ފުރަތަމަ ސަފްޙާ / ޚަބަރު / އަސޫ: ރަން ޓީމު ހިފެހެއްޓީ ފަހަތަށް ނުޖެހި ހޯދި ފުރުސަތުން
ފަހުމިނެޓް

އަސޫ: ރަން ޓީމު ހިފެހެއްޓީ ފަހަތަށް ނުޖެހި ހޯދި ފުރުސަތުން

އެޑްމިން
އެޑްމިން
2 ހަފްތާ ކުރިން 30 ޖެނުއަރީ 2026

ތައިލެންޑުގައި ކުރިއަށްދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވި ރާއްޖޭގެ ގައުމީ ފިރިހެން ޓީމުން އެންމެ ވިދާލި އެކަކީ ގޯލްކީޕަރު ޒައިދާން އަހްމަދު (އަސޫ) އެވެ. ރާއްޖެ ފިޔަވައި މުބާރާތުގެ އެހެން ހުރިހާ ޓީމެއްގެ ކޮޅަށް ގިނަ ގޯލްތަކެއް ވަދެފައިވާއިރު ރާއްޖޭގެ ގޯލަށް ހަމެޗު ކުޅުނު އިރު ވަދެފައިވަނީ އެންމެ ހަ ގޯލެވެ. މީގެ އިތުރުން މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނު ކޮޅަށް އަސޫ ވަނީ ގޯލެއް ވެސް ވައްދާލައިފަ އެވެ.

ރާއްޖެއިން މުބާރާތުގައި ކުޅުނު ފުރަތަމަ ހަތަރު މެޗަކީ މުބާރާތުގައި ވާދަކުރި އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. މުބާރާތުގެ ތައްޓާ ހަމައަށްދާން ރާއްޖޭގެ ކުޅުންތެރިން އިތުބާރު ހޯދީ އެ މެޗުތަކުގެ ނަތީޖާއިންނެވެ. އެއިން ކޮންމެ މެޗެއްގައި ރާއްޖޭގެ ޓީމުގެ އެންމެ ބޮޑު ހިތްވަރަކަށްވީ ރާއްޖޭގެ ގޯލަށް އަމާޒުވި ހަމަލާތައް ދިފާއުކުރުމުގައި ގދ. ވާދޫ އަށް އުފަން އަސޫ ދެއްކި އާދަޔާހިލާފު ހުޝިޔާރު ކަމެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން އަސޫ. ގޯލުގައި އަސޫ ދެއްކީ ތަފާތު މޮޅު ކުޅުމެއް

ދެކެނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތަށް ރާއްޖޭގެ ގައުމީ ފިރިހެން ޓީމު ތައްޔާރުވާން ފެށީ މިދިޔަ ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ދުވަހު ގައުމީ ޓީމު ބޭއްވި ފުރަތަމަ ފަރިތަކުރުމަށް އަސޫ ނުކުތީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދެމަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އެވެ. ފުރަތަމަ ދުވަހު ބޭއްވި ފަރިތަކުރުމުގައި ޖުމްލަ 8 ގޯލްކީޕަރުން ބައިވެރިވި އެވެ. ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ހުރުމަށްފަހު ބޮޑު އިމްތިހާނަކާ ކުރިމަތިލާންޖެހުމުން އަސޫގެ ހިތުގައި އޭރު އުންމީދެއް ވެސް ނެތެވެ. އެކަމަކު ފަސް ދުވަސް ފަހުން ކަންވީ އަސޫ ހީކުރި ގޮތާ މުޅިން ތަފާތުކޮށެވެ. ޓީމުގެ ގޯލްކީޕަރުންގެ އަދަދު ފަހަކަށް މަދުކުރި އިރު އަސޫ ބާކީއެއް ނުވި އެވެ. ވާދޫގެ މި ކުޅުންތެރިޔާއަށް އާ ހިތްވަރެއް ލިބުނީ އެ ހިސާބުންނެވެ. މިވާހަކަތައް އަސޫ ވަނީ އިއްޔެ އޭނާގެ ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ހިއްސާކޮށްފަ އެވެ.

“އެއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމެއް. އެއާއެކު ވަރަށް ބޮޑު ހިތްވަރެއް ލިބުނު. ހަމަ ހަގީގަތުގައިވެސް އަހަރެން ހޮވޭނެ ކަމަށް އެއްގޮތަކަށްވެސް އުންމީދުކޮށްގެނެއް ނޫން ހުރީ. ވަރަށް ވަރުބަލިވި ވަގުތުތައް ވެސް އައި. ވަރަށް ދަށްކޮށް މަސައްކަތްކުރެވުނު ދުވަސްތައް ވެސް ދިޔަ. އެކަމަކު އަހަރެން ހޮވުމާއެކު އާ އުންމީދެއް ލިބުނު. ބުރަކޮށް މަސައްކަތްކުރަން ވަރަށް ބޮޑު ބާރަކަށް އެކަންވި” ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ފަށައިގަތް ދުވަސްތަކުގެ ހަނދާން އާކުރަމުން ފޭސްބުކް ޕޯސްޓުގައި އަސޫ ލިޔެފައިވެ އެވެ.

އޭގެ ފަހުން އަހަރެންގެ ކިބައިގައި ހުރި ގާބިލްކަން ދައްކަން އަހަރެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮންމެ ދުވަހަކުވެސް ކުރިން. އަހަރެން މިއަދު ވަރަށް ފަހުރުވެރިވޭ ދޫ ނުކޮށް އަހަރެންނަށް ކުރެވުނު މަސައްކަތުން މުބާރާތުގައި ކުޅެން ފުރުސަތު ލިބުނީތީ” އަސޫ އިތުރަށް ބުނެފައިވެ އެވެ.

އެހިސާބުން އަސޫގެ އަމާޒަކަށްވީ ޓީމުގެ 14 ކުޅުންތެރިންގެ ތެރޭގައި ހިމެނުން އެކަންޏެއް ނޫނެވެ. މެޗަށް އަރާ ފުރަތަމަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ހުވަފެން ވެސް އަސޫ ދެކެން ފެށިއެވެ. ގައުމީ ޓީމު ޗައިނާގައި ފުރިހަމަ ކުރި ތަމްރީން ކޭމްޕް ނިންމާލުމަށްފަހު ތައިލެންޑަށް އައިސް މުބާރާތުގެ ފުރަތަމަ މެޗަށް ނުކުތް ދުވަސް އެއީ އަސޫގެ އެ ހުވަފެން ހަގީގަތަކަށް ވި ދުވަހެވެ.

“ފުރަތަމަ މެޗުގައި ކުޅެން ފުރުސަތު ލިބި ގޯލެއް ކާމިޔާބުކުރެވުމަކީ އަހަރެންގެ މުޅި ހަޔާތުގައިވެސް އަހަރެން ހަނދާން ހުންނާނެ ކަމެއް. އަސޫ ބުނެފައިވެ އެވެ.

އަސޫ ވަނީ މީގެ ކުރިންވެސް ރާއްޖޭން ބޭރުގައި އޮތް ބައެއް މުބާރާތްތަކުގައި ގައުމީ ފުޓްސަލް ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. އަސޫގެ ކުޅުން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނާނީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ދެ ފުޓްސަލް މުބާރާތްކަމަށްވާ ކްލަބް މޯލްޑިވްސް ކަޕާއި، ގޯލްޑަން ފުޓްސަލް މުބާރާތުންނެވެ. އެންމެ ފަހުން އޮތް ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލަށް ޓީމު އެމްޓީސީސީ ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަސޫ ވަނީ 2022 އަހަރު އެ މުބާރާތުގެ ތަށި ފެނަކަ ކޯޕަރޭޝަންގެ ޓީމާއެކު ހޯދައިފަ އެވެ.

އަސޫ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ތައްޓާ އެކު. ލިބުނު ފުރުސަތުގައި އަސޫ ދެއްކި ކުޅުމަށް އެންމެން ތައުރީފް ކުރި

ފުޓްސަލްގައި އަސޫއަށް މިހާރު ނުލިބި އޮތް އެންމެ ޝަރަފްވެރި ތަށްޓަކީ ގޯލްޑަން ފުޓްސަލް މުބާރާތުގެ ތަށްޓެވެ. ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފުޓްސަލް ކުޅުންތެރިޔާ އަޔާޒް އަހްމަދު (އަޔާ)ގެ ކޮއްކޮ އަސޫ ވަނީ ބޭބެއާ އެކު އުފަން ރަށް ވާދޫއާއެކު ގޯލްޑަން ފުޓްސަލް މުބާރާތުގައި ގިނަ އަހަރު ތަކެއްގައި ވާދަކޮށްފަ އެވެ.

މިހާރު ހިނގަމުން އަންނަ މުބާރާތުގެ ޒޯން ބުރުގައި ވާދޫ އިން ވާދަކުރަމުން އަންނަ އިރު އެ ޓީމް މުބާރާތުގެ ތަށްޓާ އެންމެ ގާތަށް ގޮސްފައިވަނީ 2023 ވަނަ އަހަރު އެވެ. އެފަހަރުން ވާދޫ ޓީމުގައި ހިމެނިގެން ގޯލްޑަން ފުޓްސަލް މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވާއިރު ފައިނަލުން ވާދޫ ބަލިވީ ލ. ގަން އަތުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!