ފުރަތަމަ ސަފްޙާ / ޚަބަރު / ގްރީން ސްޓްރީޓްސްގެ މައްސަލަ އެފްއޭއެމުން ބަލަން ފަށައިފި
ފަހުމިނެޓް

ގްރީން ސްޓްރީޓްސްގެ މައްސަލަ އެފްއޭއެމުން ބަލަން ފަށައިފި

އެޑްމިން
އެޑްމިން
1 ހަފްތާ ކުރިން 6 ފެބްރުއަރީ 2026

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ނިއުރޭޑިއަންޓާއި ގްރީން ސްޓްރީޓްސް ވާދަކުރާގޮތަށް ހަމަޖެހިފައި އޮތް މެޗަށް ގްރީން ސްޓްރީޓްސް ހާޒިރުނުވުމުގެ ސަބަބުން، ކްލަބް ވެލެންސިއާ ރެލިގޭޓްވި މައްސަލައިގަ ވެލެންސިއާއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް) އަށް ހުށަހެޅި މައްސަލަ އެ އިދާރާއިން ބަލަން ފަށައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް އޮތް ގޮތުން 10 ޓީމު ވާދަކުރާ ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމް އޮޓަމެޓިކުން ރެލިގޭޓް ވެއެވެ. ލީގުގެ ފަހު މެޗުތަކާ ހަމައަށް އައިއިރު އެންމެ ފުލަށް ގޮސްގެން ޔުނައިޓެޑް ވިކްޓަރީ އޮތީ ރެލިގޭޓުވެފަ އެވެ. އޮޓެމެޓިކުން ރެލިގޭޓްވުމުގެ ބިރާ ދެން ކުރިމަތިވެފައި އޮތް ދެޓީމަކީ އިއްޔެއާ ހަމައަށް އައިއިރު ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އެވެ.

ވެލެންސިއާއިން ލީގުގައި ކުޅެންޖެހޭ އެންމެ ފަހު މެޗުގައި ބުދަ ދުވަހު 0-2 އިން އީގަލްސް ބަލިކުރުމަށްފަހު ތިބީ އިއްޔެގެ މެޗަށް ވާގޮތެއް ބަލާށެވެ. އީގަލްސް އަތުން ވެލެންސިއާ މޮޅުވި ނަމަވެސް އެޓީމަށް ރެލިގޭޝަނުން ސަލާމަތްވެވެން އޮތީ އިއްޔެ ނިއު އާއި ގްރީން ބައްދަލުކުރި މެޗް ފަސް ލަނޑުގެ ތަފާތަކުން ކާމިޔާބުކޮށްގެންނެވެ. އެކަމަކު މެޗަށް ގްރީނުން ހާޒިރު ނުވުމާއެކު ގަވާއިދު ބުނާ ގޮތުން ނަތީޖާއަކަށް ވާނީ 0-2 އިން ނިއު މޮޅުވުމެވެ.

ކްލަބް ވެލެންސިއާއިން މިކަން ސިފަކުރީ ގްރީން ސްޓްރީޓްސްއިން ހިންގި މެޗް ފިކްސިން އަމަލެއްގެ ގޮތުގަ އެވެ. އަދި އެކަމާ ގުޅިގެން ވެލެންސިއާއިން ރޭ ބަޔާނެއް ނެރެފައިވާއިރު ގްރީން ސްޓްރީޓްސްއިން އަމަލުކުރި ގޮތުން ވެލެންސިއާގެ ހައްގެއް ގެއްލިއްޖެކަން ވަނީ ބަޔާނުގައި ފާހަގަކޮށްފަ އެވެ.

ވެލެންސިއާގެ ބަޔާނާ ހަވާލާދީ ގްރީން ސްޓްރީޓްސްއިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ކްލަބުގެ ބަޔާނުގައި ގަސްދުގައި މެޗު ދޫކޮށްނުލާ ކަމަށާއި، އެ ހުރިހާ ތުހުތަމުތަކަކަށް ކްލަބުން އިންކާރުކުރާ ކަމަށެވެ. ގްރީން ސްޓްރީޓްސް އިން އެދުނީ އެފްއޭއެމް އިން މައްސަލަ ބަލައި ނިންމަންދެން މީޑިއާ އާއި އާންމުން ވެސް އެކަމުގައި އިތުރު ވާހަކަތަށް ނުފެތުރުމަށެވެ.

މި މައްސަލައާ ގުޅިގެން ކްލަބް ވެލެންސިއާގެ އޮފިޝަލަކު “ފަހުމިނެޓް” އާ ވާހަކަދެއްކަމުން މިއަދު ބުނެފައިވަނީ މައްސަލަ އެފްއޭއެމަށް އިއްޔެ ހުށަހަޅައިފައިވާނެ ކަމަށާއި، އެފްއޭއެމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ލިޔުމުން މިއަދު އެ ކްލަބަށް އަންގާފައިވާ ކަމަށެވެ.

މުބާރާތުގެ ގަވާއިދު ބުނާ ގޮތުން މެޗެއް ނުކުޅެ ދޫކޮށްލައިފި ނަމަ އޮންނަ އަދަބަކީ އެ ކްލަބެއް 25،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ކަން މިހެން އޮތް ނަމަވެސް މިކަމާ ގުޅިގެން އިތުރު މައްސަލަތަކެއް ފެންމަތިވެ އެހެން ކްލަބަކަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވުމާއެކު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އިތުރު ފިޔަވަޅުތަކެއް އެފްއޭއެމުން އަޅާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!