ފުރަތަމަ ސަފްޙާ / ޚަބަރު / އޭދަފުށި، ނައިވާދޫ، ދެއްވަދޫ އަދި ވިލިމާލެ ސެމީ ފައިނަލަށް
ފަހުމިނެޓް

އޭދަފުށި، ނައިވާދޫ، ދެއްވަދޫ އަދި ވިލިމާލެ ސެމީ ފައިނަލަށް

އެޑްމިން
އެޑްމިން
1 ހަފްތާ ކުރިން 9 ފެބްރުއަރީ 2026

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގެ ޖާގަތައް ބ. އޭދަފުއްޓާއި ހދ. ނައިވާދޫގެ އިތުރުން ގއ. ދެއްވަދޫ އަދި ވިލިމާލެއިން ހޯދައިފި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ރޭ ފެނުނީ ވަރަށް ފޯރިގަދަކޮށެވެ.

ކުއާޓާ ފައިނަލް މެޗު އޭދަފުށިން ކާމިޔާބުކުރީ ރ. ދުވާފަރާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުން ޖެހި ޕެނަލްޓީގައި 4-6 އިން ކުރި ހޯދައިގެންނެވެ.

އޭދަފުށި 2-1 އިން މެޗުން މޮޅުވާން ދަނިކޮށް ދުވާފަރުން ނަތީޖާ ހަމަހަމަކުރީ ޕަވަރ ޕްލޭ ބޭނުންކޮށްގެން ވަރަށް މޮޅަށް ކުޅެމުން ގޮސް މެޗު ނިމެން 30 ސިކުންތަށް ވެފައިވަނިކޮށެވެ.

ޕެނަލްޓީގެ އޭދަފުށީގެ ހީރޯއަކަށްވީ ބަދަލު ގޯލްކީޕަރު މުހައްމަދު ޝާން އެވެ. ޝާން ވަނީ ދުވާފަރުގެ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. އޭދަފުށިން ވަނީ އެޓީމުގެ ހަތަރު ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ.

އޭދަފުށީގެ ބަދަލު ގޯލްކީޕަރުގެ މޮޅު ކުޅުމާ އެކު އެޓީމުން ވަނީ މުބާރާތުގައި މިހާތަނަށް ތިން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްފަ އެވެ. ޝާންގެ ސޭވްތަކާ އެކު ޕެނަލްޓީގައި އޭދަފުށި އެންމެ ފުރަތަމަ ކުރި ހޯދީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެރިޓީ ޝީލްޑް މެޗުގަ އެވެ. އެ މެޗުގައި އޭދަފުށިން ބަލިކުރީ ކާށިދޫ އެވެ.

ޝާން ވަނީ ޒޯން ތިނެއްގެ ފައިނަލުގައި ކ. ގާފަރު ބަލިކޮށް އޭދަފުށިން ޗެމްޕިއަންކަން ހޯދިއިރު ވެސް ޕެނަލްޓީ މަތަކޮށްފަ އެވެ. ތިން ވަނަ މެޗަކީ ރޭ ދުވާފަރު ބަލިކުރި މެޗެވެ.

މެޗުން ބަލިވިޔަސް ވަރުގަދަ އޭދަފުއްޓާ ދެކޮޅަށް ދުވާފަރުން މޮޅު ކުޅުމެއް ކުޅުނެވެ.

ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި ނައިވާދޫ އިން ވަނީ އއ. މަތިވެރި 2-4 އިން ބަލިކޮށްފަ އެވެ. މެޗުގައި މަތިވެރިއަށް ދިމާވި މައްސަލައަކީ އެޓީމުގެ ގޯލްކީޕަރު ހުސައިން ސަބީލް އަށް ފުރަތަމަ ހާފުގައި ރަތް ކާޑު ދެއްކުމެވެ. އޭގެފަހުން ދެ ވަނަ ހާފުގައި އެޓީމުގެ އަބްދުﷲ ފިޒާން އަށް ވެސް ރަތް ކާޑު ވަނީ ދައްކައިފަ އެވެ.

ނައިވާދޫ އިން ވަނީ 2025 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ފައިނަލުގައި ވާދަކޮށް ކާށިދޫ އަތުން 1-4 އިން ބަލިވެފަ އެވެ. މިއަހަރު އެޓީމުން އަނެއްކާވެސް އެވަނީ ފައިނަލުގެ ފުރުސަތު ފަހިކޮށްފަ އެވެ.

މެޗުގެ ކުރިން ވެސް ހީކުރެވުނު ގޮތަށް ދެއްވަދޫ އާއި ތިމަރަފުށީގެ ކުއާޓާ ފައިނަލް މެޗު ފެނުނީ ފޯރިގަދަކޮށެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވީ 3-3 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ދެއްވަދޫ ކުރި ހޯދީ 6-8 އިންނެވެ.

ތިމަރަފުށި 2-3 އިން ލީޑުގައި އޮއްވައި މެޗުގެ ފަހުކޮޅު އެޓީމުގެ މުހައްމަދު ތޯހިރު އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ދެޓީމުން ވެސް 5 ފައުލް ހަމަވެގެން ދުރު ޕެނަލްޓީ ލިބުނެވެ. ތިމަރަފުށިން ދުރު ޕެނަލްޓީ ކާމިޔާބު ކުރިނަމަވެސް ދެއްވަދޫ އަށް ދުރު ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.

ދެއްވަދޫން މެޗުން މޮޅުވީ ތިމަރަފުށީގެ އިބްރާހީމް ސިނާހް (ސިނާ) އަށް ޕެނަލްޓީ ވައްދާނުލެވި، ދެއްވަދޫން އެޓީމުގެ ފަހު ޕެނަލްޓީ ކާމިޔާބުކުރުމުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.

ކުއާޓާ ފައިނަލުގައި ވިލިމާލެއިން ކުރި ހޯދީ ދ. ކުޑަހުވަދޫގެ މައްޗަށެވެ. މެޗުން ވިލިމާލެ މޮޅުވީ 1-5 އިންނެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. ފުރަތަމަ ސެމީގައި އެރޭ 8 ޖަހާއިރު ވާދަކުރާނީ އޭދަފުއްޓާއި ނައިވާދޫ އެވެ. ދެ ވަނަ ސެމީގައި އެރޭ 10 ޖަހާއިރު ކުޅޭނީ ދެއްވަދޫ އާއި ވިލިމާލެ އެވެ.

މިއަހަރުގެ މުބާރާތުގައި 119 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!