ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫރަޕްގެ ބޮޑު ފަސް ލީގުގައި ނުކުޅޭ ޒުވާން ފަސް ތަރިން

ޔޫރަޕްގެ ބޮޑު ފަސް ލީގުގައި ނުކުޅޭ ޒުވާން ފަސް ތަރިން

އެޑްމިން
އެޑްމިން
1 މަސް ކުރިން 28 ޑިސެމްބަރު 2025

ގިނަފަހަރަށް މުޅި ދުނިޔޭގެ ސަމާލުކަން ފުޓްބޯޅަ ކުޅުންތެރިޔަކަށް ހުއްޓެނީ ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން ލީގެއްގައި އެ ކުޅުންތެރިޔާ ފާހަގަކޮށްލެވޭ ވަރުގެ ކުޅުމެއް ދެއްކުމުންނެވެ. ޒުވާން ކުޅުންތެރިންނަށްވެސް އޮތީ ހަމަ އެގޮތެވެ. އިނގިރޭސި ޕްރިމިއާ ލީގު، އިޓާލިއަން ސެރިއޭ، ސްޕެނިޝް ލަލީގާ، ބުންޑަސް ލީގާ އަދި ފްރެންޗް ލީގް ވަންގައި ނުކުޅޭނަމަ ކިތަންމެ ޒުވާން ހުނަރުވެރި ކުޅުންތެރިޔަކު ހުއްޓަސް އެކުޅުންތެރިންގެ ވާހަކަ ދައްކާ މީހުން މަދުވާނެއެވެ. މި އާޓިކަލްގައި މި ބަލާލަނީ 2006 ވަނަ އަހަރު ނުވަތަ އޭގެ ފަހުން އުފަންވި ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ޔޫރަޕްގެ ބޮޑު ފަސް ލީގުގައި ނުކުޅޭ އެކަމަކު އެ ފެންވަރު ހުރި ޒުވާން ފަސް ތަރިންގެ މައުލޫމާތެވެ.

ގިވޭރޯ ރީޑް (ފޭނޫޑް)

ނެދަލޭންޑްސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ 19 އަހަރުގެ ގިވޭރޯ ރީޑް އަކީ އެ ގައުމުގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ފޭނޫޑްގެ ފުރަތަމަ އެގާރައިގައި މިދިޔަ ދެ ސީޒަންގައި އާންމުކޮށް ހިމެނެމުން އައިސްފައިވާ ކުޅުންތެރިއެކެވެ. ކަނާތް ފަޅިން ފަހަތަށް ކުޅެމުން އަންނަ ރީޑް އަކީ ހުނަރުވެރި އަދި ވަރުގަދަ ކުޅުންތެރިއެކެވެ. ބޯޅަ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ގާބިލްކަމަކީ އޭނާގެ ކިބައިން އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރެވެ. އެއީ މޮޅު ވިންގް ބެކެކެވެ.

ޖިއޮވާނީ ކުއެންޑާ، ސްޕޯޓިން

ކުއެންޑާގެ އުމުރަކީ އަދި އެންމެ 18 އަހަރެވެ. އެކަމަކު މިހާރުވެސް ޕޯޗްގީޒް ލީގުގައި ސްޕޯޓިން އަށް އޭނާ ކުޅުނު މެޗްގެ އަދަދު 50 އާ ގާތްކޮށްފި އެވެ. ޕޯޗްގީޒް ލީގުގައި މިހާތަނަށް އޭނާ ކުޅުފައިވާ މޮޅު ކުޅުމަށް ބަލައި ޗެލްސީއިން ވަނީ އަންނަ އަހަރު އެ ކްލަބަށް ކުއެންޑާ ގެންދަން ނިންމައިފަ އެވެ. ކޮށްޓުމާއި، ބާރު ސްޕީޑަކީ ކްއެންޑާގެ ފަރާތުން ފެންނަ ކަންކަމުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ދެ ކަމެވެ. އޭނާ އަކީ ވިންގް ބެކެއްގެ ގޮތުގައިވެސް އަދި އަރިމަތިން ކުރިއަށްވެސް މޮޅަށް ކުޅޭނެ ކުޅުންތެރިއެކެވެ.

ރޮޑްރިގޯ މޯރާ، އެފްސީ ޕޯޓޯ

ޕޯޓޯގެ މޯރާ. ބޮޑެތި ޓީމުތަކުން ފާރަލާ މޮޅު ކުޅުންތެރިއެއް

މިއީވެސް އުމުރުން 18 އަހަރުގެ ކުޅުންތެރިއެކެވެ. ޕޯޗްގަލްގެ ރޮޑްރިގޯ ވަނީ ޕޯޓްގައި ހުރެގެން މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ޕޯޓޯގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ ދުވަހުވެސް އޭނާ ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށް އިތުރު ގޯލެއް ޖަހަން އެހީތެރިވެދީފައެވެ. އަދި އެންމެ ފަހުން އޮތް ކްލަބް ވޯލްޑް ކަޕްގައި އަލް އަހްލީ ކޮޅަށް ގޯލެއް ޖަހައިގެން އޭނާ ވަނީ އެ މުބާރާތުގެ ތާރީހްގައިވެސް ގޯލެއްޖެހި އެންމެ ޒުވާން ޔޫރަޕްގެ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

ކީސް ސްމިތް، އޭޒެޑް އަކްމާރް

ނެދަލޭންޑްސްއަށް އުފަން 19 އަހަރުގެ ސްމިތް ވަނީ މިދިޔަ ޖޫން މަހު ރޫމޭނިއާގައި ބޭއްވި 19 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އެއާއެކު ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑުން ވަނީ އޭނާ ގެންދަން ބޭނުންވާކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޕެޑްރޯ ހެންރިކް، އެފްކޭ ޒެނިތު

ބްރެޒިލްއަށް އުފަން 19 އަހަރުގެ މި ކުޅުންތެރިޔާގެ އެންމެ ފާހަގަކޮށްލެވޭ ހުނަރަކީ ބޯޅަ ކޮންޓްރޯލް ކުރުމާއި، އިތުބާރާއެކު ބޯޅަ ގޯލަށް ފޮނުވާލުމެވެ. ފޯވާޑަކަށް ކުޅޭ ޕެޑްރޯގެ ކިބައިގައި ހުރި އާދަޔާހިލާފު ހުނަރުވެރިކަމާއެކު އޭނާއަކީ ބްރެޒިލްގެ ސުޕަސްޓާރަކަށް ވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!