މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ޖެހިޖެހިގެން ހަތަރު މޮޅު ހޯދުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ބައެއްގެ ސަމާލުކަން ހުއްޓުނީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ފްރޭންކް އިލެޓަށެވެ.
އަސްލަކަށްވީ މާ ބޮޑު ސީރިއަސްކަމެއް ނެތި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިލެޓް ސޯޝަލް މީޑިއާއަށް ދޫކޮށްލި ވަރަށް އާދައިގެ ވީޑިއޯ ކްލިޕެކެވެ. އޭގައި އޭނާ ވައުދުވީ ޔުނައިޓެޑުން ޖެހިޖެހިގެން ފަސް މޮޅު ހަމަ ކުރުމުން ނޫނީ އޭނާގެ ބޯ ދެން ނުކޮށާނެ ކަމަށެވެ. އޭގެ 16 މަސްދުވަސް ފަހުން މުޅި ދުނިޔޭގެ ސަމާލުކަން އޭނާއަށް ހުއްޓޭނެ ކަމަކަށް އިލެޓްގެ ހިތަށްވެސް ނާރައެވެ.
އެ ވީޑިއޯ ކްލިޕް އާންމުކުރަމުން އޭނާ ވަނީ އޭރު ވަރަށް މަދު ބަޔަކު ފޮލޯ ކުރަމުން އަންނަ އޭނަގެ ސޯޝަލް މީޑިއާ އެކައުންޓްގައި ޕޯލެއް ވެސް ހުޅުވާލައިފަ އެވެ. އެ ޕޯލްގައި ބެލުންތެރިންނާ ސުވާލުކޮށްފައިވަނީ އޭނާގެ ބޯ ދެން ކޮށަންޖެހޭނެ ކަމަށް ފެންނަނީ ކޮން އަހަރަކު ތޯ އެވެ. އޭނާ ވަނީ ތިން އޮޕްޝަނެއް ވެސް ދީފަ އެވެ. އެއީ 2024، 2025 އަދި 2026 އެވެ.

ޔުނައިޓެޑާއި ވެސްޓް ހޭމް އެއްވަރުވި މެޗުގެ ތެރެއިން. ޔުނައިޓެޑަށް ޖެހިޖެހިގެން ފަސް މޮޅެއް ނުލިބުނު
މިހާތަނަށް އެ ޕޯލަށް ޖަވާބުދީފައިވާ 27 ހާސް މީހުންގެ ތެރެއިން 90 ޕަސެންޓް މީހުން ބުނެފައިވަނީ އެއީ 2026 ވަނަ އަހަރު ކަމަށެވެ. ވަރަށް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗު ކާމިޔާބުކޮށް އިލެޓަށް ބޯކޮށުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެކަމަކު ރަށުން ބޭރުގައި ރޭ ޔުނައިޓެޑް ކުޅުނު މެޗު 1-1 އިން އެއްވަރުވުމާއެކު އިލެޓް ޖެނުނީ އަނެއްކާވެސް އިންތިޒާރުގައި ހުންނާށެވެ.
އިލެޓްގެ އެ ވީޑިއޯ ކްލިޕާ މުޅި ދުނިޔޭގައި ވައިގައި ހިފައި އޭނާގެ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 2.3 މިލިއަނަށް އަރައިފަ އެވެ. އޭނާ ވަނީ ރޭ ވެސްޓް ހޭމާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ޔޫޓިއުބުން ލައިވް ސްޓްރީމް ވެސް ކޮށްފައެވެ. އެ ލައިވް ސްޓްރީމް ބަލަމުން ދިޔަ މީހުންގެ އަދަދު ބައެއް ވަގުތުތަކުގައި އެއް ލައްކައަށްވުރެ މައްޗަށްވެސް އެރި އެވެ.
ބީބީސީ ސްޕޯޓްސްއާ ވާހަކަދައްކަމުން އިލެޓް ބުނެފައިވަނީ އެ ވީޑިއޯ އޭނާ ހެދީ ހަމައެކަނި މަޖަލަކަށް ކަމަށާއި، އެކަމުގައި އެހެން ނިޔަތެއް ނެތް ކަމަށެވެ.
އަހަރެން ބޭނުންވީ ޔުނައިޓެޑްގެ ސަޕޯޓަރުން މާޔޫސްވެފަ ތިބި ދަނޑިވަޅެއްގަ އުފާވެރިކަމެއް ގެނެސްދޭން. އަހަރެން ހީކުރީ އެކަން ދެތިން މަސް ތެރޭ ނިމޭނެ ކަމަށް. އެއީ އަސްލު ހަމައެކަނި މީހުން ހެއްވާލަން ކުރި ކަމެއް. އެކަމަކު ފަހުން ކަންވީ އެހެނެއް ނޫން”. އިލެޓް ބުނެފައިވެ އެވެ.
އެންމެ ފަހުން ޖެހިޖެހިގެން ފަސް މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅު އެވެ. މީގެ ކުރިން ޖެހިޖެހިގެން ފަސް މެޗުން މޮޅުވުމަށްފަހު އަލުން އެކަން ތަކުރާރުކުރަން ޔުނައިޓެޑަށް ނެގި އެންމެ ދިގު މުއްދަތަކީ 902 ދުވަހެވެ. އެކަމަކު އެއާވަރުގެ މުއްދަތެއް ތާރީހުން ފެންނަން އޮތަސް އެއާ އެއްވެސް ވަރަކަށް ގާތްކުރާ ވަރުގެ މުއްދަތެއްވެސް ދެން ވޭތުވެދާނެ ކަމަކަށް އިލެޓް އޭރު ހިޔެއްވެސް ނުކުރެ އެވެ.
“އެ ވީޑިއޯ ހެދިއިރު އަހަރެން ގަބޫލުކުރީ އެއީ ހަމަ ޓީމުގެ ފޯމު ދަށްވުމުގެ މައްސަލައެއް އެ ދުވަސްކޮޅު އުޅެނީ ކަމަށް. ވަކިން ހާއްސަކޮށް އެ އަހަރުގެ މޭ މަހު ޔުނައިޓެޑުން އެފްއޭ ކަޕް ކާމިޔާބުކޮށްފައި އޮތުމާއެކު މިހާ ދިގުލައިގެން މިކަން ހިނގައިދާނެ ކަމަށް އޭރު ހިތަކަށްވެސް ނާރާ.” ވީޑިއޯ އާންމުކުރިތާ ބަރާބަރު އެއް އަހަރު ފަހުން ބީބީސީއަށް ދިން އިންޓަވިއުއެއްގައި އިލެޓް ބުނެފައިވެއެވެ.
އިލެޓަށް ބޯކޮށުމުގެ ފުރުސަތު ޔުނައިޓެޑަށް ޖެހިޖެހިގެން ފަސް މެޗުން މޮޅުނުވެވުމާއެކު ނުލިބުނަސް އޭނާގެ ވީޑިއޯގެ ސަބަބުން ބޮޑު ފައިދާއެއް އޭނައަށް ވަނީ ކޮށްފަ އެވެ. އެ ވީޑިއޯގެ ސަބަބުން އޭނާއަށް ލިބުނު މަޝްހޫރު ކަމާއެކު ބޮޑެތި އެތައް މީޑިއާ ބްރޭންޑްތަކުގެ ހުށަހެޅުން މިހާރު އޭނާއަށް އަންނަނީ ލިބެމުންނެވެ. އެކަންކަން ބަލަހައްޓaން އޭނަގެ ހާއްސަ އeޖެންޓަކުވެސް މިހާރު ހުރެ އެވެ.
ޖެހިޖެހިގެން ފަސް މެޗުން މޮޅުވެގެން ބޯކޮށަން ފުރުސަތު ލިބުމުން އޭނާ ބޯކޮށާނީ ކޮންތާކުތޯ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އޭނާ ބޭނުންވަނީ އޯލްޑް ޓްރެފޯޑްގައި އެކަން ކުރަން ކަމަށެވެ.
“ބޭނުންވަނީ ޔުނައިޓެޑްގެ ކުޅުންތެރިއެއް ނުވަތަ ކޮންމެވެސް އެހެން މީހެއް ލައްވަ ދަނޑު މަތީގަ ކޮށުވަން.” އިލެޓް ބުނެފައިވެ އެވެ.
އިލެޓް އިތުރަށް ބުނެފައިވަނީ އޭނާއަށް ބޯކޮށުމުގެ ފުރުސަތު ލިބޭ ދުވަހަކުން އިސްތަށިގަނޑު ހަދިޔާ ކުރާނީ ކެންސަރު ބަލި ތަހައްމަލުކުރާ ކުޑަކުދިންނަށް އެހީވާ ޖަމިއްޔާއަކަށް ކަމަށެވެ.