މެންޗެސްޓާ ޔުނިޓެޑްގެ ކޯޗްކަމުން ޕޯޗްގަލްގެ ރުބެން އަމޮރިމް އިއްޔެ ވަކިކޮށްފައިވާއިރު އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ 14 މަސްދުވަހު ޔުނައިޓެޑުން ނެރެފައިވާ ނަތީޖާތަކާއި، އޭގެ ކުރިން ޔުނައިޓެޑާ ހަވާލުވެފައިވާ ކޯޗުން ނެރެފައިވާ ނަތީޖާތަކާ އަޅާކިޔާލުމަކީ މިވަގުތަށް މުނާސަބުކަމެއް ކަމުގައި ދެކެމެވެ.
އުމުރުން 40 އަހަރުގެ އަމޮރިމް ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށްފައި މިވަނީ މިދިޔަ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނިޓެޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ 1-1 އިން އެއްވަރުވި މެޗް ނިމުނުތާ 24 ގަޑިއިރުވެސް ނުވަނީހެވެ. ޔުނައިޓެޑް މިވަގުތު އޮތީ ލީގު ޓޭބަލްގެ ހަވަނައިގަ އެވެ.
އަމޮރިމްގެ އިރުޝާދުގެ ދަށުން އެންމެ ފަހުން ޔުނައިޓްޑް ކުޅުނު ހަ މެޗްގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވިފައިވަނީ ޓޭބަލްގެ ފުލުގައި އޮތް ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗާއި، ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗް އެކަންޏެވެ. މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކުޅުނު މެޗްތަކުގެ ނަތީޖާއަށް ބަލާއިރު މޮޅުވެފައިވާ މެޗްތަކުގެ އިންސައްތަ އުޅެނީ 40 ގައެވެ. މިހާތަނަށް ލީގުގައި ޔުނައިޓެޑް ކުޅުނު 20 މެޗްގެ ތެރެއިން ކާމިޔާބުކުރެވުނީ އެންމެ އަށް މެޗެވެ.
އަމޮރިމްގެ ކޯޗްކަމުގެ ދަށުން ޔުނައިޓެޑް ކުޅުނު 63 މެޗްގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވިފައިވަނީ 24 މެޗެވެ. 21 މެޗުން ބަލިވެފައިވާއިރު 18 މެޗް ނިމުނީ އެއްވަރުވެގެންނެވެ. މިއީ ކުޅުނު މެޗްތަކުން މޮޅުވެފައިވާ ނިސްބަތަށް ބަލާއިރު މިހާތަނަށް ޔުނައިޓެޑާ ދާއިމީކޮށް ހަވާލުވި އެއްވެސް ކޯޗަކު އަދި ނެރެފައި ނުވާ ވަރުގެ ދަށް ނަތީޖާއެކެވެ.

ޔުނައިޓެޑްގެ މެޗެއްގައި އަމޮރިމް. ނަތީޖާތައް ދަށްވުމުން މަގާމުން ވަނީ ވަކިކޮށްފަ
އަމޮރިމްގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅެފައިވާ މެޗްތަކުން ލިބުނު ޕޮއިންޓްގެ އެވްރެޖަކީ 1.23 އެވެ. މިއީ 2013 ވަނަ އަހަރު އެ ކްލަބްގެ ކޯޗްކަމުން ސަރ އެލެކްސް ފާގަސަން ވަކިވިފަހުން ޔުނައިޓެޑާ ހަވާލުވި ކޯޗަކު ނެރެފައިވާ އެންމެ ދަށް އެވްރެޖެވެ.
ލީގުގައި ކުޅުނު މެޗްތަކުގައި ޔުނައިޓެޑް ކޮޅަށް ވަދެފައިވާ ގޯލްގެ ރޭޝިއޯއަށް ބަލާއިރުވެސް އެންމެ ގޯސް ރެކޯޑް ލިބެނީ އަމޮރިމްއަށެވެ. އެއީ ކޮންމެ މެޗަކަށް 1.53 ގޯލެވެ. ކްލީން ޝީޓްގެ އިންސައްތައަށް ބެލިޔަސް އެންމެ ފުލަށް ދަނީ އަމޮރިމް އެވެ. އެއީ އެންމެ 15 އިންސައްތައާއެކު އެވެ.
އަމޮރިމް 2024 ވަނަ އަހަރުގެ ފަހުކޮޅު ޔުނައިޓެޑާ ހަވާލުވިފަހުން ޕްރިމިއާ ލީގުގައި ވާދަކުރަމުން މިހާ ހިސާބަށް އައިސްފައިވާ ކްލަބްތަކުގެ ތެރެއިން ޔުނައިޓެޑަށް ވުރެ ގިނައިން ޕޮއިންޓް ނުހޯދި އޮތީ އެންމެ ތިން ޓީމަށެވެ. އެއީ މިދިޔަ 14 މަސްދުވަހުގެ ތެރޭގައި 46 ޕޮއިންޓް ހަމަކުރެވުނު ޓޮޓެންހަމް ހޮޓްސްޕާސް އާއި، 45 ޕޮއިންޓް ހަމަކުރެވުނު ވެސްޓްހަމް ޔުނައިޓެޑާއި، 39 ޕޮއިންޓް ހޯދުނު ވުލްވްސް އެވެ. މި މުއްދަތުގެ ތެރޭގައި ޔުނައިޓެޑަށް ލިބުނީ 58 ޕޮއިންޓެވެ.
އަމޮރިމް ހަވާލުވި ފުރަތަމަ ސީޒަން ޔުނައިޓެޑަށް ނިންމާލަންޖެހުނީ ލީގު ޓޭބަލްގެ 15 ވަނައިގައި އޮވެގެންނެވެ. އެކަމަކު އޭނާ ވަނީ މިދިޔަ ސީޒަންގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލަށް ޔުނައިޓެޑް ގެންގޮސްދީފަ އެވެ. ފައިނަލްގައި ޔުނައިޓެޑް މިދިޔަ ސީޒަނުގައި ވަރަށް ދަށްކޮށް އުޅުނު ޓޮޓެންހަމްއާ ވާދަކޮށެވެ.
އަމޮރިމްއަކީ ޔުނައިޓެޑް ތާރީހް ދުށް އެންމެ ކާމިޔާބު ކޯޗް އެލެކްސް ފާގަސަން އަށްފަހު ޔުނައިޓެޑާ ދާއިމީކޮށް ހަވާލުވި ހަތް ވަނަ ކޯޗެވެ. ފާގަސަން ޔުނައިޓެޑްގެ ކޯޗްކަމުގެ މަގާމުން އިސްތިއުފާދިން ފަހުން އެ ކްލަބާ ހަވާލުވި ކޯޗުންގެ ތެރޭގައި އަމޮރިމްގެ އިތުރުން ހިމެނެނީ ޑޭވިޑް މޮޔަސް، ހޯސޭ މޮރީނިއޯ، ލުއި ވެން ހާލް، އޮލެ ގުނަ ސޯލްޝެއާ، ރަލްފް ރަންގްނިކް އަދި އެރިކް ޓެން ހާގެވެ.