ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ގައުމީ ފިރިހެން ފުޓްސަލް ޓީމަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވެއްޖެ އެވެ.
ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ ޗެމްޕިއަން ޓްރޮފީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ އެވެ.
ގައުމީ ފުޓްސަލް ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިރޭ 7:45 ގަ އެވެ. ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވެ އެވެ. އެގޮތުން ވީއައިޕީ އިން އެކުޅުންތެރިންނަށް މަރުހަބާ ކިޔާނީ ކުޅިވަރު ވުޒާރާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސްވެރިންނެވެ. އަދި، ކުޅުންތެރިންގެ އާއިލާތަކަށް ވެސް މަރުހަބާ ކިޔުމުގެ ފުރުސަތު ވީއައިޕީއިން ލިބޭނެ އެވެ.
ވިއައިޕީއަށް ފަހު ކުޅުންތެރިން އެމްޓީސީސީ ބަހުގައި ދާނީ މާލޭ ސޯޝަލް ސެންޓަރަށެވެ. ސޯޝަލް ސެންޓަރުން ކުޅުންތެރިން އަރާނީ، ކާމިޔާބީ ފާހަގަކުރުމަށް ތައްޔާރުކޮށްފައިވާ ލޮރީއަށެވެ. ލޮރީގައި ގައުމީ ފުޓްސަލް ޓީމު ދިއުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗަށެވެ.
އާޓިފިޝަލް ބީޗުން ޓީމަށް މަރުހަބާ ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސަށް ތަށި ހަވާލުކޮށްދިނުން އެގަޑީގައި ކުރިއަށްދާނެ އެވެ. އަދި، ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ގްރޫޕް ފޮޓޯއެއް ނެގުމަށް ހަމަޖެހިފައިވެއެވެ. އަދި، ޓީމާ މުހާތަބުކޮށް ރައީސް ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ގައުމީ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން އެ ސަރަހައްދުގައި ތިން މިނެޓަށް ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި، ހަރަކާތް ނިންމާލާނީ ގައުމީ ސަލާމުންނެވެ.

ގައުމީ ޓީމަށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް ކުރިއަށްދާ ގޮތުގެ ކުރެހުން. ފޮޓޯ: ކުޅިވަރު ވުޒާރާ
ގައުމީ ފުޓްސަލް ޓީމު ރަން ތަށި ހޯދުމާއި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ފުޓްބޯޅަ ޓީމު ސްރީ ލަންކާ ބަލިކޮށް ސައުތު އޭޝިއަން ސުޕަ ކަޕް ހޯދުމާއި ގުޅިގެން ރައީސް ވަނީ އެ ދެ ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދިނުމަށް ނިންމަވައިފައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންކަމާ އެކު ދިވެހީން ފަހުރުވެރިކޮށްދިން ޓީމު މިރޭ އެނބުރި އަންނައިރު ކުޅިވަރު ސަޕޯޓަރުންނާއި އާއިލާތަކުން އަންނަނީ ޓީމަށް ތަރުހީބު ދިނުމަށް ތައްޔާރުވަމުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ޕާކިސްތާން ބަލިކުރީ 1-7 އިންނެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް މޮޅުވީ 1-6 އިންނެވެ. ތިން ވަނަ މެޗުގައި އިންޑިއާއާ ވާދަކޮށް 0-5 އިން މޮޅުވިއިރު ހަތަރު ވަނަ މެޗުގައި ނޭޕާލުގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ. ޗެމްޕިއަންކަން ކަށަވަރުކުރި ފަސް ވަނަ މެޗުގައި ރާއްޖޭން ވަނީ ބޫޓާން 1-3 އިން ބަލިކޮށްފަ އެވެ. މުބާރާތުގެ ފަހު މެޗުގައި އިއްޔެ ލަންކާއާ ވާދަކޮށް ރާއްޖެ ވަނީ 2-5 އިން މޮޅުވެފަ އެވެ.