ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނައިޓެޑާއި، އަމިއްލަ ދަނޑުގައި ބަލިނުވެ އޮތް އާސެނަލް މިރޭ
ފަހުމިނެޓް

ޔުނައިޓެޑާއި، އަމިއްލަ ދަނޑުގައި ބަލިނުވެ އޮތް އާސެނަލް މިރޭ

އެޑްމިން
އެޑްމިން
3 ހަފްތާ ކުރިން 25 ޖެނުއަރީ 2026

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާ ޔުނައިޓެޑް އެމިރޭޓްސް ސްޓޭޑިއަމްގައި ބައްދަލުކުރާއިރު ޔުނައިޓެޑްގެ ސަޕޯޓަރުން ތިބީ މިދިޔަ ހަފްތާގައި އެޓީމުން ސިޓީއާ ދެކޮޅަށް ކުޅުނު ކުޅުން ތަކުރާރުވުމަށް އެދިއެދި އެވެ. އަނެއްކޮޅުން މިރޭގެ މެޗަކީ ލީގު ތަށި ހޯދުމުގެ ރޭހުގައި އާސެނަލަށް ވަރަށް މުހިންމު މެޗެކެވެ. ޓޭބަލްގެ އެއް ވަނައިގައި ކުރިން އާސެނަލަށް ލިބިފައި އޮތް ހަތް ޕޮއިންޓްގެ ލީޑް ރޭ ސިޓީން ވުލްވްސްގެ މައްޗަށް ކުރި ހޯދުމާއެކު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ.

މިރޭގެ މެޗަކީ މި ސީޒަން ނިމެންދެން ޔުނައިޓެޑަށް ކޯޗުކަން ކޮށްދިނުމާ ހަވާލުވި އުމުރުން 44 އަހަރުގެ މައިކަލް ކެރިކް މަގާމާ ހަވާލުވި ފަހުން ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ޔުނައިޓެޑުން ސިޓީގެ މައްޗަށް 0-2 އިން ކުރި ހޯދިއިރު މިރޭ ކެރިކް ނުކުންނަނީ އެއަށްވުރެ ވަރުގަދަ އިމްތިހާނަކަށެވެ. ޕްރިމިއާ ލީގުގެ ތަށި 22 އަހަރަށް ފަހު އަލުން އުފުލާލުމުގެ އުންމީދުގައި އާސެނަލް ކުރިއަށްދާއިރު މި ސީޒަންގައި އަދި އާސެނަލް އަމިއްލަ ދަނޑުގައި ބަލިވެފައެއް ނެތެވެ. އަނެއްކޮޅުން 2017 ވަނަ އަހަރުގެ ފަހުން އާސެނަލްގެ ދަނޑުގައި ޔުނައިޓެޑަށް ލީގު މެޗެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. އެހެންނަމަވެސް ޔުނައިޓެޑާ ވަގުތީ ގޮތުން މީގެ ކުރިން 2021 ވަނަ އަހަރު ހަވާލުވެހުއްޓައި އާސެނަލާ ދެކޮޅަށް ކުޅެ 2-3 އިން ޔުނައިޓެޑް ހޯދި ކާމިޔާބަކީ މިރޭގެ މެޗަށް ނުކުންނައިރު ކެރިކަށް ލިބޭނެ އިތުބާރެކެވެ. މިއާއެކުވެސް ކެރިކް ގަބޫލުކުރާ ގޮތުގައި އާސެނަލަކީ މިވަގުތު ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމެވެ.

“އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގަ މެޗެއްގަ ކުރަން ބޭނުންވާ ވަރަށް ގިނަ ކަންކަން ކުރުމުގެ ގާބިލްކަން ލިބިފައިވާ ކުޅުންތެރިންތަކެއް ހިމެނޭހެން ވަރަށް ރަގަޅު ޓީމެއް މިކެލް (އާޓޭޓާ) އެވަނީ އެކުލަވާލައިފަ. އެކަން އެކަނިވެސް އެއީ އަހަރެމެންނަށް ކުރިމަތިވާނެ ޗެލެންޖެއް.” މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު ކެރިކް ބުނެފައިވެއެވެ.

“އާސެނަލްގެ ކޮންމެ ކުޅުންތެރިއަކުވެސް ކުޅެނީ ޓީމަށް ފައިދާވާ ގޮތަށް. ޓީމެއްގެ ގޮތުގަ އެމީހުން ވަރަށް މޮޅު. ހަމައެކަނި ވަކި އެންމެ ކުޅުންތެރިއަކަށް ނޫނީ ދެ ކުޅުންތެރިޔަކަށް ބަރޯސާވެފައި އޮތް ޓީމެއް ނޫން އެއީ. އޭގެ ކްރެޑިޓް ހައްގުވާ މީހަކީ މިކެލް.” ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދި ކެރިކް ބުންޏެވެ.

“ސެޓް ޕީސްތަކުގަވެސް އެމީހުން ވަރަށް ނުރައްކާ ކުރޭ. އެއީ މިވަގުތު އެޓީމު ލީގު ޓޭބަލްގެ އެއްވަނައިގައި އޮތް އެއް ސަބަބު. އެޓީމުގެ ނަތީޖާތައް އެހާ ރަގަޅީވެސް އެހެންވެ.” އާސެނަލްގެ ކުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން ކެރިކް ބުނެފައިވެ އެވެ.

“ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ރަގަޅު ރޫހެއްގަ. ކުޅުންތެރިން ތިބީ މެޗަށް ނުކުންނަން ކެތްމަދުވެފަ. އާސެނަލްއަކީ ބަލިކުރަން އުނދަގޫ ޓީމެއްކަން އެނގޭ. އެކަމަކު އަހަރެމެންނަށް އެކަމާ ކުރިމަތިލެވޭނެ. އަހަރެމެންގެ ޓީމުގައިވެސް ރަގަޅު ކުޅުންތެރިން އެބަ ތިބި. މިއީ މޮޅު ޓީމެއް. އެކަން އަހަރެމެން އިހަކަށް ދުވަހު ސާބިތުކޮށްދީފިން. އިތުރަށް އެކަން ސާބިތުކޮށްދޭން ބޭނުން.” ކެރިކް އިތުރަށް ބުނެފައިވެ އެވެ.

މިރޭގެ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ބުނެފައިވަނީ ކެރިކްގެ ސަބަބުން ޔުނައިޓެޑަށް ދިރުން ލިބިއްޖެ ކަމަށެވެ.

“މައިކަލް ޔުނައިޓެޑާ ހަވާލުވުމަކީ ޔުނައިޓެޑަށް ލިބުނު ކުރިއެރުމެއް. އާ ވިސްނުތައް ހުންނާނެ. އަބަދުވެސް ރޫހް ވަރުގަދަ ވާނެ. މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗްގަ އެންމެނަށްވެސް އެކަން ފެންނާނެ. އެޓީމުގެ ކުޅުންތެރިން އެ މެޗުގަ ދެއްކި ކުޅުމާ ޓީމުން ކުރި މަސައްކަތް ފެންނާނެ. އެހެންވީމަ އަހަރެމެން އުންމީދުކޮށްގެން މިތިބީ އުނދަގޫ މެޗަކަށް. އެކަމަށް ވިސްނައިގެން އަހަރެމެން ކުޅޭނީ.” މިދިޔަ ސިޒަނުގައި ވެސް ޕްރިމިއާ ލީގު ތަށި ހޯދުމާ ދާދި ގާތަށް ދިޔަ އާސެނަލްގެ ކޯޗު އާޓެޓާ ބުނެފައިވެ އެވެ.

“އެކަމަކު އަހަރެމެން މި ކުޅެނީ އަމިއްލަ ދަނޑުގަ. އަހަރެމެންނަށް އެނގޭ މިއީ އަހަރެމެންނަށް ކިހާ މުހިންމު މެޗެއް ކަން. އެމީހުންގެ ހުރިހާ ޑިޕާޓްމަންޓެއްވެސް ވަރަށް ވަރުގަދަ. އެޓީމަށް ކުޅޭނެ ހުސް ޖާގަ ދީފިއްޔާ އެމީހުން ވަރަށް ނުރައްކާވާނެ. އެއީ ވަރަށް ސާފު ކަމެއް. އެކަން އޮތީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަހަރެމެން އެންމެނަށް ފެނިފަ. އެކަމަކު އެހެން ހުރިހާ ޓީމެކޭ އެއްގޮތަށް އެމީހުންގެ ބަލިފައިތައްވެސް އެބަހުރި.” މިރޭގެ މެޗާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން އާޓެޓާ ބުނެފައިވެއެވެ.

އެމިރޭޓްސް ދަނޑުގައި އާސެނަލާއި ޔުނައިޓެޑް ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖޭގެ ގަޑިން 09:30 ގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!