ނ. ކެނދިކުޅުދޫގައި މިއަދު ހަވީރު ފެށި ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ފުރަތަމަ މެޗުގައި މިއަދު ވާދަކުރީ ގްރޫޕް ބީގައި ހިމެނީ މަނަދޫ ސްޕޯޓްސް ކްލަބް އަދި އެފްސީ މާފަރެވެ. ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 އިންނެވެ.
މިއަދުގެ މެޗުގައި ދެ ފަހަރު ވެސް ލީޑު ނެގީ މާފަރުންނެވެ. އެޓީމުގެ ފުރަތަމަ ގޯލު 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އައިހަމް ހަމްދޫން އެވެ. އޭގެފަހުން މަނަދޫން ވަނީ 31 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މާނިއު އެވެ.
މާފަރުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން 35 ވަނަ މިނެޓުގަ އެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު އައްޒާމް އަބްދުﷲ އެވެ.

ދެ ވަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި މަނަދޫން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އަލީ އެވެ.
މިދިޔަ އަހަރުތަކާ ހިލާފަށް މިއަހަރު މާފަރުން ވަނީ ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިންނާ އެކު ޓީމު ވަރުގަދަކޮށްފަ އެވެ. އެކަމަކު، މަނަދޫން ނުކުތީ ރަށު ކުޅުންތެރިންނާ އެކު އެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ ނައިފަރު ޗެލްސީ އެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާގެ 23 އަހަރުން ދަށުގެ ޓީމާއި އދ. މަހިބަދޫ ޖިބިއްލީ ސްޕޯޓްސް ކްލަބެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.
https://fahuminet.com/tournaments/the-mangrove-island-championship-2026
މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި 7 ޓީމަކުން ވާދަކުރާއިރު، މިއަހަރުގެ މުބާރާތަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ލައިވްސްކޯ ގެނެސްދޭނެ އެވެ.
