ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ ރީޖަނަލް ލީގު ކޮލިފައިން މެޗުތަކުގެ ތެރެއިން ދ. މީދޫގައި މިހާރު ކުރިއަށް ގެންދާ ސެންޓްރަލް ލީގު ކޮލިފައިންގެ ޒޯން ދޭއްގެ ގްރޫޕް ބީގެ އެއްވަނަ ޓީމު ކަނޑައަޅާ މެޗުގައި މިއަދު ހަވީރު ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ ވާދަކުރާނެ އެވެ.
މީދޫގައި މި މަހުގެ 15 ވަނަ ދުވަހު ފެށި ސެންޓްރަލް ލީގު ކޮލިފައިން ގައި ބައިވެރިވި ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުޅެން ތައްޔާރުވެފައި ވަނިކޮށް އޭގެ ތެރެއިން އެއް ރަށް ކަމަށްވާ މ. ވޭވަށް މުބާރާތުން ވަކިވުމާ ގުޅިގެން ގްރޫޕް ބީގައި އޮތީ ކުޑަހުވަދޫ އާއި ނިލަންދޫ އެކަންޏެވެ.
ސެންޓްރަލް ލީގު ކޮލިފައިންގެ މީދޫ ބުރުގެ މެޗުތައް ކުޅެން ހަމަޖައްސާފައިވަނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ސެމީ ފައިނަލްގައި ކްރޮސްކޮށް ވާދަކޮށްގެން ފައިނަލްގައި ކުޅޭނެ ދެ ޓީމު ކަނޑައަޅާށެވެ. ކުޑަހުވަދޫ އާއި ނިލަންދޫ މިއަދު ވާދަކުރާ މެޗަކީ ގްރޫޕް ބީގެ އެއްވަނަ ޓީމު ކަނޑައެޅުމަށް ބާއްވާ މެޗެކެވެ.
މި ކޮލިފައިން ބުރުގެ ގްރޫޕް އޭގައި ކުޅެންޖެހޭ ހުރިހާ މެޗެއް މިހާރު ނިމިފައިވާއިރު އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ މީދޫ އެވެ. މި ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައިވަނީ މ. މުލަކެވެ.
ރީޖަނަލް ލީގު ކޮލިފައިންގައި އިއްޔެ މީދޫގައި މ. މުލަކާއި ކެޔޮދޫ ވާދަކޮށް 2-2 އިން އެއްވަރުވި މެޗުގެ އިތުރުން ދެ ސަރަހައްދެއްގައި އިއްޔެ މެޗުތައް ކުޅުނެވެ. ނޯތު ރީޖަން ލީގު ކޮލިފައިންގެ ޒޯން އެކެއްގައި ހއ. ދިއްދޫ އާއި ކުޅުދުއްފުށި ވާދަކުރި މެޗު 1-4 އިން ދިއްދޫ ކާމިޔާބުކުރި އިރު ސެންޓްރަލް ލީގު ކޮލިފައިންގެ ޒޯން އެކެއްގައި އިއްޔެ މަހިބަދޫއިން ވަނީ ހަމަ އެ ނަތީޖާއިން ތޮއްޑޫ ބަލިކޮށްފަ އެވެ.
https://fahuminet.com/tournaments/bml-central-region-league-qualifiers-zone-2
މީދޫ ގައި މިއަދު ކުޑަހުވަދޫ އާއި ނިލަންދޫ ވާދަކުރާ މެޗުގެ އިތުރުން ރީޖަނަލް ލީގު ކޮލިފައިންގައި ދެން މިއަދު އޮންނާނީ މަހިބަދޫގައި ކުރިއަށްދާ ސެންޓްރަލް ރީޖަން ލީގު ކޮލިފައިން ގައި ހިންމަފުށްޓާއި ހުރާ ވާދަކުރާ މެޗެވެ.
ނިލަންދޫ އާއި ކުޑަހުވަދޫ ވާދަވެރި މެޗަކަށް ނުކުންނައިރު، މި ދެޓީމަކީ ވެސް މީގެކުރިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ރޫޓުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާ ދެ ޓީމެވެ.
ސެންޓްރަލް ލީގު ޒޯން ދޭއްގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އޭޕްރީލް 24 އަދި އޭޕްރީލް 25 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 28 ވަނަ ދުވަހެވެ.
