ލިވަޕޫލުން ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެ 3-3 އިން އެއްވަރުވި މެޗަށް ފަހު އެޓީމްގެ ފޯވާޑް މުހައްމަދު ސަލާހް މީޑިއާ އަށް ދިން ހަތް މިނެޓްގެ އިންޓަވިއުއެއްގައި ލިވަޕޫލުން އޭނާއާ ދޭތެރޭ އަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށާއި، ޓީމްގެ ހެޑް ކޯޗް އާން ސްލޮޓްއާ އޭނާއާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައިވެ އެވެ.
މިދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ލިވަޕޫލަށް 250 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގެ ލިވަޕޫލަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ސަލާހްގެ ހިތުގައި އުފެދުނު އުދާސްގަނޑު ބޭރުކޮށްލީ ލިވަޕޫލުން އެންމެ ފަހުން ކުޅުނު ތިން މެޗްގައިވެސް ބެންޗުގައި އިންނަން ޖެހުމާއި، ލީޑްސްއާ ދެކޮޅަށް ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު މެޗްގައި އެންމެ މިނެޓެއްވެސް ކުޅެލަން އެޓީމްގެ ކޯޗް ސަލާހަށް ފުރުސަތު ނުދިނުމުންނެވެ.
ސަލާހް ވަނީ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ދެ އަހަރު އިތުރުކޮށްފަ އެވެ. އެކަމަކު މިފަހުން ހިނގައިމިދިޔަ ކަންކަމާ ގުޅިގެން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ލިވަޕޫލް ދޫކޮށް ސައޫދީ އަރަބިއްޔާގެ ކްލަބަކާ ސަލާހް ގުޅިދާނެ ކަމުގެ އަޑުތައް ވަނީ ފެތުރެން ފަށައިފަ އެވެ. މީގެ އިތުރުން ސްލޮޓް ވަނީ ސަލާހްގެ ފަރާތުން ފެނުނު އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި، އޭނާއަށް ދެން ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ދޭނީ ސަލާހް މައާފަށް އެދުމުން ކަމަށް ބުނެފަ އެވެ. ކަން މިހެން އޮތްއިރު ލިވަޕޫލް މިވަގުތު އޮތީވެސް ބޮޑު އަޑިގަޑެއްގަ އެވެ. ތަށި ދިފާއުކުރަން މިފަހަރު ލިވަޕޫލުން ސްކޮޑް އިތުރަށް ވަރުގަދަކުރި ނަމަވެސް އެޓީމްގެ ފަރާތުން މިފަހަރުގެ ސީޒަންގައި އަދި މިހާތަނަށް ފެނިފައިވަނީ ދަށް ނަތީޖާތަކެކެވެ. މިއާއެކު ސަލާހްގެ ފޯމްވެސް މިފަހަރު ލިވަޕޫލްގައި ފެންނަމުން އައިސްފައިވަނީ މިދިޔަ އަހަރަށްވުރެ މާ ބޮޑަށްވެސް ދަށްކޮށެވެ.
ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް ސަލާހްއާއި ކޯޗް ސްލޮޓްއާ ދެމެދު މިހާރު ހިނގައިގެން މިއުޅޭ ހަމަނުޖެހުންގަނޑަކީ ފުޓްބޯޅައިގައި ވަރަށް އާންމުކޮށް ފެންނަ ޒާތުގެ ކަމެކެވެ. ވަކިން ހާއްސަގޮތެއްގައި މަޝްހޫރު ކުޅުންތެރިންނާއި، އެކުޅުންތެރިންނަށް އިރުޝާދުދޭ ކޯޗުންނާ ދެމެދު ނުތަނަވަސްކަން އުފެދި އެފަދަ މައްސަލަތައް ނޫސްތަކުގެ ފަލަ ސުރުހީއަށް އަރަނީ މަދަކުން ނޫނެވެ.
ސަރ އެލެކްސް ފާގަސަން އާއި ޑޭވިޑް ބެކަމް
މިފަދަ ވާހަކަތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ވާހަކައަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ކޯޗް އަދި މެންޗެސްޓާ ޔުނައިޓެޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ސަރ އެލެކްސް ފާގަސަންއާއި، އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްއާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ވާހަކައެވެ. 2003 ވަނަ އަހަރު ހިނގި މިކަންތައްގަނޑުގެ ތެރޭގައި ފާގަސަންގެ ފަރާތުން ބެކަމްއަށް ޖިސްމާނީގޮތުން އަނިޔާވެސް ލިބުނެވެ. ބެކަމް ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ބަދަލުވުމުގެ އެއް ސަބަބަކަށްވެސްވީ އޭނާއާއި ފާގަސަންއާ ދެމެދު މައްސަލަތައް ކުރިމަތިވާން ފެށުމެވެ.

ހޯސޭ މޮރީނިއޯ އާއި ޕައުލް ޕޮގްބާ
ދެންވެސް އޮތީ މެންޗެސްޓާ ޔުނައިޓެޑްގައި ހިނގި ހަމަނުޖެހުންގަނޑެއްގެ ވާހަކަ އެވެ. އެކަމަކު މިފަހަރު ކޯޗަކަށް ހުރީ ފާގަސަން އެއް ނޫނެވެ. ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ އެވެ. އާންމުގޮތެއްގައި ވެސް ކުޅުންތެރިންނާ މައްސަލަޖެހުން ގިނަ މޮރީނިއޯއާ މިފަހަރު ކުރިމަތިވި އިމްތިހާނަކީ ބޮޑު މުސާރައަށް ޔުނައިޓެޑަށް ބަދަލުވި ފްރާންސްގެ ޕައުލް ޕޮގްބާ އެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑްގައި ޕޮގްބާ ހޭދަކުރި މުއްދަތުގެ ކުރީކޮޅު އެ ދެމީހުންގެ ދެމެދުގައި ރަގަޅު ގުޅުމެއް އޮތް ނަމަވެސް 2018 ވަނައަހަރުގެ ތެރޭގައި އެ ގުޅުން ހީނަރުވާން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން ޓީމްގެ ވައިސް ކެޕްޓަން ކަމުގެ މަގާމުވެސް ޕޮގްބާއަށް ގެއްލުނެވެ. އަދި، ފަރިތަކުރުންތައް ކުރިއަށްދިޔަ ބައެއް ދުވަސްތަކުގައި މޮރީނިއޯއާއި ޕޮގްބާއާ ދެމެދު ބޮޑެތި ހަމަނުޖެހުންތައްވެސް ހިނގި އެވެ.
ޕެޕް ގާޑިއޯލާއާއި ޒްލަޓަން އިބްރަހިމޮވިޗް

މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އާއި ސްވިޑަންގެ ލެޖެންޑް ޒްލަޓަން އިބްރަހިމޮވިޗް އާ ދެމެދު ހިނގި ކަންކަމަކީވެސް ވަކިން މަޝްހޫރުކަން ކުޑަ ކަންކަމެއް ނޫނެވެ. މިކަންތައްގަނޑެއް ހިނގީ މީގެ 15 ވަރަކަށް އަހަރުކުރިން މި ދެމީހުން ބާސެލޯނާއަށް ހިދުމަތްކުރަމުން ދިޔަ ދުވަސްވަރުއެވެ. 2009 ވަނަ އަހަރު އިންޓަމިލާނުން ބާސެލޯނާއަށް ބަދަލުވި ސީޒަންގެ ފުރަތަމަ ހާފއ ދިޔައީ އެ ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހިއެވެ. މައްސަލަތައް ކުރިމަތިވާން ފެށީ ސީޒަންގެ ދެވަނަ ހާފުގައެވެ. މައްސަލައަކަށްވީ އިބްރަހިމޮވިޗަށްވުރެ މެސީއަށް މާބޮޑު ސާމާލުކަމެއް ގާޑިއޯލާ ދިނުމެވެ. އެއާއެކު ފާޅުގައި އިބްރަހިމޮވިޗްގެ ބަހުގެ ހަމަލާތަށް ގާޑިއޯލާއަށް ރައްދުވާން ފެށިއެވެ. ދެން ފެނުނީ އިބްރަހިމޮވިޗަށް ބާސެލޯނާއިން ޖާގަ ގެއްލުން އާންމުވި ތަނެވެ.
ކޯޗުންނާއި ކުޅުންތެރިން މި ވާހަކަތަކުގެ އިތުރުން ވެސް ފުޓްބޯޅައިގައި މިފަދަ ކަންކަން ވަރަށް ގިނައިން ހިނގާފައި އެބަހުއްޓެވެ. އެގޮތުން ފަހަކަށް އައިސް ފެނުނު އެންމެ އާދަޔާހިލާފު ދެބަސްވުމަކަށް ވެގެންދިޔައީ ލިވަޕޫލްގެ ކޯޗު ސްލޮޓާއި އެޓީމުގެ ލެޖެންޑް ސަލާހުގެ ވާހަކަތަކެވެ.