ފުރަތަމަ ސަފްޙާ / ޚަބަރު / އެއް ޓީމެއް، އެކަމަކު ކެރިކް ދައްކާލީ ޔުނައިޓެޑްގައި ފުރާނަ ހުރިކަން
ފަހުމިނެޓް

އެއް ޓީމެއް، އެކަމަކު ކެރިކް ދައްކާލީ ޔުނައިޓެޑްގައި ފުރާނަ ހުރިކަން

އެޑްމިން
އެޑްމިން
3 ހަފްތާ ކުރިން 27 ޖެނުއަރީ 2026

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އާސެނަލްގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑުން މިވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ޓޭބަލްގެ އެއްވަނައިގައި އޮތް އާސެނަލް އެ މެޗަށް ނުކުތްއިރު މި ސީޒަނުގައި އެޓީމު އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން ބަލިވެފައެއް ނެތެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ޔުނައިޓެޑަށް މޮޅެއް ނުހޯދޭތާ އަށް އަހަރު އޮތީ ފާއިތުވެފަ އެވެ.

ކަން އެހެން އޮތް ނަމަވެސް އާދީއްތަ ދުވަހުގެ ރޭގެ މެޗަށް އާސެނަލާއި ޔުނައިޓެޑް ނުކުތްއިރު އެންމެ ބޮޑު އިތުބާރަކާއެކު އޮތީ ޔުނައިޓެޑް ކަމުގައި ގަބޫލުކުރެވެ އެވެ. ލީގުގައި އާސެނަލުން އެންމެ ފަހުން ކުޅުނު ދެ މެޗު އެއްވަރުވެފައި އޮތުމާއެކު ތަށި ހޯދުމަށް އާސެނަލުން ކުރަމުން އަންނަ މަސައްކަތަށް ހިޔަނި އެޅިފައި އޮތްއިރު ޔުނައިޓެޑުން އޮތީ އެންމެ ފަހުން ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ބޮޑު އިތުބާރެއް ހޯދައިފަ އެވެ.

ސިޓީއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގައި އެޓީމުގެ އެންމެ ނަގާކިޔާ ކުޅުންތެރިން ދެއްކި މޮޅު ކުޅުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.  ޓީމުގެ ފަހަތް ބެލެހެއްޓުމުގައި ތަޖުރިބާކާރު ޑިފެންޑަރު ހެރީ މެގުއާ ވަރުގަދަ ރޯލެއް އަދާކުރިއިރު މެދުތެރެ ހަމައަކަށް އެޅުވުމުގައި ބްރެޒިލްގެ ކަސެމީރޯ ވަނީ ފާހަގަކޮށްލެވޭ ވަރުގެ ދައުރެއް އަދާކޮށްފަ އެވެ. ޔުނައިޓެޑްގެ ކޯޗުކަމުން ޕޯޗުގަލްގެ ރުބިން އެމޮރިމް ވަކިކުރި ފަހުން ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށް އަސްލު މަގާމަށް ކުޅެން ފުރުސަތު ލިބުމާއެކު ދައްކަމުން އަންނަ މޮޅު ކުޅުން އާދިއްތަ ދުވަހުގެ ރޭ ވެސް ވަނީ ތަކުރާރުކޮށްފަ އެވެ. މީގެ އިތުރުން ޓީމުގެ ފޯވާޑް ލައިންގައި ކުޅެން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނުކުތް ކެމަރޫންގެ ބްރަޔަން އެމްބުއޭމޯ ވެސް ފެނުނީ އިދިކޮޅު ގޯލަށް ހުރި ނުރައްކަލެއްގެ ގޮތުގަ އެވެ. އަދި، އެމްބުއޭމޯ ވަނީ އޭނަގެ ސްޕީޑާއި ހަކަތަ ބޭނުންކޮށްގެން އާސެނަލްގެ ޑިފެންޑަރުންނަށް އެތައް އުނދަގޫތަކެއް ކުރިމަތިކޮށްފަ އެވެ.

އާސެނަލް ކޮޅަށް ޔުނައިޓެޑުން ވައްދާލި ތިން ގޯލުގެ ތެރެއިން ދެ ގޯލަކީ ވަރަށް މޮޅު ދެ ގޯލެވެ. އެކަމަކު އެ މެޗުގައި ޔުނައިޓެޑުން ހޯދި މޮޅަކީ ވަކިވަކި ކުޅުންތެރިންގެ މަސައްކަތުން ހޯދި މޮޅަކަށް ވުރެ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ހޯދި މޮޅެކެވެ.

ޔުނައިޓެޑްގައި ތިބި ކުޅުންތެރިންނާ ގުޅޭ ފޯމޭޝަނެއް

ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމުގެ މަގާމާ އެޓީމުގެ ކުރީގެ ތަރި މައިކަލް ކެރިކް ހަވާލުވި ފަހުން އާ ކުޅުންތެރިޔަކު ޓީމަކަށް ނުގެނެ އެވެ. ޔުނައިޓެޑްގެ ކުރީގެ ކޯޗު އެމޮރިމް ވެސް ބޭނުންކުރީ ގާތްގަނޑަކަށް ހަމަ މި ޓީމެވެ. އެކަމަކު އުމުރުން 44 އަހަރުގެ ކެރިކް ޓީމާ ހަވާލުވި ފަހުން ޔުނައިޓެޑުން ކުޅުނު ދެ މެޗުގައި ދައްކާފައިވާ ކުޅުމާއި، އެމޮރިމްގެ އިރުޝާދުގެ ދަށުން ކުޅުނު މެޗުތަކުގައި ދައްކާފައިވާ ކުޅުމާ އުޑާ ބިމާހާ ތަފާތެވެ. މި ތަފާތު ކުޅުންތެރިންގެ ފަރާތުން ފެނުނީ ފޯމޭޝަނަށް ކެރިކް ގެނައި ބަދަލާ ގުޅިގެން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ކެރިކްގެ އިރުޝާދުގެ ދަށުން އާދިއްތަ ދުވަހުގެ ރޭގެ މެޗަށް ނުކުތް ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ހިތްހަމަޖެހުމެވެ. އެ ކުޅުންތެރިންގެ ހަރަކާތްތަކުން އެކަން ސާފެވެ. ކޮންމެ ކުޅުންތެރިއަކު ވެސް ބޯޅަ އަތުލަން ބޭނުންވެގެން އުޅޭ ކަހަލަ އެވެ. ފެނުނީ ފެނުނީ އެކަކު އަނެކަކަށް ވަރުގަދަ އިތުބާރެއް އޮތް ތަނެވެ. ކުޅުންތެރިން ކުޅެމުން އައީ އިތުބާރާ އެކު އެވެ.

އާސެނަލް ކޮޅަށް ގޯލު ޖެހުމަށް ފަހު ކުންޔާ އުފާފާޅުކުރަނީ. އާސެނަލް ދަނޑުގައި ޔުނައިޓެޑަށް ލިބުނީ މުހިއްމު މޮޅެއް

އެރޭ ޔުނައިޓެޑުން ކުޅުނީ 1-3-2-4 ފޯމޭޝަނަށެވެ. އެ ފޯމޭޝަންގައި ފެނާންޑެސް އަދާކުރީ އެމްބުއޭމޯގެ ފަހަތުން ނަންބަރު 10 ގެ ރޯލެވެ. އެމޮރިމްގެ އިރުޝާދުގެ ދަށުން ވިންގް ބެކުންގެ ގޮތުގައި ހަރަކާތްތެރިވި އަމަދު ޑިއާލޯ އާއި ޕެޓްރިކް ޑޯގޫ މި މެޗުގައިވެސް ކުޅުނީ ފަހަތަށް ފައިބަންޖެހޭ ދަނޑިވަޅުތަކުގައި ފަހަތަށްވެސް ފައިބައިގެންނެވެ. އެއާއެކު ޔުނައިޓެޑްގެ ޑިފެންސްލައިން ހަ މީހުންނަށް ބަދަލުވެ އެވެ. އެކަމަކު ޔުނައިޓެޑަށް ބޯޅަ ލިބޭ ދަނޑިވަޅުތަކުގައި ޑިއާލޯ އާއި ޑޯގޫ ކުރިއަށް އަރައި ހަމަލާގައި ބައިވެރިވެ އެވެ.

އާސެނަލް މެޗުގައި ޔުނައިޓެޑްގެ ކޮންމެ ކުޅުންތެރިއަކު ކުޅުނީ އެމީހެއްގެ ޒިންމާއަކީ ކޮބައިކަން ވަރަށް ރަގަޅަށް އެނގިގެންނެވެ. ފެނާންޑޭސް ހަމަލާ އުފެއްދުމުގައި ބައިވެރިވުމުގެ އިތުރުން އޭނާ އައީ މެދުތެރެއިން ކުޅެމުން ދިޔަ ކަސެމީރޯ އާއި ކޯބީ މެއިނޫ އަށްވެސް އެހީތެރިވަމުންނެވެ. މެއިނޫ އާއި ކަސެމީރޯ ދިޔައީ ފަހަތުގައި ތިބި ހަތަރު ކުޅުންތެރިންނަށް އަންނަން އޮތް ނުރައްކާ ކުޑަކުރުމަށްޓަކައި ފިސާރި ރަގަޅަށް މަސައްކަތްކުރަމުންނެވެ.

އެއް ގޯލުން ފަހަތުގަ އޮއްވައި ގިޔަރު ޖެއްސީ މައްޗަށް

އެމިރޭޓްސްގައި އާސެނަލާ ދެކޮޅަށް ކުޅޭ އެއްވެސް ޓީމަކަށް މެޗު ކާމިޔާބުކުރެވެނީ ހުރިހާ ކަމެއްވެސް ވަރަށް ބަރާބަރުވެގެންނެވެ. ބޯޅަ އަތުގަ އޮންނަ ވަގުތު ތަކުގައާއި، ބޯޅަ ގެއްލޭ ވަގުތު ތަކުގަ ވެސް ވަރަށް ރަގަޅަށް މަސައްކަތްކޮށްގެންނެވެ. އާސެނަލްގެ ވަރުގަދަ އެޓޭކް ހުއްޓުވަން އިދިކޮޅުން ކުޅޭ ޓީމެއްގެ ދިފާއީ ފާރު ވަރަށް ވަރުގަދަވާން ޖެހޭނެ އެވެ. އަދި ހަމަ އެގޮތަށް އެޓީމަކަށް ބޯޅަ ލިބޭ ވަގުތު ބޯޅަ ހިފަހައްޓައި، ބޯޅައާއެކު ކުރިއަރައި ހަމަލާ އުފެއްދުމުގެ މަސައްކަތްވެސް ވަރުގަދަ ވާންޖެހެ އެވެ.

އާސެނަލާ ދެކޮޅަށް އާދިއްތަ ދުވަހުގެ ރޭ ޔުނައިޓެޑް ކުޅުނު މެޗު ފެށީއްސުރެ އެ ޓީމުގެ ފަރާތުން މިހުރިހާ ކަމެއް ފެނުނީ ވަރަށް ފުރިހަމަކޮށެވެ.

އާސެނަލުން މެޗު ފެށީ ޔުނައިޓެޑަށްވުރެ ވަރުގަދަކޮށެވެ. އިތުބާރާއެކު ކުޅެން ފެށި އާސެނަލުން މެޗުގެ ކުރީކޮޅު ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މެޗް ކޮންޓްރޯލް ކުރި އެވެ. އާސެނަލުން މެޗުގެ ލީޑް ނެގުމާއެކު ދެން ހީކުރެވުނީ މުޅި މެޗު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް އެ ދިޔައީ ކަމަށެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ފެނުނީ ޔުނައިޓެޑްގެ ކުޅުން އެއް ގިޔަރު މައްޗަށް ޖެއްސި ތަނެވެ.

ޔުނައިޓެޑް ކޮޅަށް އާސެނަލުން ފުރަތަމަ ގޯލް ވައްދާލުމާ އެކު ކުއްލިއަކަށް ފެނުނީ ޔުނައިޓެޑްގެ ކުޅުންތެރިން ވަރަށް މިނިވަންކަމާއެކު ކުޅެން ފެށި ތަނެވެ. އެއާއެކު ބައެއް ކަހަލަ ރިސްކުތައް ވެސް ޔުނައިޓެޑުން ނަގަން ފެށި އެވެ. އޭގެ ނަތީޖާއަކަށްވީ އާސެނަލަށް ޕްރެޝަރު ކުރިމަތިވެ ގޯސްތައް ހެދެން ފެށުމެވެ. ޔުނައިޓެޑް އެނބުރި މެޗުގެ ތެރެއަށް އައީ އާސެނަލްގެ ކުޅުންތެރިއަކަށް ހެދުނު އެކަހަލަ ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރި ގޯލަކާއެކު އެވެ.

ޔުނައިޓެޑްގެ ފުރަތަމަ ލަނޑު އެމްބުއޭމޯ ކާމިޔާބުކުރުމާއެކު ޔުނައިޓެޑްގެ ކުޅުންތެރިންނަށް އާދަޔާ ހިލާފު ބޮޑު އިތުބާރެއް ލިބުނުހެން ހީވި އެވެ. ފުރަތަމަ ހާފު ޔުނައިޓެޑުން ނިންމާލީ އެ އިތުބާރާ އެކު އެވެ. ނަތީޖާ ފެނުނީ ދެވަނަ ހާފު ފަށައިގެން ކުޑައިރުކޮޅެއް ވެސް ނުވަނީހެވެ. ޑޯގޫ އާސެނަލް ކޮޅަށް މޮޅު ގޯލެއް ވައްދާލައި މެޗުގެ ލީޑް ޔުނައިޓެޑަށް ހޯދައިދިނެވެ. އެ ގޯލާއެކު ދެން ފެނުނީ އާސެނަލުން އެއްފަހަރާ ހަތަރު ކުޅުންތެރިން ބަދަލު ކުރި ތަނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި މިކެލް މެރީނޯ މެޗުގެ ނަތީޖާ އާސެނަލަށް ހަމަހަމަކޮށްދިން ނަމަވެސް ތަޖުރިބާކާރުން ގަބޫލުކުރި ގޮތުގައި އެއްފަހަރާ އެ ބަދަލުތައް ގެނައުމުން ޔުނައިޓެޑަށް ކުރީ ފައިދާ އެވެ.

މެޗުގެ ނަތީޖާ 2-2 އަށް ބަދަލުވިއިރު ފުރިހަމަ ވަގުތު ހަމަވާން އޮތީ ހަ މިނެޓެވެ. އެއާއެކު ޕޮއިންޓަކުން ފުއްދާލެވުނަސް ޔުނައިޓެޑަށް އެއީ ގޯސް ނަތީޖާއަކަށް ނުވީހެވެ. އެކަމަކު ޔުނައިޓެޑްގެ ކުޅުންތެރިން ގަބޫލުކުރީ އެއަށްވުރެ ރަގަޅު ކުރެވޭނެ ކަމެވެ. މެޗުން ޔުނައިޓެޑް މޮޅުކޮށްދޭން މެތިއުސް ކުންޔާ ކާމިޔާބުކޮށްދިން މޮޅު ގޯލަކީ އެ ގަބޫލުކުރުމާ އެއްގޮތަށް ޔުނައިޓެޑްގެ ކުޅުންތެރިން ކުރި ވަރުގަދަ މަސައްކަތަށް ލިބުނު އަގުހުރި އިނާމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!