މިއަދު ބޫޓާން ބަލިކޮށް ރަން މެޑަލް ހޯދި ގައުމީ ފުޓްސަލް ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.
ގައުމީ ފިރިހެން ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަށަވަރުކުރީ ބޫޓާންގެ މައްޗަށް 1-3 އިން ކުރި ހޯދައިގެންނެވެ.
ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއް ކަމަށެވެ. ވަކީން ހާއްސަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަގްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީހީ ފަހުރެއް ކަމަށް ރައީސް ވިދާޅުވި އެވެ.
“މިއީ ގައުމީ ރޫހާއި އަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް. ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރަން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭން ޗެމްޕިއަންކަން ކަށަވަރުކުރީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ ޕާކިސްތާން 1-7 އިން ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް މޮޅުވީ 1-6 އިންނެވެ. ތިން ވަނަ މެޗުގައި އިންޑިއާ އަތުން 0-5 ބޮޑު މޮޅެއް ހޯދި އެވެ. ހަތަރު ވަނަ މެޗުގައި ނޭޕާލާ ވާދަކޮށް މޮޅުވީ 1-2 އިންނެވެ.
މިއަދު ބޫޓާން ބަލިކުރި މެޗުގައި ރާއްޖޭގެ ގޯލުތައް ކާމިޔާބުކޮށްދިނީ، އަބްދުﷲ ޖުނައިދު އާއި އަހުމަދު ހަމީދުގެ އިތުރުން ކެޕްޓަން މުހައްމަދު އިމްރާން އެވެ.
ރާއްޖޭގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އެ މެޗަށް ފަހު ރާއްޖެއަށް ތަށި ހަވާލުކުރުން އޮންނާނެ އެވެ.
ރާއްޖެއަށް ފުޓްސަލްގެ ރަން މެޑަލް ލިބުމަކީ ތާރީހީ ކާމިޔާބީއެވެ. ރާއްޖޭން ޗެމްޕިއަންކަން ހޯދިއިރު މުބާރާތަށް ދުރާލާ ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން ރާއްޖޭގެ ކާމިޔާބީގައި އެންމެ ބޮޑު ތަފާތަކަށް ވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފުޓްސަލް ޓީމަށް އުޒްބެކިސްތާނުގެ މޮޅު ކޯޗެއް ހަމަޖެއްސުމެވެ. އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވްގެ އިރުޝާދުގެ ދަށުން ފުޓްސަލް ޓީމު އެންމެ ފުރަތަމަ ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ ހުޅުމާލޭގަ އެވެ. އޭގެފަހުން ޗައިނާގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ގައުމީ ޓީމު ފުރިހަމަކުރި އެވެ.