ފުރަތަމަ ސަފްޙާ / ޚަބަރު / ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް އުރުބާނީ ހަމަޖައްސަން ނިންމައިފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް އުރުބާނީ ހަމަޖައްސަން ނިންމައިފި

އެޑްމިން
އެޑްމިން
1 މަސް ކުރިން 5 ޖެނުއަރީ 2026

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ހަންގޭރީގެ އިސްތަވާން އުރުބާނީ ހަމަޖައްސަން ނިންމައިފި އެވެ.

ކޯޗުކަމުގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުކަމުގެ ޒިންމާ ވެސް އުރުބާނީއާ ހަވާލުކުރަން މިއަދު ވަނީ ނިންމައިފަ އެވެ. އެ ނިންމުންތައް ނިންމީ، މިއަދު އޮތް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ 9 ވަނަ ބައްދަލުވުމުންނެވެ.

މިއީ އުރުބާނީ ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވާ ތިން ވަނަ ފަހަރެވެ. މީގެކުރިން ދެ ފަހަރު އުރުބާނީ ރާއްޖޭގެ ކޯޗުކަން ކުރިއިރު، ރަނގަޅު ކުރިއެރުންތަކެއް ހޯދައިދިނެވެ.

އުރުބާނީ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކޯޗުކަން ކޮށްދިނީ 2009 އިން 2010 އަށެވެ. އޭގެފަހުން 2011 އިން 2013 އަށް ގައުމީ ކޯޗުކަން ދެވަނަ ފަހަރަށް ކޮށްދިނެވެ.

އުރުބާނީގެ ކޯޗުކަމުގައި ރާއްޖެ ވަނީ 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅެފަ އެވެ. ފައިނަލުގައި، އޭރު އިންޑިއާގައި އޮތް 23 އަހަރުން ދަށުގެ ވަރުގަދަ ޓީމު އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އޭގެފަހުން 2012 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި 23 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތް އުރުބާނީގެ ކޯޗުކަމުގައި ރާއްޖޭން ކާމިޔާބުކުރި އެވެ.

ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލުމަށް ފަހު، އުރުބާނީ ވަނީ ހަންގޭރީ އާއި އެމެރިކާގައި ވެސް ކޯޗިންގެ މަސައްކަތްތައް ކޮށްފަ އެވެ. އެގޮތުން އެކަޑެމީތަކުގެ މަސައްކަތްތަކާއި ޓެކްނިކަލް ޑިރެކްޓަރު ކަމުގެ ޒިންމާ ވެސް އުރުބާނީ އަދާކޮށްފައިވެ އެވެ.

މިއަދުގެ ބައްދަލުވުމުގެ މުހިއްމު އެހެނިހެން ނިންމުންތަކަށް ބަލާއިރު، ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އަންނަ ޖޫން މަހުގެ 1 އިން 10 އަށް މާލޭގައި ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބޭއްވުން ހިމެނެ އެވެ. އެ މުބާރާތަށް ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް ގައުމީ ޓީމަށް ދައުވަތުދޭނެ އެވެ.

ފުޓްބޯޅަ އަށް 75 އަހަރު ފުރުމާ ގުޅިގެން 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެއް ބާއްވަން ވެސް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. އެގޮތުން، އެ މުބާރާތް އަންނަ ފެބްރުވަރީ މަހުގެ 7 އިން 15 އަށް ވަނީ ތާވަލުކޮށްފަ އެވެ. އެ މުބާރާތުގައި ވާދަކުރުމަށް މާލެ އާއި ހުޅުމާލޭގެ ސީއެޗްއެސްސީ އާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ދައުވަތު ދޭން ނިންމާފައިވެ އެވެ.

އެފްއޭއެމްގެ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޑެޕިއުޓީ ޗެއަރޕަރސަންގެ މަގާމުގައި ހުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއަރމަން އަހުމަދު މުބީންގެ ބަދަލުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއަރމަން އަބްދުﷲ ޝަރީފް އެ މަގާމަށް އައްޔަނުކުރަން ވެސް އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!