ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ބާއްވާ ނ. ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާ ވާދަކޮށް ރ. އަލިފުށި ރެކްރިއޭޝަން ކްލަބުން މިއަދު 0-3 ގެ ބޮޑު މޮޅެއް ހޯދައިފި އެވެ.
މުބާރާތަށް ވަރުގަދައަށް ތައްޔާރުވި އަލިފުށި މިއަދުގެ މެޗު ކާމިޔާބުކުރީ މޮޅު ކުޅުމެއް ދައްކައިގެންނެވެ.
މެޗުގައި އެޓީމުގެ ތިން ގޯލު ވެސް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ކީނޫ މާގަލް މާޝް ބްރައުން އެވެ. އަދި، ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި ބްރައުންގެ ގޯލުން މެޗުގެ ލީޑު އަލިފުށިން ފުޅާކުރި އެވެ.
އަލިފުށީގެ ފަހު ގޯލު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އޮގުންބޭ ގާނީ އެޓަންޑާ އެވެ.

މެޗުގައި ކެނދިކުޅުދޫން ވެސް ފުރުސަތުތައް ތަނަވަސްކުރި އެވެ. އެކަމަކު މުހައްމަދު ރަޝީދު (ހޮކޭ) ގެ ލީޑަރޝިޕްގައި ކުޅެމުން އަންނަ އަލިފުށިން ވަނީ ކެނދިކުޅުދޫގެ ކުޅުން ހުއްޓުވުމުގައި ކުރި ހޯދައިފަ އެވެ.
މުބާރާތުގައި ހަތް ޓީމު ވާދަކުރާއިރު މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. މިއަދު އަލިފުށި ހޯދި މޮޅަކީ މުބާރާތުގައި ޓީމަކުން ހޯދި ފުރަތަމަ މޮޅެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ވަނީ މަނަދޫ އާއި މާފަރު ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި، ރޭ އދ. މަހިބަދޫ ޖިބިއްލީ ސްޕޯޓްސް ކްލަބާއި މާޒިޔާގެ 23 އަހަރުން ދަށުގެ ޓީމު ވާދަކުރި މެޗު ވެސް އެއްވަރުވީ 2-2 އިންނެވެ.
އަލިފުށި ހިމެނޭ ގްރޫޕުގައި ކެނދިކުޅުދޫގެ އިތުރުން ހިމެނެނީ މާޒިޔާ އަދި ޖިބިއްލީ އެވެ. ގްރޫޕް ބީގައި ހިމެނެނީ މަނަދޫ އާއި މާފަރު އަދި ނައިފަރު ޗެލްސީ އެވެ.
https://fahuminet.com/tournaments/the-mangrove-island-championship-2026
މުބާރާތުގައި މާދަމާ އެއް މެޗު ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނައިފަރު ޗެލްސީ އާއި މަނަދޫ އެވެ. މިއީ ނައިފަރު ޗެލްސީ މުބާރާތުގައި ކުޅޭނެ ފުރަތަމަ މެޗެވެ.
ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕަކީ އަތޮޅުތެރޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެވެ. މުޅި ރާއްޖޭން މިއަހަރުގެ މުބާރާތުގައި ވާދަކުރަމުން އައުމަކީ މިފަހަރުގެ މުބާރާތް އިތުރަށް ފޯރިގަދަވެފައިވާ ސަބަބެކެވެ.
