ފުރަތަމަ ސަފްޙާ / ޚަބަރު / ވަރުގަދަ އިމްތިހާނަކަށް ކޭން މިރޭ ނިކުންނަނީ

ވަރުގަދަ އިމްތިހާނަކަށް ކޭން މިރޭ ނިކުންނަނީ

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 15 ފެބްރުއަރީ 2025

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭންއަށް ތަށްޓެއް ލިބިފައި ނެތުމަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުން ފެންނަން އޮތް ހަމައެކަނި އުނިކަމެވެ.

މިރެއަކީ އަނެއްކާވެސް އުމުރުން 32 އަހަރުގެ މި ކުޅުންތެރިޔާގެ ދިގު އިންތިޒާރަށް ނިމުން ގެނައުމަށްޓަކައި ރަނގަޅު ފުރުސަތެއް ލިބިފައި އޮތް ރެއެކެވެ.

މިރޭ ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗު ބަޔާން މިއުނިކުން ކާމިޔާބުކޮށްފިނަމަ އެ ޓީމަށް 11 ޕޮއިންޓްގެ ލީޑަކާއެކު އެއްވަނައިގައި ހަމަޖެހިލެވޭނެ އެވެ. މިރޭގެ މެޗަށްފަހު ލީގުގައި ދެން އޮންނާނީ ބާކީ 11 މެޗުކަމަށްވެފައި ތަށްޓަށް ވާދަކުރުމުގެ ހަމައެކަނި ފުރުސަތު އޮތް ލެވަކޫސަންއާ އޮތް ލީޑު 11 ޕޮއިންޓަށް އިތުރުވުން ވާނީ މިފަހަރުގެ ލީގު ޗެމްޕުއަންކަން ގާތްގަނޑަކަށް ޔަގީންވުންފަދަ ކަމަކަށެވެ.

ބަޔާން މިޔުނިކާއި ބަޔާ ލެވަކޫސަން މިރޭ ބައްދަލުކުރާ މެޗަކީ ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ މެޗެއް ކަމަށް ގަބޫލުކުރެވެ އެވެ. ޖަރުމަނު ލީގުގެ އެއްވަނަ އަށް ވާދަކުރާ ބޮޑު ދެބާރުގެ ކުރިމަތިލުމަކަށް ވުމުން އެކަންޏެއްވެސް ނޫނެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ސެންޓަ ފޯވާޑުންގެ ތެރޭގައި ހިމެނޭ ހެރީ ކޭންގެ ބޮޑު އުންމީދަކާވެސް ގުޅިފައި އޮތް މެޗަކަށް މި މެޗު ވާތީ އެވެ.

ތަށްޓެއް ހޯދުމަށްޓަކައި ފޯވާޑަކަށް ކުރެވޭނެ ހުރިހާ ކަމެއް ކޭން މިހާތަނަށް ވަނީ ކޮށްފަ އެވެ. ކޭންގެ ކެރިއަރުގެ ބޮޑު ބައިގައި ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓް އޮތީ ލިބިފަ އެވެ. ހަމަ އެ މަގާމު ވޯލްޑް ކަޕްގައި ވެސް ކޭން އޮތީ ހޯދައިފަ އެވެ. ބަޔާން އަށް ބަދަލުވި ފުރަތަމަ ސީޒަނުގައި ވެސް ކޭން އަކީ ލީގުގެ ޓޮޕް ސްކޯރާ އެވެ. އެކަމަކު ގޯލުޖެހުމުގެ ނިސްބަތް ކިތަންމެ މަތީގައި އޮތަސް ކޭން ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެފައިވަނީ ތަށި ނުލިބޭ ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވި މެޗުގައި ކޭން. ކިތަންމެ މޮޅަސް ކެރިއަރުގައި އަދި ތައްޓެއް ނުލިބޭ

ބަޔާން މިޔުނިކާ ގުޅުމުގެ ކުރިން ގިނަ ބަޔަކު ދުށް ގޮތުގައި ކޭން އަށް ތަށްޓެއް ނުލިބުމުގެ ފަހަތުގައި އޮތީ ކޭން ކުރިން ކްލަބާއި، އިނގިރޭސި ގައުމީ ޓީމަށް ތަށި ހޯދުމުގައި ކުރިމަތިވެފައި އޮތް ނާކާމިޔާބެވެ. އަދި، ކޭން ބަޔާން އަށް ބަދަލުވުމަށްފަހު ލަހެއް ނުވެ ތަށްޓެއް ހޯދާނެ ކަމަށް އެ މީހުން ގަބޫލުކުރި އެވެ. އެކަމަކު ޖެހިޖެހިގެން 12 އަހަރު ތަށި ހޯދަމުން އައި ބަޔާން މިޔުނިކަށް ކޭން ބަދަލުވި ފުރަޔަމަ އަހަރުވެސް ތަށްޓަކާ ނުލައި ނިންމާލަން ޖެހުން ވީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާން ކަމަކަށެވެ. އެހާ ހިސާބުން ބަޔާން މިޔުނިކްގެ ނާކާމިޔާބާ ކޭންގެ ބަދު ނަސީބާ ގުޅުވައި ފެތުރެން ފެށި ވާހަކަތައް ވީ އިތުރެވެ.

މިދިޔަ ސީޒަނުގައި ބަޔާން މިޔުނިކަށް ތަށްޓެއް ނުލިބުމުގެ އެއް ސަބަބަކަށްވީ ބަޔާ ލެވަކޫސަންގެ އާދަޔާހިލާފު ފޯމެވެ. ލެވަކޫސަންއިން މިދިޔަ ސީޒަންގައި ބަލި ނުވެ ޖެހިޖެހިގެން 51 މެޗު ހަމަކުރިއިރު ބަޔާން މިޔުނިކަށް މިދިޔަ ސީޒަން ވީ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު އަހަރަކަށެވެ.

ކޭން ބަޔާން އަށް ބަދަލުވިފަހުން ކޮންމެ ގޮތަކަށް ކަން ދިމާވެފައި އޮތަސް އޭގެ އެއްވެސް އަސަރެއް ކޭންގެ ކުޅުމަކުން އަދި ނުފެނެ އެވެ. މިސީޒަންގައި މިހާތަނަށް ބަޔާން އަށް 29 މެޗު ކޭން ކުޅެފައިވާއިރު 29 ގޯލު ވަނީ ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަނާއެކު މިހާތަނަށް ކޭން ކުޅުނު މެޗުގެ އަދަދު 74 އަށް އަރާފައިވާއިރު ކާމިޔާބުކޮށްފައިވާ ގޯލުގެ އަދަދު އުޅެނީ 73 ގަ އެވެ.

މިރޭގެ މެޗަށް ބަޔާ ލެވަކޫސަންއާ ދެކޮޅަށް ބަޔާން މިޔުނިކް ނިކުންނައިރު މިފަހަރުގެ ލީގުގައި އެ ޓީމު ބަލިވެފައިވަނީ އެންމެ ފަހަރަކު އެވެ. އެންމެފަހުން އެ ޓީމު ބަލިވެފައިވަނީ ވިންޓަ ބްރޭކްގެ ކުރިން ކުޅުނު އެންމެ ފަހު މެޗުގައި މެއިންޒް އަތުންނެވެ. އޭގެ ފަހުން ބަޔާން ކުޅުނު ހަތް މެޗު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި މިހާރު އެ ޓީމު ހޯދާފައިވާ 54 ޕޮއިންޓަކީ 21 މެޗަށްފަހު ބުންޑަސް ލީގުގައި ހަތަރު ވަނަ އަށް ހޯދި އެންމެ ގިނަ ޕޮއިންޓެވެ. އަނެއްކޮޅުން ލެވަކޫސަންގެ ފޯމަށް ބަލާއިރު ބަޔާންއަށްވުރެ، އަށް ޕޮއިންޓް ފަހަތުގައި އޮތަސް އެ ޓީމުވެސް މިފަހަރުގެ ލީގުގައި ބަލިވެފައިވަނީ އަދި އެންމެ ފަހަރަކު އެވެ. އެކަމަކު އެއީ މީގެ ފަސް މަސްދުވަސް ކުރިން އަމިއްލަ ދަނޑުގައި އާރުބީލައިޕްޒިގްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ބަޔާން މިޔުނިކާއި ލެވަކޫސަން ވާދަކުރާ މެޗު ފަށާނީ ރާއްޖޭގެ ގަޑިން މިރޭ 10:30 ގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!