ފުރަތަމަ ސަފްޙާ / ޚަބަރު / ދެ ގޯލާ އެކު ޖީސުސްގެ ލޮލުން ފާއްދާލީ އުފާވެރިކަމުގެ ކަރުނަ
ފަހުމިނެޓް

ދެ ގޯލާ އެކު ޖީސުސްގެ ލޮލުން ފާއްދާލީ އުފާވެރިކަމުގެ ކަރުނަ

އެޑްމިން
އެޑްމިން
4 ހަފްތާ ކުރިން 21 ޖެނުއަރީ 2026

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް އާސެނަލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި އާސެނަލްގެ ފޯވާޑް ގަބްރިއެލް ޖީސުސް އަށް ދެ ގޯލް ކާމިޔާބުކުރެވުމާ އެކު ލޮލުން ކަރުނަ ހިލުނު ކަމަށް އޭނާ ބުނެފި އެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްފައިވާ އާސެނަލް ރޭ އިޓަލީގެ އިންޓަ މިލާންގެ މައްޗަށް ކުރި ހޯދީ 1-3 އިންނެވެ. މި މެޗަކީ އުމުރުން 28 އަހަރުގެ ބްރެޒިލްގެ ފޯވާޑް ޖީސުސް އަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން 11 މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މިދިޔަ ޑިސެންބަރު މަހު އަލުން އެނބުރި އައިފަހުން އާސެނަލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

އާސެނަލްގައި މިހާތަނަށް ހަތަރު އަހަރު ޖީސުސް ހޭދަކޮށްފައިވީ ނަމަވެސް އަނިޔާގެ ސަބަބުން އޭނާއަށް އެ މުއްދަތުގެ ބޮޑު ބައެއްގައި ހުންނަން ޖެހިފައިވަނީ ކުޅުމާ ދުރުގަ އެވެ. އެންމެ ފަހުން ލިބުނު އަނިޔާއިން ރަގަޅުވެގެން އައިސް އެސްޓަންވިލާއާ ދެކޮޅަށް ކުޅެ 1-4 އިން މޮޅުވި މެޗުގައި ޖީސުސް ވަނީ މޮޅު ގޯލެއް ޖަހައި އޭނާގެ އަސްލު ކުޅުމަށް އެނބުރި އާދެވޭނެ ކަމުގެ ކޮޅުމަތި ދައްކާލައިފަ އެވެ. ރޭގެ މެޗުގައި ޖީސުސް ވަނީ އޭނާގެ އަސްލު މޮޅު ކުޅުން ދައްކާލައިފަ އެވެ.

“މިއީ ހުވަފެނެއް ފަދަ ރެއެއް. ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމަކީ އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް. ކުޑައިރު އަހަރެން ވަރަށް ގިނައިން ފުޓްބޯޅަ ބެލިން. އެންމެ ގިނައިން ބެލީ ސެރީއޭގެ މެޗްތައް. އެހެންވީމަ މި ސްޓޭޑިއަމްގަ ކުޅެ ގޯލް ކާމިޔާބުކުރެވުމުން އަހަރެންގެ ލޮލުން ކަރުނަ އައި.” މެޗަށްފަހު އެމޭޒަން ޕްރައިމްއަށް ދިން އިންޓަވިއުއެއްގައި ޖީސުސް ބުނެފައިވެ އެވެ.

“އިންޓައާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް އުނދަގޫ ކަމެއް. މިދިޔަ ސީޒަންގަ އަހަރެމެން މިތަނަށް އައިސްގެން ވީ ބަލި. އެކަމަކު މިރޭ އެމީހުންނަށްވުރެ ރަގަޅަށް ކުޅުނީ އަހަރެމެން. އެމީހުން ކޮންޓްރޯލްކޮށްގެން ކުޅުނީ އަހަރެމެން. އެކަމަކު އެއީ މޮޅު ޓީމެއް ވީމަ، އެމީހުން ހަމަލާވެސް އުފެއްދި.” ޖީސުސް އިތުރަށް ބުނެފައިވެ އެވެ.

ރޭ ޖީސުސް ކާމިޔާބުކުރި ދެ ގޯލަކީ ޗެމްޕިއަންސް ލީގުގައި އޭނާއަށް ގޯލެއް ނުޖެހި 10 މެޗު ދިއުމަށްފަހު ކާމިޔާބުކުރެވުނު ދެ ގޯލެވެ. ޗެމްޕިއަންސް ލީގުގައި ޖީސުސް އެންމެ ފަހުން ގޯލެއް ޖަހާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ފްރާންސްގެ ލެންސްއާ ދެކޮޅަށް ކުޅެ 0-6 އިން އާސެނަލް ކާމިޔާބުކުރި މެޗުގަ އެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އާސެނަލުން ޖެހިޖެހިގެން ހަތްވަނަ މޮޅު ހޯދި މެޗުގައި އެޓީމްގެ ސްވިޑަން ފޯވާޑް ވިކްޓާ ޔޮކަރޭސް ވެސް ވަނީ ގޯލް ޖަހައިފަ އެވެ. އަސްލު ފޯމަށް އައުމުގައި ދަތިތަކެއް ތަހައްމަލުކުރަމުން އަންނަ ޔޮކަރޭސް ރޭ އިންޓަ ކޮޅަށް ވައްދާލި ގޯލަކީ އެންމެ ފަހުން އޭނާ ކުޅުނު 13 މެޗުގައި ޕެނަލްޓީއަކުން ނޫން ގޮތަކަށް  ކާމިޔާބުކުރި ދެވަނަ ގޯލެވެ.

ރޭގެ މެޗުގައި ޖީސުސް އާއި ޔޮކަރޭސް ގޯލް ކާމިޔާބުކުރުމަކީ އާސެނަލްގެ ކޯޗް މިކެލް އާޓެޓާއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. މި ސީޒަނުގައި އާސެނަލްގެ ދެ ސެންޓަ ފޯވާޑަކު އެއް މެޗެއްގައި ސްކޯކުރި ފުރަތަމަ މެޗަކީ ރޭގެ މެޗެވެ.

“ގެބްރިއަލް ނެތްތަން އަހަރެމެންނަށް ވަރަށް ބޮޑަށް ދެއްކި. އަހަރެންނަށް ހީވަނީ ރޭގެ މެޗާއެކު އޭނައަށް ވަރަށް ބޮޑު އިތުބާރެއް ލިބޭނެހެން. އަދި ޓީމްގެ އިތުބާރުވެސް ބޮޑުވެގެންދާނެ. އެއީ އެހެން ހުރިހާ މަގާމްތަކެކޭ އެއްގޮތަށް ފޯވާޑްލައިންގައި ވެސް އަހަރެމެންނަށް ބޭނުން ކުރެވޭނެ އޮޕްޝަންތައް މިހާރު ހުރީމަ.” މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް އާޓެޓާ ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!