Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އަޒުމެއް ނުގުޑި، މަނަދޫއިން ބުނަނީ ރަށު ކުޅުންތެރިންނަށް ވާނެ ކަމަށް
އަޒުމެއް ނުގުޑި، މަނަދޫއިން ބުނަނީ ރަށު ކުޅުންތެރިންނަށް ވާނެ ކަމަށް
ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި މަނަދޫ ޓީމުގެ ކުޅުންތެރިން ޝީލްޑާ އެކު. އެޓީމުން މެންގްރޫވް ޗެމްޕިއަންޝިޕްގައި ވާދަކުރާނީ ރަށު ކުޅުންތެރިންނާ އެކު. ފޮޓޯ: މަނަދޫ ސްޕޯޓްސް ކްލަބް

އަޒުމެއް ނުގުޑި، މަނަދޫއިން ބުނަނީ ރަށު ކުޅުންތެރިންނަށް ވާނެ ކަމަށް

ޢަބްދުﷲ އަޝްރަފް
ޢަބްދުﷲ އަޝްރަފް
7 ގަޑިއިރު ކުރިން 19 އެޕްރީލް 2026

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ  ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލި ފަހުން މުބާރާތުގައި ކޮންމެ އަހަރަކުވެސް ބައިވެރިވަމުން އަންނަ އެއް ޓީމަކީ މަނަދޫ ސްޕޯޓްސް ކްލަބެވެ.

ރަށުން ބޭރު ކުޅުންތެރިން ގެނެސްގެން ޓީމު ވަރުގަދަކުރުމުގެ ބަދަލުގައި މުޅިންހެން ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ކޮންމެ އަހަރަކުވެސް މުބާރާތަށް ނުކުންނަ މި ޓީމު މިހާތަނަށް މުބާރާތުގައި ބައިވެރިވި ދެ ފަހަރުވެސް މުބާރާތް ނިންމާލަން ޖެހިފައި އޮތީ ގްރޫޕް ސްޓޭޖާ ހަމައިންނެވެ.

މި މުބާރާތުގައި އަދި މާ އެދެވޭ ކާމިޔާބީއެއް ލިބިފައި ނެތަސް މަނަދޫ ސްޕޯޓްސް ކްލަބަކީ ނ. އަތޮޅަށް ނިސްބަތްކޮށް ބަލާއިރު އާދައިގެ ޓީމެއް ނޫނެވެ. ސިޔާމް މައުރޫފް ސޮކަރ ކަޕްގެ ނަމުގައި ނ. އަތޮޅަށް ހުޅުވާލައިގެން މީގެ އަހަރުތަކެއް ކުރިން ބާއްވަމުން އައި އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި އެ ކްލަބުން އުފުލާލާފައިވާއިރު މިދިޔަ އަހަރު ބޭއްވި އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ނ. އަތޮޅުގެ ޗެމްޕިއަންކަން ވެސް ހޯދައިފައިވަނީ މަނަދޫ ސްޕޯޓްސް ކްލަބެވެ.

މިފަހަރުވެސް އޮތީ ރަށުވަންތަ ޓީމެއް

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕަކީ މިހާރު ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތަށް ވުމާއެކު މުބާރާތުގައި ބައިވެރިވާ ބައެއް ޓީމުތަކުން އަންނަނީ ރާއްޖޭގެ ބޮޑެތި ކްލަބުތަކަށް ކުޅެމުން އަންނަ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމަނަމުންނެވެ. ކަން އެހެން އޮތަސް މަނަދޫ ސްޕޯޓްސް ކްލަބުން މިފަހަރުވެސް އަމާޒަކަށް ހަދާފައި އޮތީ މުބާރާތުގައި ރަގަޅު ވާދައެއް ކުރެވޭނެ ފެންވަރު ރަށަށް ނިސްބަތްވާ ކުޅުންތެރިންގެ ކިބައިގައި ހުރިކަން ސާބިތުކޮށްދިނުމެވެ.

"މިފަހަރުވެސް އަޅުގަނޑުމެންގެ ޓީމުގައި މުޅިންހެން ތިބޭނީ ރަށު ކުޅުންތެރިން. އަޅުގަނޑުމެންގެ ޓީމުގަ ހުނަރުވެރި ކުޅުންތެރިން އެބަތިބި. އެ ކުޅުންތެރިން މިފަހަރު ރަގަޅު ނަތީޖާތަކެއް ހޯދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް." މަނަދޫ ސްޕޯޓްސް ކްލަބު މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން "ފަހުމިނެޓް" އަށް މައުލޫމާތުދެމުން އެ ޓީމުގެ މެނޭޖަރު އަހްމަދު ރިމްޒާދު (ރިމޭ) ބުނެފައިވެ އެވެ.

މަނަދޫ ސްޕޯޓްސް ކްލަބުން އަންނަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަކޮށް ފަރިތަކުރުންތައް ކޮންމެ ދުވަހަކު ބާއްވަމުންނެވެ. ރަށަށް ކާމިޔާބު ހޯދައިދިނުމުގެ ވަރުގަދަ ރޫހެއް އުފެދިފައި އޮތް މި ޓީމުގެ މިފަހަރުގެ އެންމެ ފުރަތަމަ އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ.

https://fahuminet.com/tournaments/the-mangrove-island-championship-2026

މަނަދޫ ސްޕޯޓްސް ކްލަބު މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ ތިން ޓީމު ހިމެނޭ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި މަނަދޫ ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ހިމެނެނީ މިދިޔަ ދެ އަހަރު މުބާރާތުގެ ފައިނަލްގައި ވާދަކުރި ނައިފަރު ޗެލްސީ ސްޕޯޓްސް ކްލަބާއި، އެފްސީ މާފަރެވެ.

ރަށުގެ ރައްޔިތުން ތިބީ ޓީމާއެކު

ބޮޑު އުންމީދެއްގައި މަނަދޫ ސްޕޯޓްސް ކްލަބު މުބާރާތަށް ތައްޔާރުވަމުން އަންނައިރު ރަށުގެ ރައްޔިތުން ޓީމާއެކު ތިބުމަކީ މަނަދޫ ސްޕޯޓްސް ކްލަބަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. މަނަދު ސްޕޯޓްސް ކްލަބު މުބާރާތުގައި ކުޅޭ ދުވަސްތަކުގައި ސަޕޯޓަރުން ކެނދިކުޅުދޫއަށް ގެންދިއުމަށްޓަކައި ރަށު ކައުންސިލް އިދާރާގެ ފަރާތުން ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ރިމޭ ބުނެފައިވެ އެވެ.

މި ޓީމު ކުޅޭ ކޮންމެ ފަހަރަކުވެސް ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ ސަޕޯޓެއް ލިބޭ. މިފަހަރުވެސް އެ ސަޕޯޓް ރައްޔިތުންގެ ފަރާތުން ލިބޭނެ ކަމާ މެދަކު ޝައްކެއް ނުކުރަން.

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގައި މަނަދޫ ސްޕޯޓްސް ކްލަބު ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެފްސީ މާފަރާ ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާއިރު ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅޭ ފަހު މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ނުކުންނާނީ ނައިފަރު ޗެލްސީއާ ދެކޮޅަށެވެ.  

 

 

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Settings