ފުރަތަމަ ސަފްޙާ / ޚަބަރު / މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު އަގުގައި ބަދަލުވެދާނެ ހަތް ކުޅުންތެރިން
ފަހުމިނެޓް

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު އަގުގައި ބަދަލުވެދާނެ ހަތް ކުޅުންތެރިން

އެޑްމިން
އެޑްމިން
1 މަސް ކުރިން 7 ޖެނުއަރީ 2026

ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހު ހުޅުވޭ ޓްރާންސްފާ ބާޒާރަކީ އާންމުގޮތެއްގައި އެހާ އަގުބޮޑު ޓްރާންސްފާތަކެއް ހިނގާ ބާޒާރެއް ނޫނެވެ. އެކަމަކު ސީޒަންގެ މެދުތެރެއިން ކްލަބްތަކާއި ކުޅުންތެރިންނަށް ކުރިމަތިވާ ބައެއް ހާލަތްތަކުގެ ސަބަބުން ބޮޑު އަގުގައި ކުޅުންތެރިން އެއް ކްލަބުން އަނެއް ކްލަބަށް ގެންގޮސްފައި އެބަހުއްޓެވެ. މިއާޓިކަލްގައި މި ބަލާލަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު އަގުގައި ކްލަބް ބަދަލުވުމުގެ ފުރުސަތު އޮތް މަޝްހޫރު ހަތް ކުޅުންތެރިންނަށެވެ.

މުހައްމަދު ސަލާހް (ލިވަޕޫލް)

ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ދެފަހަރަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މުޙައްމަދު ސަލާހް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެއަހަރަށް އާކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެކަމަކު އޭގެ އަށް މަސް ފަހުން މަންޒަރު މިވަނީ މުޅިން ބަދަލުވެފަ އެވެ. ލިވަޕޫލްގައި ސަލާހަށް ލިބުނު ލޯތްބާއި، މަޝްހޫރުކަން ކިލަނބުވާވަރުގެ ހާލަތަކަށް ކަންކަން ގޮސް އެ ކްލަބް ދޫކޮށް ސަލާހް ހިނގައިދާނެ ކަމުގެ ޝައްކުތައް މިވަނީ އުފެދެން ފަށައިފަ އެވެ.

މިވަގުތު މިސްރުގެ ގައުމީ ޓީމާއެކު އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ވާދަކުރަމުން އަންނަ ސަލާހުގެ ކުރިމަގާ މެދު ސުވާލު އުފައްދަން ފެށީ އެ ޓީމުގެ ކޯޗު ނެދަލެންޑްސްގެ އާނޭ ސްލޮޓްއާ ދެމެދު މިފަހުން އުފެދިފައިވާ މައްސަލަގަނޑާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް މީޑިއާގައި ސަލާހް ސްލޮޓަށް ފާޑުކިޔުމުން މިދިޔަ މަހު ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗުން ސްލޮޓް ވަނީ ސަލާހް ބާކީ ވެސް ކޮށްފަ އެވެ. އޭރު ސްލޮޓް ބުނެފައި އޮތީ ސަލާހް އަލުން ޓީމަށް ނަގާނީ އޭނާގެ ކިބައިން މައާފަށް އެދުމުން ކަމަށެވެ. ކަން އެހެން އޮއްވައި އޭގެ ފަހުން ލިވަޕޫލުން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ސްލޮޓް ވަނީ ސަލާހް ހިމަނައިފަ އެވެ. އެ މެޗު ނިމުމުން ސަލާހް ވަނީ ލިވަޕޫލްގެ ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން ޝުކުރު އަދާކޮށްފަ އެވެ. އެއީ އެފްރިކާ ކަޕަށް ސަލާހް ފުރުމުގެ ކުރިން ލިވަޕޫލް ކުޅުނު އެންމެ ފަހު މެޗެވެ. އެހެންވުމާއެކު އެއީ ވަގުތީގޮތުން ވަކިވާތީ ކުރި އިޝާރާތެއް ކަމެއް ނުވަތަ އެއްކޮށް ވަކިވާން އުޅޭތީ ދިން މެސެޖެއް ކަމެއް އަދި ނޭނގެ އެވެ.

ސަލާހް ބޮޑު އަގުގައި ސައުދީ ޕްރޯ ލީގަށް ގެންދަން މީގެ ކުރިން ވަނީ މަސައްކަތްކޮށްފަ އެވެ. ބެލެވޭގޮތުގައި އެ މުއާމަލާތް އަލުން ހިނގައި އެކަން ހަގީގަތަކަށްވުން އެންމެ ގާތީ މި ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގަ އެވެ.

ކަރީމް އަޑެޔޭމީ (ބޮރޫޝިއާ ޑޯޓްމަންޑް)

ކަރީމް އަޑެޔޭމީ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށްލަން މެދުވެރިވާ މައިގަނޑު ސަބަބެއް ކަމުގައި މީޑިއާ ރިޕޯޓްތައް ބުނަނީ އޭނާގެ ލޯބިވެރިޔާ ޔޫރަޕްގެ ބޮޑު އެހެން ސިޓީއަކަށް ބަދަލުވާން ބޭނުންވުމެވެ. ޖަރުމަނުގެ ގައުމީ ޓީމުގައިވެސް ހިމެނޭ އަޑެޔޭމީ ވަނީ އޭނާގެ އޭޖެންޓްވެސް ބަދަލުކޮށް މި ޖެނުއަރީ މަހު އެހެން ކްލަބަކަށް ބަދަލުވެވެން އޮތް ފުރުސަތުތައް ދެނެގަތުމުގެ މަސައްކަތްވެސް ފަށައިފަ އެވެ. އަޑެޔޭމީ ބަދަލުވުން އެންމެ ގާތްކަމަށް ބެލެވެނީ ކުރިންވެސް އޭނާ ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ އިޓަލީގެ އިންޓަ މިލާނަށެވެ. އެކަމަކު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ ސޮއި ހޯދުމަށް ޕްރިމިއާ ލީގުގެ ދެ ކްލަބް ކަމަށްވާ އާސެނަލްއާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް މަސައްކަތްކުރާނެ އެވެ.

ޑޯޓްމަންޑުން އުމުރުން 23 އަހަރުގެ އަޑެޔޭމީ ވިއްކާނެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 100 މިލިއަން ޑޮލަރެވެ. އެކަމަކު މިދިޔަ ތިން ސީޒަނުގައި އަޑެޔޭމީ އަށް ކާމިޔާބުކޮށްދެވިފައިވަނީ ޖުމްލަ އެންމެ 14 ގޯލް ކަމުން އެ އަގަކީ އެކަށީގެންވާވަރަށްވުރެ ބޮޑު އަގަކަށް އޭނާ ހޯދަން މަސައްކަތްކުރާ ކްލަބްތަކުން ގަބޫލުކުރާނެ ކަމަށް ބެލެވެ އެވެ. ކަން އެހެން އޮތް ކަމުގައިވިޔަސް އަޑެޔޭމީއަކީ ޓީމުގެ ކުރީގައި ކޮންމެ ދިމާލަކަށްވެސް ކުޅުމުގެ ގާބިލުކަން ހުރި ކުޅުންތެރިއަކަށް ވުމާއެކު އޭނާގެ އަގު މާބޮޑަށް ދަށް ކުރެވޭނެ ކަމަކަށްވެސް ނުބެލެވެ އެވެ.

އެލިއޮޓް އެންޑަސަން (ނޮޓިންހަމް ފޮރެސްޓް)

ޑިފެންސިވް މިޑްފީލްޑަރުން މިފަހަކަށް އައިސް ފެންނަނީ ވަރަށް އަގުބޮޑު ބައެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަގޮތެއްގައި އިނގިރޭސި ޕްރިމިއާ ލީގުގައި އެކަން ފާހަގަވާލެއް އަދި މާބޮޑެވެ. އެންޒޯ ފެނާންޑޭޒް، ޑެކްލަން ރައިސް އަދި މޮއިސެސް ކަސީޑޯ ގެންނަން 100 މިލިއަނަށްވުރެ މަތިން އެކުޅުންތެރިން މިހާރު ކުޅޭ ކްލަބްތަކުން ހަރަދުކޮށްފައިވުމަކީ އޭގެ އެއް ހެއްކެވެ. ދެން އެގޮތަށް ކްލަބް ބަދަލުވުން އެންމެ ގާތް ކުޅުންތެރިއެއްގެ ގޮތުގައި ބެލެވެނީ ނޮޓިންހަމް ފޮރެސްޓަށް ކުޅެމުން އަންނަ އެލިއޮޓް އެންޑަސަން އެވެ.

އެންޑަސަން އަށް އެންމެ ބޮޑަށް ފާރަލަމުން އަންނަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެ ކްލަބްގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީވެސް މޮޅު ޑިފެންސިވް މިޑްފީލްޑަރެއް ހޯދުމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެންޑަސަން އަކީ ޔުނައިޓެޑުން ބޭނުންވާ ހުރިހާ ކަމަށް ފުރިހަމައަށް ހުރި ކުޅުންތެރިއެކެވެ. ޔުނައިޓެޑުން އެންޑަސަންއަށް ޝައުގުވެރިވާކަން ނޮޓިންހަމް ފޮރެސްޓަށް އެނގިފައިވާއިރު އެ ޓީމުން އެންމެ ކުޑަކޮށްވެސް އެންޑަސަން ވިއްކާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 120 މިލިއަނާ ޑޮލަރާއި 130 މިލިއަން ޑޮލަރާ ދެމެދުގެ އަގެއްގަ އެވެ.

ޔުނައިޓެޑްގެ އިތުރުން ލިވަޕޫލާއި، ނިއުކާސަލް ޔުނައިޓެޑުން ވެސް 23 އަހަރުގެ އެންޑަސަން ހޯދަން މި ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި މަސައްކަތްކުރާނެ ކަމަށް ބެލެވެ އެވެ. މި ސަބަބާހުރެ އެންޑަސަންގެ އަގު އިތުރަށް އުފުލި ރެކޯޑް އަގަގަކަށް އޭނާ ވިއްކާލުމުގެ ފުރުސަތުވެސް އެބައޮތެވެ.

މާކް ގެހީ (ކްރިސްޓަލް ޕެލެސް)

ކްރިސްޓަލް ޕެލަސްއިން ލިވަޕޫލަށް މާކް ގެހީ ބަދަލުވުމާ ވަރަށް ގާތަށް މިދިޔަ ހޫނު މޫސުމުގައި ވަނީ ގޮސްފަ އެވެ. އެކަން އާންމުކުރުމަށްޓަކައި ލިވަޕޫލުން ވީޑިއޯ ކްލިޕް ވެސް ތައްޔާރުކުރި އެވެ. ގެހީ 47 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވާން އޮތް އޮތުން ކްރިސްޓަލް ޕެލަސް އިން ހުއްޓުވީ ޓްރާންސްފާ ބާޒާރުގެ ސުންގަޑި ހަމަވާން ވަރަށް ކުޑަ ވަގުތުކޮޅަކަށް ވެފައި އޮއްވައެވެ. އެއާއެކުވެސް ލިވަޕޫލުން ގެހީއަށް ދެމުން އައި ސަމާލުކަމަކަށް ބަދަލެއް އައިސްފައެއްނުވެ އެވެ.

ލިވަޕޫލްގެ އިތުރުން ގެހީއަށް ފާރަލާ ކްލަބްތައް މިހާރު މިވަނީ އިތުރުވެފަ އެވެ. މީގެ ތެރޭގައި މެންޗެސްޓާ ސިޓީއާއި، ބަޔާން މިޔުނިކްގެ އިތުރުން އެތުލެޓިކޯ މެޑްރިޑް ވެސް ހިމެނޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ގެހީ ކްރިސްޓަލް ޕެލަސްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަން ނިމުމާއެކު ހަމަވާގޮތަށް އޮތް ނަމަވެސް އެ އެއްބަސްވުމުން އާކުރާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއް ނުވެ އެވެ. އެހެންވުމާއެކު އެންމެ ބޮޑަށް ގާތީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެންމެ ފުރަތަމަ ގެހީ ހޯދަން ހުށަހަޅާ ފަރާތަކަށް ވިއްކާލުމެވެ. އުމުރުން 25 އަހަރުގެ ގެހީ އަކީ މިވަގުތު ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ޑިފެންޑަރުންގެ ތެރެއިން އެންމެ ތޫނުފިލި އެއް ޑިފެންޑަރެވެ.

ނިކޯ ސްލޮޓާބެކް (ބޮރޫޝިއާ ޑޯޓްމަންޑް)

ނިކޯ ސްލޮޓަބެކްއަކީ މިވަގުތު އެންމެ ޑިމާންޑް އޮތް އެކަކެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސްޕެއިންގެ އެންމެ ބޮޑު ދެ ކްލަބްކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ނިކޯއަށް ފާރަލަމުން އަންނަތާ ދުވަސްގަނޑެއް ވެއްޖެ އެވެ. މީގެ އިތުރުން ބަޔާން މިޔުނިކުންވެސް ނިކޯގެ ސޮއި ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ރާވަމުންނެވެ. ބަޔާނުން ގަބޫލުކުރާ ގޮތުގައި އެކްލަބަށް މިހާރު ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯގެ ބަދަލުގައި އޭނާ ނެތްތަން ފޫބައްދަން އެންމެ ރަގަޅު ޑިފެންޑަރަކީ ނިކޯ އެވެ.

އުމުރުން 26 އަހަރުގެ ނިކޯގެ ސޮއި ހޯދުމަށްޓަކައި ލިވަޕޫލް ވެސް ވާދަކުރާނެ ކަމަށް ބެލެވެ އެވެ. ނިކޯ ހޯދުމަށްޓަކައި ގިނަ ކްލަބްތަކަކުން މަސައްކަތްކުރަން ތައްޔާރަށް ތިބިއިރު ޑޯޓްމަންޑުން ވެސް އަންނަނީ 2027 ވަނަ އަހަރާ ހަމައަށް ނިކޯއާއެކު ހަދާފައިވާ އެއްބަސްވުމުން އާކުރުމަށްޓަކައި ވެސް މަސައްކަތްކުރަމުންނެވެ. އެކަމަކު އެކަން ކާމިޔާބު ނުވެ ނިކޯ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވެގެން ޕްރެޝަރުކުރާ ހާލަތުގައި އޭނާ އެހެން ކްލަބަކަށް 67 މިލިއަން ޑޮލަރަށްވުރެ ކުޑަ އަގެއްގައި ވިއްކާނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ނިކޯގެ ހުރި ލީޑަޝިޕް ސިފަތަކާއި، ހުނަރުވެރިކަމަށް ބަލާއިރު އެއީވެސް އަދި ކުޑަ އަގެކެވެ.

އެންޓޮން ސެމެންޔޯ (އޭއެފްސީ ބޯންމައުތު)

އެންޓޮން ސެމެންޔޯ އަކީ މަވަގުތު ޕްރިމިއާ ލީގުގައި އަރިމަތިން ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު އެކަކެވެ. ސެމެންޔޯގެ ބާރު ދުވެއްޔާއި އަދި ދެފައިން އެއްވަރަށް މޮޅަށް ކުޅޭ ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް އަންނަނީ އޮހެމުންނެވެ. އެ ސަބަބާހުރެ މިހާރުވެސް ޕްރިމިއާ ލީގުގެ އެންމެ ބޮޑެތި ކްލަބްތަކުގެ ތެރޭގައި ހިމެނޭ މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޓޮޓެންހަމްއިން ވެސް ވަނީ ސެމެންޔޯއާ މެދު ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ސެމެންޔޯގެ ރިލީޒް ކްލޯސްއެއްގެ ގޮތުގައި އެއްބަސްވުމުގައި ބޯންމައުތުން ކަނޑައަޅާފައިވަނީ 87 މިލިއަން ޑޮލަރެވެ. އުމުރުން 25 އަހަރުގެ ސެމެންޔޯގެ ކެރިއަރުގެ ޕީކް ދުވަސްތައް އަދި ކުރިއަށް އޮތުމާއެކު އެ އަގަކީ ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބްތަކަށް މާ ބޮޑު އަދަދަކަށް ނުވާނެ ކަމަށް ބެލެވެ އެވެ. ސެމެންޔޯގެ ބަދަލުވުން އެންމެ ގާތް ކަމަށް ބެލެވެނީ ސިޓީއަށެވެ. އަދި ސިޓީން ސެމެންޔޯ ގެންދިއުމުގެ މަސައްކަތް ޓްރާންސްފާ ބާޒާރުގެ ކުރީކޮޅު ފުރިހަމަކޮށް ނިންމާނެ ކަމަށްވެސް ބެލެވެ އެވެ.

ރުބެން ނެވެސް ( އަލް ހިލާލް)

ސައޫދީ ޕްރޯ ލީގުގައި ދެ އަހަރާއި ބައިގެ މުއްދަތެއް ވޭތުކުރުމަށްފަހު ރުބެން ނެވެސް މިހާރު ބޭނުންވަނީ އަލުން އެނބުރި ޕްރިމިއާ ލީގަށް އަންނަންކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ މިހާރު ކުޅެމުން އަންނަ އަލް ހިލާލްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އެ ކްލަބުން އާކުރަން މަސައްކަތްކުރި ނަމަވެސް އެކަން އެ ކްލަބަށް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ނެވެސް ބަދަލުވުން އެންމެ ގާތީ މެންޗެސްޓާ ޔުނައިޓެޑަށެވެ. ޔުނައިޓެޑްގެ ކުރީގެ ކޯޗު ރުބިން އެމޮރިމް ގަބޫލުކުރާ ގޮތުގައި އެ ކްލަބްގެ މެދުތެރެއަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ނެވެސް ކަހަލަ މެޗްގެ ޓެމްޕޯ ކޮންޓްރޯލްކޮށްގެން ކުޅެވޭ ވަރުގެ ތަޖުރިބާއާއި ހުނަރުހުރި ކުޅުންތެރިއަކު ބޭނުންވެ އެވެ. ޕޯޗްގަލްގެ ގައުމީ ޓީމުގައިވެސް 2015 ވަނަ އަހަރުން ފެށިގެން ހިމެނެމުން އަންނަ އުމުރުން 28 އަހަރުގެ ނެވެސް ހޯދުމަށް ޔުނައިޓެޑަށް ހަރަދުކުރަންޖެހޭނެ ކަމަށް ބެލެވެނީ 24 މިލިއަން ޑޮލަރެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!