Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / މެންގްރޫވް އައިލެންޑުން އެފްއޭއެމަށް އިލްތިމާސެއް: ގައުމީ ޓީމުގެ ޕްރެކްޓިސް ފަސްކޮށްލަދީ
މެންގްރޫވް އައިލެންޑުން އެފްއޭއެމަށް އިލްތިމާސެއް: ގައުމީ ޓީމުގެ ޕްރެކްޓިސް ފަސްކޮށްލަދީ
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ވާހަކަދައްކަވަނީ. އެފްއޭއެމްގެ ކިބައިން އެދިވަޑައިގަތީ ގައުމީ ޓީމުގެ ފަރިތަކުރުން ހަތަރު ދުވަހަށް ފަސްކޮށްދިނުމަށް. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

މެންގްރޫވް އައިލެންޑުން އެފްއޭއެމަށް އިލްތިމާސެއް: ގައުމީ ޓީމުގެ ޕްރެކްޓިސް ފަސްކޮށްލަދީ

ފަހުމިނެޓް
ފަހުމިނެޓް
19 ގަޑިއިރު ކުރިން 21 އެޕްރީލް 2026

ނ. ކެނދިކުޅުދޫގައި ކުރިއަށްދާ ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އައުމާއެކު، އަންނަ ހަފްތާގައި ފަށަން ހަމަޖައްސާފައި އޮތް ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުޑަ ތަންކޮޅެއް ފަސްކޮށްދިނުމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކިބައިން އެދިއްޖެ އެވެ.

ކެނދިކުޅުދު ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް މިކަމަށް އިލްތިމާސްކުރެއްވީ މުބާރާތް ފެށުމަށްޓަކައި ރޭ އެރަށުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ދެއްކެވި ވާހަކައިގަ އެވެ.

ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މި މަހުގެ 26 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސާފައިވާކަން އެފްއޭއެމުން ވަނީ އިއުލާންކޮށްފަ އެވެ.

މިދަނޑުގަ ކުޅެން އައިސް ގައުމީ ޓީމުގެ 17 ކުޅުންތެރިން އެބަތިބި. އަޅުގަނޑު ގޮވާލަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެރިންނަށް މިހާރު ފަށަން އުޅޭ ނެޝަނަލް ޓީމުގެ ޕްރެކްޓިސް މިމަހުގެ 26 ވަނަ ދުވަހު ފަށާ ގޮތަށް އޮތް އޮތުން ހަތަރު ދުވަސް މަޑުކޮށްލަދެއްވާށޭ. ސައްބީހުން ފެށިގެން އެންމެ ހަތަރު ދުވަސް. އެއީ އަޅުގަނޑުމެންގެ މުބާރާތް ނިމޭ ދުވަސް. ފުޓްބޯޅައަށްޓަކައި އަދި އަޅުގަނޑުމެން މިކުރާ މަސައްކަތަށް ހިތްވަރެއް ދެންޏާ ހަތަރު ދުވަސް ލަސްކޮށްލަ ދެއްވާށޭ. ނެޝަނަލް ޓީމުގެ ޕްރެކްޓިސް އަންނަ މަހު އެކަކަށް. 


ކެނދިކުޅުދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި މިފަހުރު ވާދަކުރަމުން އަންނަ ޓީމުތަކަށް އެފްއޭއެމުން މިހާރު އިއުލާންކޮށްފައިވާ ގައުމީ ޓީމުގެ ސްކޮޑްގައި ހިމެނޭ 17 ކުޅުންތެރިއަކު އަންނަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ގޯލް ޖަހައިދީފައިވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އެންމެ ފަހުން ގައުމީ ޓީމު ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗުން މޮޅުކޮށްދިން ގޯލް ކާމިޔާބުކޮށްދީފައިވާ އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން ގައުމީ ޓީމުގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓެ) ވެސް ހިމެނެ އެވެ.

ދި މެންގްރޫވް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ކައުންސިލުން އެދުނީ އެ މުބާރާތުގައި ކުޅޭ ގައުމީ ޓީމު ކުޅުންތެރިންނަށް ފުރުސަތު ލިބޭ ގޮތަށް ގައުމީ ޓީމުގެ ފަރިތަކުރުން މަޑުޖައްސާލަދޭން. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް
ދި މެންގްރޫވް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ކައުންސިލުން އެދުނީ އެ މުބާރާތުގައި ކުޅޭ ގައުމީ ޓީމު ކުޅުންތެރިންނަށް ފުރުސަތު ލިބޭ ގޮތަށް ގައުމީ ޓީމުގެ ފަރިތަކުރުން މަޑުޖައްސާލަދޭން. ފޮޓޯ: މެންގްރޫވް ޗެމްޕިއަންޝިޕް

ޗެމްޕިއަން ޓީމަށް ތިން ލައްކަ ރުފިޔާ ހުށަހަޅާފައިވާ މި ފުޓްބޯޅަ މުބާރާތް އިއްޔެ ފަށާފައިވާއިރު މުބާރާތުގެ ކުޅުން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މި މަހުގެ 25 އާ ހަމައަށް ކުރިއަށްދާ ގޮތަށް ތާވަލް ކޮށްފައިވާއިރު ސެމީ ފައިނަލް މެޗުތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އެދިވަޑައިގަތީ މުބާރާތުގައި ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ފަރިތަކުރުންތައް ފެށުން ފަސްކޮށްދޭށެވެ.

https://fahuminet.com/tournaments/the-mangrove-island-championship-2026

"މިއީ ހަގީގަތުގަވެސް ފުޓްބޯޅައިގެ ވަރަށް ބޮޑު ހަރަކާތެއް. މިއީ ފުޓްބޯޅައަށްޓަކައި އަޅުގަނޑުމެން ކުރާ ވަރަށް ބޮޑު މަސައްކަތެއް. މި މަސައްކަތުގަ އަޅުގަނޑުމެންގެ އަތުގަ ހިފައިގެން މިއަދު ދާން އޮތް ބަޔަކީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް. އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދުކުރަން އެފްއޭއެމުން އަޅުގަނޑުމެންގެ މި އިލްތިމާސަށް އިޖާބަދެއްވާނެ ކަމަށް." ރައޫފް އިތުރަށް ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ މުބާރާތް އޮންނާނީ ޖޫން 1 އިން 10 އަށް ގަލޮޅު ދަނޑުގަ އެވެ. މުބާރާތުގައި ރާއްޖޭގެ އިތުރުން ކުޅޭނީ ސްރީ ލަންކާ އާއި ޕާކިސްތާން އަދި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމެވެ. 

ކޮމެންޓްސް

Matches
7
Ongoing
2
Upcoming
Settings