މިހާރު ތައިލެންޑްގައި ކުރިއަށްދާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ފަހަތުގައި ހުރިހާ ދިވެހި ސަޕޯޓަރުން ތިބުމަށް ގައުމީ ފުޓްސަލް ޓީމްގެ ވައިސް ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު) ބުނެފި އެވެ.
ލީގު އުސޫލުން ކުރިއަށްގެންދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ދެކުނު އޭޝިއާގެ ހަތް ގައުމުން ވާދަކުރަމުން އަންނައިރު މި މުބާރާތުގައި ރާއްޖެ ވަނީ މިހާތަނަށް ދެ މެޗް ކުޅެފަ އެވެ. ފުރަތަމަ މެޗްގައި މި މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗް 1-7 އިން ކާމިޔާބުކޮށްފައިވާއިރު ދެވަނަ މެޗްގައި މި މަހުގެ 16 ވަނަ ދުވަހު ބަންގްލަދޭޝްއާ ވާދަކޮށް 1-6 އިން ވަނީ ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި އޮތީ ރާއްޖެ އެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ނޭޕާލް އޮތްއިރު ތިން ޕޮއިންޓް ހޯދައިގެން ތިން ވަނައިގައި އޮތީ ޕާކިސްތާނެވެ. ސާކް ސަރަހައްދުގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިއާއިން އަދި މި މުބާރާތުގައި ކުޅެފައިވަނީ ދެ މެޗެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 4-4 އިން އެއްވަރުވިއިރު ދެވަނަ މެޗުގައި ނޭޕާލާ ވާދަކޮށް ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު. މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ރާއްޖެ އަށް ވަނީ ލިބިފަ. ފޮޓޯ: އެފްއޭއެމް
މުބާރާތުގައި މިހާތަނަށް ރާއްޖެއިން ދައްކާފައިވާ ކުޅުމުގެ ސަބަބުން މުބާރާތުގެ ތަށްޓާ މެދު ގިނަ ދިވެހިން ކުރާ އުންމީދު މިހާރު ވަނީ މަތިވެފަ އެވެ. ބަންގްލަދޭޝްއާ ވާދަކޮށް މޮޅުވި މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން އެ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސައްޓު ވަނީ އެ އުންމީދު ހަގީގަތަކަށް ހަދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޓީމުން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެވެ.
“ސަޕޯޓަރުންނަށް އަހަރެން ބުނެލަން ބޭނުންވަނީ، މިހާރުވެސް ތިޔަ ތިއްބެވި ގޮތަށް ޓީމާއެކު ތިއްބަވާށޭ، އިރާދަކުރެއްވިއްޔާ ދެން އޮތް މެޗު ވެސް ކާމިޔާބުކުރާނަމޭ.” ރާއްޖޭގެ ފުޓްސަލްގައި އެއް ފެންވަރެއްގައި އެންމެ ގިނަ ދުވަހު ހިފަހައްޓާފައިވާ ސައްޓު ބުނެފައިވެ އެވެ.
ބަންގްލަދޭޝްއިން ފުރަތަމަ މެޗްގައި އިންޑިއާއާ އެއްވަރުކޮށްފައިވުމާއެކު ދިވެހި ޓީމުން ބަންގަލަދޭޝްއާ ދެކޮޅަށް ނުކުތީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ.
“އަހަރެމެން ނުކުތީ މި މެޗަކީ (ބަންގްލަދޭޝް މެޗް) އުނދަގޫ މެޗަކަށް ވާނެ ކަމަށް ގަބޫލުކޮށްގެން. އަހަރެމެންގެ ހުރިހާ ކުޅުންތެރިންވެސް މި މެޗްގައި ވަރަށް މަސައްކަތްކުރި. މިއީ އަހަރެމެންނަށް ލިބުނު ވަރަށް މުހިންމު މޮޅެއް. އިރާދަކުރެއްވިއްޔާ ދެން އޮތް މެޗްވެސް އަހަރެމެން ކާމިޔާބުކުރާނަން.. މިއީ ލީގު އުސޫލުން ކުޅޭ މުބާރާތަކަށްވުމާއެކު ކޮންމެ ތިން ޕޮއިންޓަކީވެސް ވަރަށް މުހިންމު އެއްޗެއް. ދެން އޮތީ ކުރިއަށް އޮތް މެޗަށް އަހަރެމެން ވީހާވެސް ބޮޑަކަށް ސަމާލުކަން ބެހެއްޓުން. އިރާދަކުރެއްވިއްޔާ އެމެޗްގައިވެސް އަހަރެމެން ނުކުންނާނީ މޮޅުވާން.” ގައުމީ ފުޓްސަލް ޓީމާއެކު މީގެ ކުރިންވެސް ބައިނަލްއަގްވާމީ ބައެއް މުބާރާތްތަކުގައި ވާދަކޮށްފައިވާ ސައްޓު ބުންޏެވެ.
މުބާރާތުގައި ރާއްޖެ ދެން ކުޅެންޖެހޭ މެޗްގައި ބައްދަލުކުރާނީ އިންޑިއާއާ އެވެ. މި މެޗް އޮންނާނީ މި މަހުގެ 20 ވާ އަންގާރަ ދުވަހު އެވެ.