އިނގިރޭސި ފޯވާޑް ހެރީ ކޭން ޖެހި ހަމައެކަނި އެފްސީ ގޯލުން ކޮލޯން ބަލިކޮށް ޖަރުމަނު ލީގުގެ އެއް ވަނަ އަށް ބަޔާން މިޔުނިކް އަރައިފި އެވެ.
ރޭ ރަށުން ބޭރުގައި ބަޔާން މިޔުނިކުން ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން ޖެހި ލަނޑަކީ ޖަރުމަނު ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގައި އޭނާ ޖެހި 18 ވަނަ ލަނޑެވެ. މިއީ ޖަރުމަނު ލީގުގައި އިނގިރޭސި ކުޅުންތެރިޔަކު 18 ލަނޑު ހަމަކުރި ފުރަތަމަ ފަހަރެވެ.
ރޭގެ ނަތީޖާއާއެކު ބަޔާނަށް ޓޭބަލްގެ އެއް ވަނަ ލިބުނު ނަމަވެސް މިވަގުތު ދެ ވަނައިގައި އޮތް ބަޔާން ލެވަކޫސެން އަށް ޓޭބަލްގެ އެއް ވަނަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ބަޔާންގެ އިތުރުން ލީގުގައި މިފަހަރު އަދި ބަލި ނުވެ އޮތް ހަމައެކަނި ޓީމުކަމަށްވާ ލެވަކޫސެން މިރޭ ވާޑަ ބްރެމަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް އެ ޓީމަށް ލިބޭނެ އެވެ.
ބަޔާން މިޔުނިކުން ކޮލޯންއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ކޭން ޖެހި ލަނޑު ފެނުނީ މެޗުގެ 20 ވަނަ މިނެޓްގަ އެވެ. ބަޔާންގެ އެރިކް ޗުޕޮ މޯޓިން ފޮނުވާލި ބޯޅައެއް ކޮލޯންގެ ގޯލްކީޕަރު ސާފުކޮށްލި ވަގުތު ކޭން އެ ބޯޅަ ގޯލަށް ފޮނުވާލީ ގޯލާ ވަރަށް ކައިރިންނެވެ.
86 މިލިއަން ޕައުންޑަށް ޓޮޓެންހަމުން ބަޔާން މިޔުނިކަށް މި ސީޒަންގައި ބަދަލުވި ކޭން އަންނަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އުމުރުން 30 އަހަރުގެ ކޭން ރޭ ޖެހި ގޯލާއެކު އޭނާ ވެފައިވަނީ ޖަރުމަނު ލީގުގެ ތާރީހުގައިވެސް ފުރަތަމަ 12 މެޗު ނިމުނުއިރު 18 ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.
ކޭން ވަނީ މި ސީޒަންގައި މިހާތަނަށް ބަޔާނަށް ކުޅެދިން 17 މެޗުގައި 22 ގޯލު ކާމިޔާބުކޮށްފަ އެވެ.