ފުރަތަމަ ސަފްޙާ / ޚަބަރު / ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް ރާއްޖޭން ކާމިޔާބުކޮށްފި
ފަހުމިނެޓް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް ރާއްޖޭން ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
3 ހަފްތާ ކުރިން 26 ޖެނުއަރީ 2026

ތާރީހުގައި ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުން ކާމިޔާބުކޮށްފިއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ސާފް ފުޓްސަލް މުބާރާތް ކުރިއަށްގެންދަނީ ތައިލެންޑުގެ ބެންކޮކްގައެވެ.

ރާއްޖޭން ޗެމްޕިއަންކަން ކަށަވަރުކުރީ މީގެ ދެ ދުވަސް ކުރިން ބޫޓާން ބަލިކޮށްގެންނެވެ. މިއަދު ރާއްޖޭން ވަނީ ފަހު މެޗު ކުޅެފަ އެވެ. ސްރީ ލަންކައާ ވާދަކޮށް މި މެޗުން ރާއްޖެ މޮޅުވީ 2-5 އިންނެވެ.

ލަންކާ ކޮޅަށް ރާއްޖޭން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. އެއް ގޯލު ލަންކާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަންއިރު، ރާއްޖޭގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އާއި ހުސައިން ސުހައިލް (ސޮކޭ) އެވެ.

މުބާރާތުގައި ރާއްޖޭން ސަތޭކަ އިންސައްތައިގެ ރެކޯޑެއް ހެދުމަކީ ތާރީހީ ކާމިޔާބީއެކެވެ. މިއީ ފުޓްބޯޅަ އަދި ފުޓްސަލް ހިމެނޭހެން ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖޭން ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ތައްޓެއް ހޯދި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ ޕާކިސްތާން 1-7 އިން ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް މޮޅުވީ 1-6 އިންނެވެ. ތިން ވަނަ މެޗުގައި އިންޑިއާއާ ވާދަކޮށް 0-5 އިން މޮޅުވިއިރު ހަތަރު ވަނަ މެޗުގައި ނޭޕާލުގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ. ޗެމްޕިއަންކަން ކަށަވަރުކުރި ފަސް ވަނަ މެޗުގައި ރާއްޖޭން ވަނީ ބޫޓާން 1-3 އިން ބަލިކޮށްފަ އެވެ.

މުބާރާތަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ކުޅުންތެރިން ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް ކެޕްޓަން އިންމިގެ ކުޅުން ފާހަގަކުރެވުނެވެ. އިންމި ވަނީ ތަށި ހޯދި ޓީމަށް 9 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މުބާރާތަށް ރާއްޖެ ނުކުތީ އުޒްބެކިސްތާނުގެ ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުންނެވެ. ކޯޗުގެ އިރުޝާދުގެ ދަށުން މާލޭގައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ފަހު ރާއްޖޭން ވަނީ ޗައިނާގައި ވެސް 10 ދުވަހުގެ ކޭމްޕެއް ފުރިހަމަކޮށްފައެވެ.

ފުޓްސަލް ޓީމު ތައްޓާ އެކު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ ރެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!