ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ކުއާޓާ ފައިނަލް ދެވަނަ ލެގުގެ މެޗުތަކުން ކުރި ނުލިބި މަޝްހޫރު ރެއާލް މެޑްރިޑާއި ބަޔާން މިޔުނިކް މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގެ ތަށި 15 ފަހަރު ހޯދާފައިވާ ރެއާލް މެޑްރިޑް މުބާރާތުން ކެޓީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗްގައި އާސެނަލްއާ ވާދަކޮށް 1-2 އިން ބަލިވުމުގެ ސަބަބުންނެވެ. ފުރަތަމަ ލެގުގައި ރެއާލް އަށް އެންމެ ލަނޑެއްވެސް ނުޖެހުނު އިރު އާސެނަލުން އޮތީ ރެއާލް ކޮޅަށް ތިން ލަނޑު ޖަހައިފަ އެވެ. އެގްރިގޭޓުން އާސެނަލް މޮޅުވީ 5-1 އިންނެވެ.
ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ވެސް އާސެނަލް އިންނެވެ. އެކަމަކު އޭގެ ކުރިން ފުރަތަމަ ހާފުގެ 13 ވަނަ މިނެޓްގައި އާސެނަލަށް ޕެނަލްޓީއެއް ލިބި ނާކާމިޔާބުވި އެވެ. އާސެނަލްގެ ޒުވާން މިޑްފީލްޑަރު ބުކަޔޯ ސަކާ ފޮނުވާލި ބާރެއް ނެތް އެ ޕެނަލްޓީ ރެއާލްގެ ތަޖުރިބާކާރު ގޯލްކީޕަރު ތިބައޫ ކޯޓުއާ ފަސޭހަކަމާއެކު މަތަކުރި އެވެ.
ސަކާއަށް ޕެނަލްޓީ ނާކާމިޔާބުވުމުން ލިބުނު ނުތަނަވަސްކަން ފިލުވާލީ މެޗުގެ 65 ވަނަ މިނެޓްގައި މޮޅު ގޯލެއް ޖަހައި އާސެނަލަށް ލީޑް ނަގައިދީގެންނެވެ. އޭގެ ދެ މިނެޓް ފަހުން އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލިބާއަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ރެއާލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއާ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކުރި އެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މެޗްގެ ނަތީޖާ ހަމަހަމަކޮށް ރެއާލުން އުއްމީދު އާކުރި ނަމަވެސް އޭގެ ފައިދާ އެ ޓީމަށް ނެގޭގޮތެއް ނުވި އެވެ. އޭގެ ބަދަލުގައި މެޗުގެ އިތުރު ވަގުތުގައި އާސެނަލްގެ މިކެލް މެރީނޯ ދިން ޕާހަކުން ގަބްރިއެލް މާޓިނެލީ ލަނޑެއް ޖަހައި ސެމީ ފައިނަލްގެ ޖާގަ އާސެނަލަށް ކަށަވަރުކޮށްދިނެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް އާސެނަލް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ތިން ވަނަ ފަހަރެވެ. މިފަހަރުގެ ސެމީ ފައިނަލްގައި އެ ޓީމު ވާދަކުރަންޖެހޭނީ ފްރާންސްގެ ޕީއެސްޖީއާ އެވެ. މިފަހަރުގެ މުބާރާތުގެ ލީގު އުސޫލުން ކުޅުނު ބުރުގައިވެސް އާސެނަލް އާއި ޕީއެސްޖީ ވަނީ ބައްދަލުކޮށްފަ އެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ޕީއެސްޖީ ބަލިވި ނަމަވެސް ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީގެ ކުޅުން މިހާރު ފެންނަނީ މާބޮޑަށްވެސް ތަފާތުކޮށެވެ.

އިންޓަ މިލާން އަތުން ބަޔާން ބަލިވެ ކެޓުން. ޔޫރަޕްގެ ވަރުގަދަ ދެ ބާރު ރޭ ވަނީ ޗެމްޕިއަންސް ލީގުން ކަޓާފަ
ބަޔާން މިއުނިކް ކެޓީ ރަށުން ބޭރުގައި އިންޓަ މިލާނާ ވާދަކޮށް 2-2 އިން އެއްވަރުވެ އެގްރިގޭޓް ނަތީޖާއިން 3-4 އިންނެވެ. ދެޓީމު ފުރަތަމަ ލެގްގައި ބަޔާން ދަނޑުގައި އިންޓަ ވަނީ 2-1 އިން މޮޅުވެފަ އެވެ.
ރޭގެ މެޗުގެ ހުރިހާ ގޯލެއް ވެސް ފެނުނީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު ޖެހީ ބަޔާންގެ ހެރީ ކޭން އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ލަޓާރޯ މާޓިނޭޒް ވަނީ އިންޓަ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އިންޓަގެ ދެވަނަ ގޯލު ޖެހީ ބެންޔަމިން ޕަވާޑެވެ. ބަޔާނުން ނަތީޖާ ހަމަހަމަކުރި ގޯލު ޖެހީ އެރިކް ޑަޔާ އެވެ. އެކަމަކު މެޗުގެ ބާކީ ބައިގައި ބަޔާނަށް ގޯލެއް ނުޖެހި އެޓީމު މުބާރާތުން ޖެޓި އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިންޓަ މިލާން ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގްގެ މެޗުތައް އޮންނާނީ އޭޕްރީލް 30 އަދި މެއި 1 ވަނަ ދުވަހު އެވެ. ދެވަނަ ލެގްގެ މެޗުތައް ކުޅޭނީ މެއި 7 އަދި މެއި 8 ވަނަ ދުވަހު އެވެ.