ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ކުރިއަށްގެންދާ ސެންޓްރަލް ލީގު ކޮލިފައިންގެ ޒޯން އެކެއްގެ ފައިނަލުގެ ޖާގައެއް ހޯދަން އދ. މަހިބަދޫ އިން މިއަދު މުހިއްމު މެޗަކަށް ނުކުންނާނެ އެވެ.
މަހިބަދޫ ޕެލޭ ސްޓޭޑިއަމްގައި ކުރިއަށްދާ ކޮލިފައިންގައި އެރަށް މިއަދު ނުކުންނާނީ ތޮއްޑޫއާ ދެކޮޅަށެވެ.
ކޮލިފައިންގެ ސެންޓްރަލް ޒޯން ދޭއްގައި ހިމެނެނީ މަހިބަދޫ އާއި ތޮއްޑޫގެ އިތުރުން ހުރާ އަދި ހިންމަފުއްޓެވެ. މި ގްރޫޕުގެ ފަހު މެޗުގައި އޭޕްރީލް 22 ވަނަ ދުވަހު ހުރާ އާއި ހިންމަފުށި ވާދަކުރާނެ އެވެ.
ފައިނަލުގެ ޖާގަ ލިބޭނީ ލީގު ބުރުން އެންމެ ކުރި ހޯދާ ދެ ޓީމަށެވެ.
މިވަގުތު އެއް ވަނައިގައި 6 ޕޮއިންޓާ އެކު އޮތީ ހުރާ އެވެ. ދެ ވަނައިގައި އޮތް ހިންމަފުއްޓާއި ތިން ވަނައިގައި އޮތް މަހިބަދޫ އަށް ވަނީ 3 ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވި ތޮއްޑޫ އެެވެ.
ފައިނަލުގެ ޖާގައެއް ހޯދަން މަހިބަދޫން މިއަދު ތޮއްޑޫ ބަލިކުރަން މަޖުބޫރެވެ. އަނެއްކޮޅުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެން ތޮއްޑޫ އަށް ވެސް ފައިނަލުގެ ހަނި ފުރުސަތެއް އެބައޮތެވެ.
މުބާރާތުގައި މަހިބަދޫ ކުޅުނު ފުރަތަމަ މެޗުގައި 1-2 އިން ވަނީ ހިންމަފުށި ބަލިކޮށްފަ އެވެ. އެކަމަކު ދެ ވަނަ މެޗުގައި ހުރައާ ވާދަކޮށް 4-1 އިން ބަލިވީ އެވެ.
https://fahuminet.com/tournaments/bml-central-region-league-qualifiers-zone-1
މިއަދުގެ މެޗުން މަހިބަދޫ މޮޅުވެއްޖެ ނަމަ ޕްރެޝަރު ބޮޑުވާނީ ހިންމަފުއްޓަށެވެ. އޭރުން ހިންމަފުށިން ޖެހޭނީ ހުރާ ބަލިކުރާށެވެ.
ޒޯން ލީގުތަކުގެ ކޮލިފައިން ފޯރީގައި ކުރިއަށްދާއިރު، މި މަހު ކުރިއަށްދާނީ ޒޯންތަކުގެ ޗެމްޕިއަނުން ކަނޑައަޅާ މެޗުތަކެވެ. އެއަށްފަހު ކޮންމެ ސަރަހައްދަކުން ޗެމްޕިއަނުންގެ ލީގެއް ކުޅޭނެ އެވެ. އެ ލީގުގެ ޗެމްޕިއަނުން ވާދަކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގަ އެވެ.
