އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ހެރީ ކޭން ޖަރުމަނުގެ ބަޔާން މިޔުނިކަށް ބަދަލުވުމަށްފަހު މިހާތަނަށް ހޭދަކުރި ދެ ސީޒަންގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައި ބުންޑަސްލީގާގެ އެތައް ރެކޯޑެއް މުގުރާލައިފަ އެވެ. މިދިޔަ ސީޒަންގައި ބަޔާންއާއެކު ކެރިއަރުގެ ފުރަތަމަ ތަށި އުފުލާލި ކޭން މި ސީޒަންގައި ދައްކަމުން އަންނަނީ އަދި މާ ތަފާތު ކުޅުމެކެވެ.
ސީޒަންގައި މިހާތަނަށް އައިއިރު ކޭން ވަނީ ބަޔާންއަށް 27 މެޗް ކުޅެ 31 ގޯލް ކާމިޔާބުކޮށްދީފަ އެވެ. މީގެ ތެރޭގައި ޖަރުމަނު ލީގުގައި ކުޅުނު 17 މެޗްގައި ޖެހި 20 ގޯލް ފާހަގަކޮށްލެވެ އެވެ. މި ސީޒަންގައި މިހާތަނަށް ކޭން ކުޅުނު 27 މެޗްގެ ތެރެއިން 19 މެޗްގައި ވަނީ ގޯލް ޖަހައިފަ އެވެ.
މިދިޔަ ދެ ސީޒަންގައި ކޭންގެ ލަނޑުޖެހުމުގެ ރެކޯޑް ހުރި ގޮތަށް ބަލާލާއިރު ފުރަތަމަ ސީޒަންގައި އޭނާ ވަނީ ކޮންމެ 79 މިނެޓަކުން ގޯލެއް ކާމިޔާބުކޮށްފަ އެވެ. ދެވަނަ ސީޒަންގައި ކޮންމެ 92 މިނެޓަކުން ކޭންއަށް ގޯލެއް ކާމިޔާބުކުރެވުނުއިރު މި ސީޒަންގައި ކޮންމެ 60 މިނެޓަކުން ގޯލެއް އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ މާނައަކީ މިދިޔަ ދެ ސީޒަނަށްވުރެ ވެސް ކޭންގެ ލަނޑު ޖެހުމުގެ ރެކޯޑް މި ސީޒަންގައި މާ ބޮޑަށް ވެސް ރަނގަޅުވުމެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ގޯލެއް ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ. ކޭން ހުރީ ރަނގަޅު ފޯމެއްގައި
މި ސީޒަންގައި ކޭންއަށް ލަނޑެއް ނުޖެހި 8 މެޗް ނިންމާލަން ޖެހުނު ނަމަވެސް ބައެއް މެޗްތަކުގައި ގިނަ ގޯލްތަކެއް ޖަހައިގެން އެ އުނިކަން ކޭން އައީ ފޫބައްދަމުންނެވެ. މިހާތަނަށް މި ސީޒަންގައި ކޭން ތިން ހެޓްރިކް ހަދާފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ސްޓަޓްގާޑާ ދެކޮޅަށް ކުޅެ ބަޔާނުން 0-5 އިން މޮޅުވި މެޗްގައި ކޭން ހެދި ހެޓްރިކަކީ ބަޔާންގައި އޭނާ މިހާތަނަށް ހޭދަކުރި ދެ އަހަރާއި ބައިގެ ތެރޭގައި ހެދި 11 ވަނަ ހެޓްރިކެވެ.
ދެހާސް ތޭވީސް ވވަނަ އަހަރުގެ ހޫނު މޫސުމުގައި ޓޮޓެންހަމް ހޮޓްސްޕާއިން ބަޔާނަށް ބަދަލުވި ކޭން ވަނީ މިހާތަނަށް ޖަރުމަނު ލީގުގައި އެކަނިވެސް 82 ގޯލް އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ. ބަޔާންއަށް ކޭން ފުރަތަމަ މެޗް ކުޅުނު ފަހުން ޔޫރަޕްގެ ބޮޑު ފަސް ލީގުގައި ކުޅެމުން އަންނަ އެއްވެސް ކުޅުންތެރިއަކަށް މިވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި އަދި އެ އަދަދަށް ގޯލް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. ކޭންއާ އެންމެ ގާތްކުރަނީ މި މުއްދަތުގެ ތެރޭގައި 76 ގޯލް ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ އެވެ. ތިންވަނައިގައި 69 ގޯލާއެކު މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އުޅޭއިރު 55 ލަނޑު ޖަހައިގެން ހަތަރު ވަނައިގައި އޮތީ ބާސެލޯނާގެ ރޮބަޓް ލެވަންޑޮސްކީ އެވެ.
މިދިޔަ މަހުގެ ތެރޭގައި ބަޔާންއަށް ޖުމްލަ 100 ގޯލް ހަމަކޮށްދީގެން ޖަރުމަނު ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ އަވަހަށް 100 ގޯލް ހަމަކުރި ކުޅުންތެރިޔާގެ ޝަރަފްވެސް ކޭން ވަނީ ހޯދައިފަ އެވެ. މި ޝަރަފް އުމުރުން 32 އަހަރުގެ ކޭން ހާސިލްކުރުމާއެކު ބަޔާންގެ ކޯޗް ވިންސެންޓް ކޮމްޕެނީ ބުނެފައިވަނީ ކޭން އަކީ ވަރަށް ހާއްސަ ކުޅުންތެރިއެއް ކަމަށާއި، އެކަހަލަ ކިތަންމެ ރެކޯޑެއް އޭނާ ގާއިމުކުރާނެ ކަމަށެވެ.