އާ ފޯމެޓެއްގައި ފުރަތަމަ ފަހަރަށް ކުޅުނު ފީފާ ކްލަބް ވޯލްޑް ކަޕްގެ ތަށި 2025 ވަނަ އަހަރު ޗެލްސީ އަށް ހޯދައިދިން ކޯޗު، އެންޒޯ މަރެސްކާ އެ މަގާމް ދޫކޮށްލާފައި ހިނގައްޖެ އެވެ.
އުމުރުން 45 އަހަރުގެ މަރެސްކާ ކޯޗުކަން ދޫކޮށްލިއިރު، ޗެލްސީއާ އޭނާއާ ދެމެދު އޮތީ މައްސަލަޖެހިފަ އެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަދި، އެންމެ ފަހުން ކުޅުނު ހަ މެޗުން އެޓީމަށް ލިބުނީ ހަ ޕޮއިންޓެވެ. ދަށް ނަތީޖާތަކާ އެކު ލީގުގެ އެއް ވަނައިގައި އުޅޭ އާސެނަލާ އެޓީމާ ދެމެޗު 15 ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ.
މަރެސްކާ ޗެލްސީ ދޫކޮށްލިއިރު 2029 ވަނަ އަހަރާ ހަމައަށް ޗެލްސީއާ އެކު އޮތީ އެއްބަސްވުން ހަދައިފަ އެވެ.
ޗެލްސީ ދޫކޮށް މަރެސްކާ ދިއުމުގެ އަސްލު މައްސަލައަކީ ހަމައެކަނި ނަތީޖާތައް ގޯސްވުމެއް ނޫނެވެ. މަރެސްކާއާ ޗެލްސީއާ ދެމެދު މައްސަލަތައް ގޯސްކަން އެނގުނީ، ޑިސެމްބަރު 13 ވަނަ ދުވަހު އެވަޓަން އަތުން ޗެލްސީ 0-2 އިން މޮޅުވި މެޗަށް ފަހު މަރެސްކާ ދިން އިންޓަވިއުއިންނެވެ.
އެދުވަހުގެ އިންޓަވިއުގައި މަރެސްކާ ބުނީ އެވަޓަންއާ ދެކޮޅަށް ނުކުތް މެޗުގެ ކުރިން ހޭދަކުރީ ޗެލްސީގެ ކޯޗުކަމުގައި އެންމެ އުނދަގޫ 48 ގަޑިއިރު ކަމަށެވެ. އަދި، ޗެލްސީގެ ބައެއް މީހުންގެ ފަރާތުން އެއްބާރުލުން ނުލިބޭކަން މަރެސްކާ ފާހަގަކުރި އެވެ.
މަރެސްކާ މައްސަލަ ޖެހުނީ ޗެލްސީގެ އެއް ހިއްސާދާރު ބެހެދާދު އެގްބާލީ އާއި ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރުން ކަމަށްވާ ޕޯލް ވިންސްޓޭންލީ އާއި ލޯރެންސް ސްޓެވާޓްއާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޗެލްސީގެ ޑިފެންޑަރު ލެވީ ކޮލްވިލް އަށް އަނިޔާވެ ސީޒަނުގައި ނުކުޅެވޭތީ، ބަދަލުގައި ޑިފެންޑަރަކު ނުހޯދުމުން ވެސް މަރެސްކާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ޗެލްސީގެ ކޯޗުކަމުގެ ކުރިން މަރެސްކާ ހުރީ ލެސްޓާ ސިޓީގެ ކޯޗުކަމުގަ އެވެ. އަދި، މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓެންޓުގެ ގޮތުގައި ވެސް މަރެސްކާ ވަނީ ތަޖުރިބާ ހޯދައިފަ އެވެ.
މަރެސްކާ ޗެލްސީއާ އެކު ހޭދަކުރި ކުރު މުއްދަތުގައި ހޯދި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ. ޗެލްސީން ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށްގެންނެވެ.
ކްލަބް ވޯލްޑް ކަޕްގެ އިތުރުން މިދިޔަ ސީޒަނުގައި މަރެސްކާ ވަނީ ޗެލްސީ އަށް، ޔޫރަޕްގެ ތިންވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫއެފާ ކޮންފަރެސް ލީގު ވެސް ކާމިޔާބުކޮށްދީފަ އެވެ.
ޗެލްސީ އަށް މަރެސްކާ ކޯޗުކޮށްދިން 92 މެޗުގެ ތެރެއިން 55 މެޗުން ވަނީ މޮޅުވެފަ އެވެ.
މަރެސްކާގެ ބަދަލުގައި ކޯޗެއް ހޯދުމުގެ މަސައްކަތް ޗެލްސީން މިހާރު ވަނީ ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ގެނައުމުގެ ފުރުސަތު ބޮޑީ ފްރާންސްގެ ސްޓްރާސްބޯގެ ކޯޗު ލިއަމް ރޮސެނިއާ އެވެ.