަރު ޗެލްސީން ބޮޑު މޮޅަކުން މިރޭ މުބާރާތް ފަށައިފި އެވެ.
ނ. ކެނދިކުޅުދޫގައި ކުރިއަށްދާ، ގިނަބައެއްގެ ސަމާލުކަން ލިބިފައިވާ މުބާރާތުގައި ނައިފަރު ޗެލްސީ މިރޭ މޮޅުވީ މަނަދޫ ސްޕޯޓްސް ކްލަބާ ވާދަކޮށް 0-7 އިންނެވެ.
މޮޅާ އެކު ނައިފަރު ޗެލްސީ އަށް ވަނީ ސެމީ ފައިނަލުގެ ފުރުސަތު ލިބިފަ އެވެ.
ނައިފަރު ޗެލްސީ މިފަހަރުގެ މުބާރާތަށް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. ބިދޭސީ ކުޅުންތެރިންނާއި މަޝްހޫރު ދިވެހި ކުޅުންތެރިންނާ އެކު އެޓީމުގައި ތަރިން ގިނަ އެވެ.
މެޗުގައި ނައިފަރުގެ ހަތް ގޯލުގެ ތެރެއިން އަލްހާޖީ ގެރޯ އާއި އިބްރާހީމް ލެބީ، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އެޓީމުގެ ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމް އާއި އަބްދުލައި ބިލިޓީ އަދި މުހައްމަދު ފާސިރު (ފާއްޓެ) އެވެ. މި ހުރިހާ ކުޅުންތެރިންނަކީ ވެސް މިފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ފެނުނު ކުޅުންތެރިންނެވެ.
މުޅި މެޗުގައި ނައިފަރު ޗެލްސީން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ.

މޮޅާ އެކު ނައިފަރު ޗެލްސީ ވަނީ ގްރޫޕް ބީގެ އެއް ވަނަ އަށް އަރައިފަ އެވެ. މާފަރާއި މަނަދޫ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕުގެ ފަހު މެޗުގައި ނައިފަރު ޗެލްސީ ނުކުންނާނީ މާފަރާ ދެކޮޅަށެވެ. ދެ މެޗު ކުޅެފައިވާ މަނަދޫ އަށް ސެމީގެ ފުރުސަތު ލިބޭނީ ގްރޫޕުގެ ފަހު މެޗުން ވާގޮތަކުންނެވެ.
މުބާރާތުގައި މާދަމާ ގްރޫޕް އޭގެ ދެ މެޗު ކުޅޭނެ އެވެ. ހަވީރު ހަތަރެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އަލިފުށި ރެކްރިއޭޝަން ކްލަބާއި މާޒިޔާގެ ޖޫނިއާ ޓީމެވެ. ރޭގަނޑު ކުޅޭ މެޗުގައި ޖިބިއްލި ސްޕޯޓްސް ކްލަބް ނުކުންނާނީ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
https://fahuminet.com/tournaments/the-mangrove-island-championship-2026
މިއަހަރުގެ މުބާރާތުގައި ހަތް ޓީމު ވާދަކުރާއިރު، ކެނދިކުޅުދޫ ނޫން ހުރިހާ ޓީމަކީ ވެސް އެހެން އަތޮޅުތަކުގެ ޓީމުތަކެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ. މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ ހަބަރުތަކާއި ލައިވްސްކޯ ގެނެސްދޭނެ އެވެ.
