ފުރަތަމަ ސަފްޙާ / ޚަބަރު / މަންމަ ފަހުރުވެރިވާތަން ފެނުމަކީ އެންމެ ބޮޑު އިނާމު: ސައްޓު
ފަހުމިނެޓް

މަންމަ ފަހުރުވެރިވާތަން ފެނުމަކީ އެންމެ ބޮޑު އިނާމު: ސައްޓު

އެޑްމިން
އެޑްމިން
3 ހަފްތާ ކުރިން 29 ޖެނުއަރީ 2026

ކިތަންމެ ގިނަ ތަށްޓަކާއި މެޑަލެއް ކުޅިވަރުގައި ލިބުނު ކަމުގައިވެސް އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ދެކެނީ އެ ކާމިޔާބީއާ މެދު މަންމަ ފަހުރުވެރިވެފައި ހުންނަ މަންޒަރު ފެނުން ކަމަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އިޝާން އިބްރާހިމް (ސައްޓު) ބުނެފި އެވެ.

ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އެއް ކުޅުންތެރިޔާ ސައްޓު ވަނީ ތައިލެންޑްގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ ފުރަތަމަ ސަރަހައްދީ ފުޓްސަލް މުބާރާތުގައި ރާއްޖެއަށް ގޯލް ކާމިޔާބުކޮށްދިނުމުގެ އިތުރުން ބަންގްލަދޭޝްއާ ވާދަކޮށް 1-6 އިން ރާއްޖެއިން ކުރި ހޯދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ މެޗެއްގައި ސައްޓު ކުޅެނީ. އަހްލާގު ރަނގަޅު މި ކުޅުންތެރިޔާއަކީ ކުޅިވަރުގެ ނަމޫނާއެއް.

ސައްޓު އަކީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާހުރި އެއް ކުޅުންތެރިޔާ އެވެ. ފުޓްބޯޅައިގެ ހުނަރު އޮތް ބ. އޭދަފުށްޓަށް އުފަން މި ކުޅުންތެރިޔާ ވަނީ ރާއްޖޭގެ ފުޓްސަލްގައި ކުޅުންތެރިޔަކަށް ހޯދޭނެ ހުރިހާ ކާމިޔާބީއެއްހެން ހޯދައިފަ އެވެ. ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ބޭންކް އޮފް މޯލްޑިވްސްގެ ޓީމާއެކު ދެ ފަހަރު ސައްޓު އުފުލާލައިފައިވާއިރު، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުޓާއެކު ސައްޓު ވަނީ ހޯދައިފަ އެވެ. މީގެ އިތުރުން އޭދަފުށްޓަށް ގޯލްޑަން ފުޓްސަލްގެ ތަށި ލިބުނު އަހަރު ސައްޓު ވަނީ މުބާރާތުގެ ކިންގްގެ މަގާމުވެސް ހާސިލްކޮށްފަ އެވެ. އެކަމަކު މި ހުރިހާ ކާމިޔާބީއަކަށްވުރެ ވެސް ސައްޓުގެ ކުރިމަތީގައި އަގުހުރި އެހެން އިނާމެއްގެ ވާހަކަ އޭނާ ހިއްސާކުރީ މިއަދު އޭނާގެ ފޭސްބުކްގައި އާންމުކުރި ކުރު ޕޯސްޓެއްގަ އެވެ.

“އަހަރެންނަށް ލިބޭ އެންމެ ބޮޑު އިނާމަކީ މަންމަ އަހަރެންނާ މެދު ފަހުރުވެރިވާތަން ފެނުން.” ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށްޓާއެކު ގައުމީ ޓީމް އައި ރޭ ސައްޓުގެ އާއިލާގެ މެންބަރުންނާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ސައްޓު ލިޔެފައިވެ އެވެ.

އެއްވަގުތެއްގައި ކަހަލަ ގޮތަކަށް ފޭސްބުކްގައި ސައްޓު އާންމުކުރި އެހެން ޕޯސްޓެއްގައި ވަނީ އޭނާއަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ލިބުމުގައި ސައްޓުގެ އަންހެނުންގެ ފަރާތުން ލިބުނު ތާއީދު ފާހަގަކޮށް އެކަމުގެ އަގުވަޒަންކޮށްފަ އެވެ.

“އަހަރެންގެ ކޮންމެ މަސައްކަތެއްގައި އަބަދުވެސް އަހަރެންނާއެކު ވީމު. މި ރަންމެޑަލަކީ ތިބާގެ އެއްޗެއް.” އެ ޕޯސްޓްގައި ސައްޓުގެ އަންހެނުންނާ މުހާތަބުކުރަމުން ލިޔެފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!