ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބާއްވާ 20 އަހަރުން ދަށުގެ ފުރަތަމަ ފުޓްބޯޅަ މުބާރާތް މާޗް މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ސާކުގައި ހިމެނޭ ހަތް ގައުމުން ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ރާއްޖެ ހިމެނެނީ ހަތަރު ޓީމް ހިމެނޭ ގްރޫޕް އޭގަ އެވެ. ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ ނޭޕާލާއި، ބޫޓާންގެ އިތުރުން ސްރީ ލަންކާ އެވެ. އަނެއް ގްރޫޕްގައި ހިމެނެނީ އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.
މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މާޗް 23 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ ސްރީ ލަންކާއާ އެވެ. ދެވަނަ މެޗުގައި މާޗް 25 ވަނަ ދުވަހުގެ ރޭ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 27 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ބައްދަލުކުރާނީ ނޭޕާލާ އެވެ.
ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ސެމީ ފައިނަލުގައި ވާދަކުރަން ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް މެޗް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު އެވެ.
ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ފަށަން ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހަށް ވެފައި އޮތް އިރު މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީމުގައި ހިމަނާނެ ކުޅުންތެރިން ކަނޑައެޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޓީމަށް ކުޅުންތެރިން ނެގުމަށް މިދިޔަ ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގައި އޯޕަން ޓްރަޔަލެއް ބާއްވާފައިވާ މާލޭގެ ހަތަރު ސްކޫލަކަށް ދައުވަތު ދީގެން ބާއްވާ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެއް އަންނަ ހޮނިހިރު ދުވަހު ފަށަން ވަނީ ތައްޔާރުވެފަ އެވެ.