ސައުތު އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި މިއަދު ރާއްޖޭން ބޫޓާނާ ވާދަކުރަން ތައްޔާރުވެފައިވާއިރު މުޅި ރާއްޖެ އޮތީ މުބާރާތުގެ ތަށި ރާއްޖެއަށް ކަށަވަރުވާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.
ލީގު އުސޫލުން ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ ފުރަތަމަ ފުޓްސަލް ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖޭން ބޫޓާނާ ވާދަކުރާއިރު ރާއްޖެ އޮތީ ޓޭބަލްގެ އެއްވަނައިގަ އެވެ. މުބާރާތުގައި މިހާތަނަށް ރާއްޖެ ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށްގެން ލިބުނު 12 ޕޮއިންޓާއެކު، ޓޭބަލްގެ ހަވަނައިގައި އޮތް ބޫޓާނާ ދެކޮޅަށް މިއަދު ނުކުންނައިރު މެޗު ކާމިޔާބުކޮށްގެން ކަށަވަރުކަމާއެކު ޗެމްޕިއަންކަން ހޯދެން އެބައޮތެވެ.
މެޗު އެއްވަރުވި ކަމުގައިވިޔަސް ރާއްޖެއަށް ތަށި ގާތްގަނޑަކަށް ޔަގީންވާނެ އެވެ. އެހާލަތުގައި ރާއްޖެ އިތުރު އިންތިޒާރެއް ކުރަން ޖެހޭނީ ރާއްޖޭގެ މެޗަށް ފަހު މިއަދު ކުޅެން ހަމަޖެހިފައި އޮތް ޕާކިސްތާނު އަދި އިންޑިއާ ވާދަކުރާ މެޗު 15 ގޯލްގެ ތަފާތަކުން ޕާކިސްތާން ކާމިޔާބުކޮށްފި ނަމަ އެވެ. އެކަމަކު އެއީ ވުމަށްވުރެ ނުވުން މާބޮޑަށްވެސް ގާތް ކަމެއް ކަމުގައި ގަބޫލުކުރެވެ އެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޮޕްގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމު. ފޮޓޯ: އެފްއޭއެމް
މި މުބާރާތުގެ ތަށި ރާއްޖެއަށް ކަށަވަރުކުރުމުގެ ފުރުސަތު މިއަދު އޮތްއިރު ރާއްޖެއަށް މި މުބާރާތުގައި އަދި އެއް މެޗު އިތުރަށް އެބައޮތެވެ. މުބާރާތުގެ އެންމެ ފަހު މެޗްގައި ރާއްޖެއިން ވާދަކުރަން ހަމަޖެހިފައި އޮތީ ޓޭބަލްގެ ފުލުގައި އޮތް ސްރީ ލަންކާއާ އެވެ.
މުބާރާތުގައި މިހާތަނަށް ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން ޕާކިސްތާން، ބަންގްލަދޭޝް އަދި އިންޑިއާ ވާދަކުރި މެޗް ފަސޭހަކަމާއެކު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވާއިރު ރާއްޖެއަށް އެންމެ އުނދަގޫ އިމްތިހާނަކާ ކުރިމަތިވީ އެންމެ ފަހުން ކުޅުނު ނޭޕާލް މެޗުގަ އެވެ. އެ މެޗް ރާއްޖެއިން ކާމިޔާބުކުރީ 1-2 އިންނެވެ. މުބާރާތުގައި ރާއްޖެއިން މިހާތަނަށް ޖުމްލަ 20 ގޯލް ކާމިޔާބުކޮށްފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ތިން ގޯލެވެ.
ރާއްޖެއާއި ބޫޓާން ވާދަކުރާ މެޗް ފަށާނީ ރާއްޖޭގެ ގަޑިން މިއަދު ހަވީރު ތިނެއް ޖަހާއިރު އެވެ.