ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ހޮވުމަށް އާންމުކޮށް ހުޅުވާލައިގެން ޓްރަޔަލްއެއް ބާއްވަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
އެފްއޭއެމުން މިދިޔަ ބުރާސްފަތި ދުވަހު މީޑިއާތަކަށް ފޮނުވި ލިޔުމެއްގައި ބުނެފައިވާ ގޮތުން 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލް ކުރިއަށްދާނީ މިއަދު ހަވީރު 3:30 އިން 6:00 އަށް ގަލޮޅު ބޯޅަ ދަނޑުގަ އެވެ. މި ޓްރަޔަލްގައި ބައިވެރިވެވޭނީ އެ ލިޔުމުގައިވާ ގޮތުން 2007، 2008 އަދި 2009 ގައި އުފަންވެފައިވާ ކުދިންނަށް އެކަންޏެވެ.
ވިހި އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް މިއަދު ހާއްސަ ޓްރަޔަލްއެއް ބާއްވަން އެފްއޭއެމުން ނިންމާފައިވާއިރު ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ފުރަތަމަ ފަހަރަށް ބާއްވާ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް މިއަހަރު ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު ސައުތް އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން ވަނީ ދީފަ އެވެ.
މިއަހަރުގެ ކުރީކޮޅު ބާއްވަން ކުރިން ހަމަޖެހިފައި އޮތް މި މުބާރާތުގައި ސާކް ސަރަހައްދުގެ ހަތް ގައުމުން ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ އިރު މުބާރާތް ކުރިއަށްގެންދާ ގޮތަށް ރޭވިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި ރާއްޖެ ލައްވާލީ ސްރީ ލަންކާ އާއި ނޭޕާލްގެ އިތުރުން ބޫޓާން ހިމެނޭ ގްރޫޕްގަ އެވެ.