ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދައިފިއެވެ.
ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަށަވަރުކުރީ މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން 1-3 އިން މޮޅުވެގެންނެވެ.
ޗެމްޕިއަންކަން ރާއްޖޭން ކަށަވަރުކުރީ ބާކީ އެއް މެޗު އޮއްވަ އެވެ. ފަހު މެޗުގައި ރާއްޖޭން އަންނަ ހޯމަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
ހަތް ގައުމު ވާދަކުރާ މުބާރާތުގެ ކުޅުން ކުރިއަށްދަނީ އެންމެ ކުރި ހޯދާ ގައުމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. ރާއްޖޭން އެއް ވަނަ ކަށަވަރުކުރީ ފަސް މެޗުން ވެސް މޮޅުވެގެންނެވެ. ރާއްޖޭން ވަނީ ފުރަތަމަ މެޗުގައި ޕާކިސްތާން 1-7 އިން ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް މޮޅުވީ 1-6 އިންނެވެ. ތިން ވަނަ މެޗުގައި ވާދަވެރި އިންޑިއާގެ މައްޗަށް ރާއްޖޭން 0-5 ގެ ބޮޑު މޮޅެއް ހޯދި އެވެ. ތައްޓާ ގާތަށް ރާއްޖެ ޖެހިލީ ނޭޕާލް 1-2 އިން ބަލިކޮށްގެންނެވެ.

މިއަދުގެ މެޗުގައި ލީޑު ނެގީ ބޫޓާނުންނެވެ. މިއީ މިފަހަރުގެ މުބާރާތުގައި ޓީމަކުން ރާއްޖޭގެ މައްޗަށް ލީޑު ނެގި ފުރަތަމަ ފަހަރެވެ. އެކަމަކު ހާފު ނިމުމުގެ ކުރިން ރާއްޖޭން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން މި ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖޭންނެ) އެވެ.
ރާއްޖޭން މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފުގެ ކުރީކޮޅު ލިބުނު ހިލޭ ޖެހުމަކުން އަހުމަދު ހަމީދު (އައްމަޑޭ) އެވެ. އައްމަޑޭ ފާތުފައިން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ކީޕަރުގެ ގައިގައި ޖެހިފަ އެވެ.
ރާއްޖޭގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. ޖެންނެ ފޮނުވާލި ހަމަލާ ކީޕަރު ގައިގައި ޖެހިފައި ނުކުތް ވަގުތު އިންމި ވަނީ އެއްފަހަރުން ޖަހައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ އިންމި މުބާރާތުގައި ކާމިޔާބުކުރި 8 ވަނަ ގޯލެވެ.
ރާއްޖެ އަށް ބާކީ އެއް މެޗު އޮތްއިރު މިވަގުތު އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު ޕާކިސްތާން އެވެ. ތިން ވަނައިގައި އޮތީ 8 ޕޮއިންޓް ލިބިފައިވާ ނޭޕާލް އެވެ. ހަތަރު ވަނައިގައި 7 ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. އޭގެ ފަހަތުގައި އިންޑިއާ ސްރީ ލަންކާ އަދި ބޫޓާން އެވެ.
ރާއްޖެއަށް ފުޓްސަލްގެ ރަން މެޑަލް ލިބުމަކީ ތާރީހީ ކާމިޔާބީއެވެ. ރާއްޖޭން ޗެމްޕިއަންކަން ހޯދިއިރު މުބާރާތަށް ދުރާލާ ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން ރާއްޖޭގެ ކާމިޔާބީގައި އެންމެ ބޮޑު ތަފާތަކަށް ވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފުޓްސަލް ޓީމަށް އުޒްބެކިސްތާނުގެ މޮޅު ކޯޗެއް ހަމަޖެއްސުމެވެ. އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވްގެ އިރުޝާދުގެ ދަށުން ފުޓްސަލް ޓީމު އެންމެ ފުރަތަމަ ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ ހުޅުމާލޭގަ އެވެ. އޭގެފަހުން ޗައިނާގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ގައުމީ ޓީމު ފުރިހަމަކުރި އެވެ.
ސަރަހައްދުގެ ފުޓްސަލް ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، ހުރިހާ ކުޅުންތެރިން ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރާއްޖޭން ހޯދީ ތާރީހީ ކާމިޔާބީއަށް “ފަހުމިނެޓް” ގެ ކިޔުންތެރިންގެ ނަމުގައި ހޫނު މަރުހަބާއެއް ކިޔަމެވެ.