ފުރަތަމަ ސަފްޙާ / ޚަބަރު / ކޭން އަށް ތައްޓެއް ލިބިއްޖެ

ކޭން އަށް ތައްޓެއް ލިބިއްޖެ

އެޑްމިން
އެޑްމިން
9 މަސް ކުރިން 11 މެއި 2025

މި ޖީލުގައި ފެނުނު އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ އިންގްލެންޑާއި ބަޔާން މިއުނިކްގެ ހެރީ ކޭން އުމުރުން 31 އަހަރުގައި، ފުރަތަމަ ފަހަރަށް ތައްޓެއް އުފުލާލައިފި އެވެ.

ކެރިއަރުގައި ތައްޓެއް ނުލިބި ފާޑުކިޔުން އަމާޒުވި ކޭން، ތައްޓެއްގައި އަތްލުމުގެ އުފާ ހާސިލްކުރީ ރޭ ޖަރުމަނު ލީގުގައި ބަޔާން މިއުނިކް މޮޅުވި މެޗަށް ފަހު އެވެ.

ލީގުގައި ރޭ ބޮރޫޝިއާ މޮންޗެންގްލަދްބާއާ ދެކޮޅަށް ނުކުތްއިރުވެސް ބަޔާނަށް އޮތީ ލީގު ޗެމްޕިއަންކަން ޔަގީންވެފަ އެވެ. އެކަމަކު ބަޔާނަށް ޗެމްޕިއަން ޓްރޮފީ ދިނީ ރޭގެ މެޗަށް ފަހު އެވެ. ކޭން ވަނީ އޭނާގެ އަތުގައި ޖެހުނު ފުރަތަމަ ޓްރޮފީއާ އެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

ރޭ ބަޔާން 0-2 އިން މޮޅުވި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ވެސް ކޭން އެވެ. ދެވަނަ ލަނު ފަހުމިނެޓުގައި ޖެހީ މިކޭލް އޮލީސޭ އެވެ.

ޖަރުމަނު ލީގުގައި ބަޔާނަށް ބާކީ އޮތީ ރަށުން ބޭރުގައި ހޮފެންހެއިމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެހެންވެ ރޭގެ މެޗުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީ ޗެމްޕިއަން ޓްރޮފީ ވަނީ ދީފަ އެވެ. ބަޔާނުން ވަނީ 33 މެޗުން 79 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް 32 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ.

ކޭން އަކީ މިދިޔަ ގިނަ އަހަރުތަކުގައި ތައްޓާ ވަރަށް ގާތަށް ޖެހިލި ނަމަވެސް ތަށި ކާމިޔާބުކުރެވިފައިނުވާ ކުޅުންތެރިއެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ފައިނަލްތަކުގެ ތެރޭގައި 2019 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލް އަތުން ބަލިވި މެޗާއި އިނގިރޭސި ގައުމީ ޓީމާ އެކު ޖެހިޖެހިގެން ކުޅުނު ޔޫރޯ ދެ ފައިނަލް ހިމެނެ އެވެ.

ކޭން އަށް އަލަށް ތައްޓެއްގައި އަތްލަން ލިބުނުއިރު ރޭގެ މެޗަކީ ބަޔާންގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާ، 35، ބަޔާންގެ ދަނޑުގައި ކުޅުނު ފަހު މެޗެވެ. ބަޔާންގެ ތާރީހުގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ރޭ އެ ކްލަބަށް ކުޅުނީ 750 ވަނަ މެޗެވެ. އަންނަ ހަފްތާ ބަންދުގައި ކުޅޭ ލީގު ފަހު މެޗަކީ މުލާ ބަޔާނަށް ކުޅޭނެ ފަހު މެޗެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!