ފުރަތަމަ ސަފްޙާ / ޚަބަރު / މިފަހަރު އާސެނަލަށްވީ އެހެން ޓީމްތަކަށް ވެސް ވީވަރު
ފަހުމިނެޓް

މިފަހަރު އާސެނަލަށްވީ އެހެން ޓީމްތަކަށް ވެސް ވީވަރު

އެޑްމިން
އެޑްމިން
1 މަސް ކުރިން 9 ޖެނުއަރީ 2026

އަށް ޕޮއިންޓްގެ ލީޑަކާއިއެކު އިނގިރޭސި ޕްރިމިއާ ލީގު ޓޭބަލްގެ އެއްވަނައިގައި އޮންނަން ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފި އެވެ.

ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗް އެއްވަރުވުމާއެކު އާސެނަލަށް ލީޑް ފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަގަޅަށް ހިފޭގޮތް ނުވީ ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗް 0-0 އިން އެއްވަރުވުމުންނެވެ.

ހަމަ އެރޭ ޓޭބަލްގެ ތިން ވަނައިގައި އޮތް އެސްޓަން ވިލާގެ އިތުރުން އާސެނަލްގެ ވާދަވެރިންގެ ގޮތުގައި ހިމެނޭ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗްތައް ވެސް ވީ އެއްވަރެވެ.

ރޭގެ ނަތީޖާއަށްވުރެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މެޗްގެ އިތުރު ވަގުތުގެ ތެރޭގައި ހިނގި ކުޅިވަރުގެ ރޫހާ ހިލާފު ހާދިސާއަކަށެވެ. މެޗްގައި އާސެނަލުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި ގަބްރިއެލް މާޓިނެލީ ވަނީ މެޗް ނިމެން ގާތްވެފައި ވަނިކޮށް، ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދަނޑުގެ ބޭރު ރޮނގު ކައިރިއަށް ވެއްޓިފައި އޮތް ލިވަޕޫލްގެ ކޯނޯ ބްރެޑްލީ ދަނޑުން ބޭރަށް ކޮށްޕާލަން މަސައްކަތްކޮށްފަ އެވެ. މި ހާދިސާއާ ގުޅިގެން މާޓިނެލީއަށް ރީނދޫ ކާޑު ދައްކާފައިވާއިރު ބްރެޑްލީ ގެންގޮސްފައިވަނީ ސްޓްރެޗާގަ އެވެ.

ރޭގެ މެޗްގެ ފުރަތަމަ ހާފު ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ އާސެނަލުންނެވެ. އެކަމަކު އެ ހާފުގައި ލަނޑުޖަހަން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ ލިވަޕޫލަށެވެ. އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ އާއި ޑިފެންޑަރު ވިލިއަމް ސަލިބާއާ ދެމެދު ހިނގި ގޯހެއްގެ ފައިދާ ނަގައިގެން ލިވަޕޫލްގެ ޑިފެންޑަރު ބްރެޑްލީ ހޯދި ބޯޅަ ފޮނުވާލުމުން އާމާޒުވީ ގޯލްގެ ހުރަސް ދަނޑިއާ އެވެ. އާސެނަލުން ގޯލެއް ޖެހުމަށްޓަކައި އަރިމަތިން ގިނަ ބޯޅަތަކެއް އާސެނަލްގެ ޕެނަލްޓީ އޭރިޔާގެ ތެރެއަށް ހުރަސްކުރި ނަމަވެސް އެ ބޯޅަތަކުގައި ފައި ޖައްސާލަން އާސެނަލްގެ ކުޅުންތެރިޔަކަށް އެރޭ ވަރެއް ނުވި އެވެ.

ފަހު ހާފުގައި ލިވަޕޫލުން އިތުރަށް ކުޅުން ރަގަޅުކޮށް ހަމަލާ އުފެއްދުމުގައި އާސެނަލަށް ވުރެ ގިނަ މަސައްކަތް ވަނީ ކޮށްފަ އެވެ. އެކަމަކު މެޗް ނިންމާލަން ޖެހުނީ ތިން ޕޮއިންޓް ހޯދަން ބޭނުންވާ ގޯލު ކާމިޔާބު ނުކުރެވި އެވެ.

މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އާސެނަލްގެ ފަރާތުން ރޭ އާދައިގެ ކުޅުމެއް ފެނުނުއިރު ރޭގެ މެޗަކީ އަމިއްލަ ދަނޑުގައި ކުޅުނު މެޗަކަށް ވެފައި މި މެޗްގައި ލިވަޕޫލްގެ ފޯވާޑް ލައިންގައި އެންމެ އިސް ދައުރެއް އަދާކުރަމުން އައި މުހައްމަދު ސަލާހް، އެލެގްޒެންޑާ އިސަކް އަދި ހޫގޯ އެކިޓެކޭ، މިއިން އެއްވެސް ކުޅުންތެރިޔަކު ކުޅެފައިނުވުމާއެކު މެޗުން ތިން ޕޮއިންޓް ނުލިބުމަކީ އާސެނަލުން ކަންބޮޑުވާނެ ކަމެކެވެ.

ރޭގެ ނަތީޖާއާއެކު އާސެނަލް ހަ ޕޮއިންޓްގެ ލީޑަކާއެކު އެއްވަނައިގައި އޮތްއިރު ލިވަޕޫލް އޮތީ ހަތަރު ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!