ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ރަން މެޑަލް މިއަދު ރާއްޖޭން ކަށަވަރުކުރުމާއެކު އެންމެ ގިނަ ބައެއްގެ ޝުކުރާއި ތައުރީފު ރައްދުވި އެކަކީ ގައުމީ ޓީމުގެ ކޯޗު އުޒްބެކިސްތާނުގެ ފާރޫކް ޒަކީރޯވް އެވެ.
ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ ފުރަތަމަ ސާފު ފުޓްސަލް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ރާއްޖޭން ކާމިޔާބުކޮށްފައި މިވަނީ ބާކީ އެއް މެޗު އޮއްވަ އެވެ. ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު އެހުރިހާ މެޗެއް ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. މުބާރާތުގައި ރާއްޖޭން މިހާތަނަށް ކުޅުނު ފަސް މެޗުގައި 23 ގޯލް ކާމިޔާބުކޮށްފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ހަތަރު ގޯލެވެ. މިއީ ހުރިހާ ގޮތަކުން ބެލިޔަސް މުބާރާތަގައި ބައިވެރިވި އެހެން އެއްވެސް ގައުމަކަށް ކައިރި ވެސް ނުކޮށްލެވޭ ވަރުގެ ރަގަޅު ރެކޯޑެކެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ހަތް ގައުމުން ވާދަކުރަމުން އަންނަ ފުޓްސަލް މުބާރާތަށް ރާއްޖޭގެ ފިރިހެން ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އުޒްބެކިސްތާނުގެ ކޯޗު ޒަކީރޯވްއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗުގެ މަގާމުގައި ވެސް ހުރި ޒަކީރޯވް ރާއްޖޭގެ ގައުމީ ފިރިހެން ޓީމާ ހަވާލުވީ މި މަހުގެ 31 އާ ހަމައަށެވެ.
ކުރިން އުޒްބެކިސްތާނުގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ޒަކީރޯވް ވަނީ އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމު މިދިޔަ އަހަރުގެ މޭ މަހު ޗައިނާގައި އޮތް އޭޝިއަން ކަޕަށް ކޮލިފައިކޮށްދީފަ އެވެ. އެ މުބާރާތުގައި އުޒްބެކިސްތާނުން ވާދަކޮށްފައިވަނީ ޗައިނާ އާއި ޗައިނީސް ޓައިޕޭގެ އިތުރުން އޮސްޓްރޭލިއާ ހިމެނުނު ގްރޫޕްގަ އެވެ. އެ ގްރޫޕްގެ ތިން ވަނަ އުޒްބެކިސްތާނުން ހޯދިއިރު ޒަކީރޯވްގެ އިރުޝާދުގެ ދަށުން އުޒްބެކިސްތާނުން ވަނީ ގްރޫޕް ސްޓޭޖްގައި އޮސްޓްރޭލިއާއާ ވާދަކުރި މެޗު ކާމިޔާބުކޮށްފަ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ގައުމީ ފިރިހެން ޓީމުގެ ފަރިތަކުރުންތައް ފެށީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ. އެހިސާބުން ފެށިގެން ވެސް ރާއްޖޭގެ ފުޓްސަލް ދަންނަ ވަރަށް ގިނަ ބަޔަކަށް ޓީމުގެ ފަރިތަކުރުންތަކުން ތަފާތެއް ފާހަގަކުރެވެން ފެށި އެވެ. އަދި އެކަން މި މުބާރާތް ފަށައިގެން ދިވެހި ޓީމު ކުޅުނު ފުރަތަމަ މެޗުން ވެސް ގިނަ ބަޔަކަށް ޔަގީންވި އެވެ.
“އަޅުގަނޑުވެސް ވަރަށް ހައިރާންވި ފުރަތަމަ މެޗު ބަލަން އިނދެފަ.” އިއްޔެ ރާއްޖެއާއި ބޫޓާން ވާދަކުރި މެޗް ހިނގަމުންދިޔައިރު ޔޭސް ޓީވީގެ ލައިވް ކަވަރޭޖްގައި ވާހަކަދައްކަމުން ކޯޗު ފަރުހާދު އިސްމާއިލް (ފަރޭ) ބުނެފައިވެ އެވެ.

ޗެމްޕިއަންކަން ކަށަވަރުކުރި މެޗަށް ފަހު ފުޓްސަލް ޓީމުގެ ކުޅުންތެރިން ކޯޗު އުފުއްލާލައިގެން. ކޯޗުގެ ފެންވަރަށް އެންމެން ދަނީ ތައުރީފް ކުރަމުން
“ގާތްގަނޑަކަށް ހަވަރަކަށް ހަތްވަރަކަށް މިނެޓް ތެރޭގަ ކުއްލިއަކަށް ސްޓާޓިންގަ ތިބި ހުރިހާ ޕްލޭޔަރުން ނަގާފަ ފްރެޝް ޕްލޭޔަރުން އެރުވީމަ އެގަޑީގަ އަޅުގަނޑު ހިތަށް އެރި ކޯޗު އަސްލު ގެންގުޅޭ ސްޓައިލެއް ބާއޭ މިއީ. މީގެ ސަބަބުން ބަދަލެއް އައިސްދާނެ ބާއޭ. ދެން އެހެން ބަލަން އިންދަ އަޅުގަނޑަށް ފާހަގަވީ އެއްވެސް ކަހަލަ ޓެމްޕޯއަކަށް ބަދަލެއް ނާދޭ. ފަހުން އެރުވި ޕްލޭޔަރުން ވެސް އެވަރަށް ޕްރެސް ކުރަނީ، ޕާސްކޮށްފަ މޫވްމަންޓްވެސް އަންނަނީ.” ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަކަށް ކުޅެފައިވާ ފަރޭ ބުންޏެވެ.
“ވަރަށް ތަފާތު ސްޓައިލަކަށް ކޯޗު މި ކުޅުވަނީ. ގެންގުޅޭ ވައްޓަފާޅިވެސް، ޕްރެސިން ގޭމް ވެސް. އިދިކޮޅު ޓީމަށް ހަމަ އީޒިލީ ގޭމެއް ބިލްޑްކުރެވޭނެ އެއްވެސް ޗާންސެއް ނުދީ މުބާރާތުގެ އެއްވެސް މެޗެއްގަ ހަމަ އެއްވެސް ޓީމަކަށް. ވަރަށް ހައި ޕްރެސިން، އިންޓެންސިޓީ ހައި ގޭމެއް މިފެނުނީ. ވަރަށް އަޅުގަނޑު ގަޔާވާ ޕާސަނާލިޓީއެއް ކޯޗުގެ މި ހުންނަނީ އަބަދުވެސް ވަރަށް ހަމަޖެހިލާފަ. ވަރަށް ކޮންފިޑެންސް އޮންނަހެން އެކަހަލަ ގޮތަކަށް އަބަދުވެސް ފެންނަނީ” ކޯޗުގެ ރޭވުންތެރިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން ފަރޭ ބުނެފައިވެ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ފިރިހެން ޓީމުގެ މެނޭޖަރު މުހައްމަދު އުމެއިރު ވެސް ވަނީ ކޯޗުގެ މަސައްކަތް ފާހަގަކޮށް ކޯޗަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
“އަޅުގަނޑުމެން ދިވެހިންނާވެސް ވަރަށް ގުޅޭ ކޯޗެއް. ކޯޗަށް ގަބޫލުކުރެވޭ އަޅުގަނޑުމެން އެންމެންނަށް މިކަން ވެދާނެކަން. އަސްލު ކޯޗުގެ ތަފާތު ވަރަށް ބޮޑަށް ފެނިގެންދިޔަ.” ރާއްޖޭން މުބާރާތުގެ ރަން މެޑަލް ކަށަވަރުކުރި މެޗަށް ފަހު ޕީއެސްއެމާ ވާހަކަދައްކަމުން އުމެއިރު ބުނެފައިވެ އެވެ.
“އެއްވެސް ދިވެހި ކޯޗަކަށް ބުނާ ދެރަ ބަހެއް ބަދު ބަހެއް ނޫން މިއީ. އެކަމަކު ފޮރިން ކޯޗެއްގެ ބޭނުން ދިވެހި ހުރިހާ ކުޅުންތެރިން ވެސް ހިފައިފި ވަރަށް ރަނގަޅަށް. ހަމަ ވަރަށް މޮޅު ކޯޗުގެ ވިސްނުމާ ކޯޗުގެ އެ ފިލޯސަފީ ހަމަ ވަރަށް ރަނގަޅު. ޓެކްޓިކަލީ ކުޅުންތެރިން ގެންގުޅެންޖެހޭނެ ގޮތާ، ކުޅުންތެރިންނަށް އެ ވިސްނަދިން ގޮތާ، މި ހުރިހާ އެއްޗެއް ވެސް އަޅުގަނޑަށް ވަރަށް ކަމުދިޔަ. އަޅުގަނޑު ދަންނަވާނީ ކޯޗު ފާރޫކް ތަފާތު ދައްކައިފިއޭ.” ރާއްޖެއަށް ފުޓްބޯޅައިން ބައިނަލްއަގްވާމީ ފުރަތަމަ ރަން މެޑަލް ހޯދި ޓީމުގައި ވެސް ހިމެނުނު އުމޭރު ބުންޏެވެ.

ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ޒަކީރޯވް. ކުޅުންތެރިން ވެސް ފާހަގަކުރީ ކޯޗުގެ އާދަޔާހިލާފު މޮޅުކަން
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު) ބުނެފައިވަނީ މިފަހަރު ރާއްޖެއަށް ރަން މެޑަލް ލިބުމުގެ އެންމެ ބޮޑު އެއް އަސްލަކީ ކޯޗު ކަމަށެވެ.
“މީގަ މާސްޓަ މައިންޑަކީ ކޯޗް. އަހަރެން ބުނާނީ މިކާމިޔާބީ ލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިކަހަލަ ފެންވަރު ހުރި ތަޖުރިބާކާރު ކޯޗެއް ހުރުމޭ.” ބޫޓާން މެޗަށްފަހު “ފަހުމިނެޓް” އާ ވާހަކަދައްކަމުން ސައްޓު ބުނެފައިވެ އެވެ.
“އަސްލު ޓޮޕް ލެވަލްގަ ކުޅެފަ އަދި ޓޮޕް ލެވަލްގަ ކޯޗުކަން ކޮށްދީފަ ހުރީމަ އޭނައަށް މުޅި ގޭމް އެއްކޮށް އެނގޭ.” ރާއްޖޭގެ ފުޓްސަލްގައި އެންމެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ އެއް ކުޅުންތެރިޔާ ސައްޓު ބުނެފައިވެ އެވެ.
ގައުމީ ޓީމުގެ ކޯޗު ކުރު މުއްދަތަކަށް ޓީމާ ހަވާލުވާން ރާއްޖެ އައީ އޭނާ މިހާރު ކޯޗްކޮށްދެމުން އަންނަ އުޒްބެކިސްތާނު ފުޓްސަލް ލީގުގެ ޓީމުން ރިލީޒް ހޯދައިގެންނެވެ.