އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުއާޓަ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓާ ވާދަކޮށް މުހައްމަދު ސަލާހްގެ ބޮޑު ހިއްސާއަކާކު މިސްރުން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިސްރާއި، އައިވަރީ ކޯސްޓް ރޭ ބައްދަލުކުރި މެޗު މިސްރުން ކާމިޔާބުކުރީ 2-3 އިންނެވެ.
ޝައުގުވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނުނު ރޭގެ މެޗްގެ ފުރަތަމަ ދެ ގޯލުވެސް ކާމިޔާބުކުރީ މިސްރުންނެވެ. މެޗް ފަށައިގެން ހަތަރުވަނަ މިނެޓްގެ ތެރޭގައި މިސްރަށް މެޗްގެ ލީޑް ނަގައިދިނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އޮމަރް މާމޯޝް އެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން 32 އަހަރުގެ ޑިފެންޑަރު ރާމީ ރަބީއާ އެވެ.
މިސްރުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް އެޓީމަށް އައިވަރީ ކޯސްޓްގެ ހިތްވަރު ބަލިކޮށެއް ނުލެވުނެވެ. ނަތީޖާއަކަށްވީ މެޗްގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އައިވަރީ ކޯސްޓުން އުފެއްދި ހަމަލާއެއްގައި މިސްރުގެ ޑިފެންޑަރު އަހްމަދު ފަތޫހް އަތުން ބައިކޮޅަށް ވަތް ގޯލާއެކު އެޓީމުގެ އުންމީދު އާވުމެވެ. އެކަމަކު ފަހު ހާފު ފަށައިގެން ދިހަ ވަރަކަށް މިނެޓް ނުވަނީސް އަނެއްކާވެސް ފެނުނީ މިސްރުން ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްލި ތަނެވެ. މި ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިވަޕޫލަށް ކުޅެމުން އަންނަ 33 އަހަރުގެ ފޯވާޑް ސަލާހެވެ.
އޭގެ ފަހުން އައިވަރީ ކޯސްޓުން ކުޅުން އިތުރަށް ރަގަޅުކޮށް މެޗްގެ 73 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗްގެ ފޯރި ގަދަކޮށްލި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރެންޗް ލީގުގެ ކްލަބަކަށް ކުޅެމުން އަންނަ 23 އަހަރުގެ ޑިފެންޑަރު ގީލާ ޑޮއޫ އެވެ. މި ލަނޑާއެކު އައިވަރީ ކޯސްޓުން އާ ހިތްވަރެއް ހޯދައި މެޗްގެ އޮއިވަރު ބަދަލުކޮށްފާނެ ކަމަށް ހީކުރެވުނު ނަމަވެސް މެޗް ނިމުނީ ނަތީޖާއަށް އިތުރު ބަދަލެއް ނައިހެވެ.
ރޭގެ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލްގެ ޖާގައެއް މިސްރަށް ކަށަވަރުވުމުން އެންމެ ބޮޑު އުފަލެއް ލިބޭނެ އެއް ކުޅުންތެރިޔަކީ ސަލާހެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި މިސްރު އޮތް ނަމަވެސް މިސްރާއެކު ސަލާހަށް އަދި އެފްރިކާ ކަޕްގެ ތަށި އުފުލާލުމުގެ ޝަރަފް ލިބިފައެއް ނުވެ އެވެ. ސެމީ ފައިނަލްގައި މިސްރު ވާދަކުރަން ޖެހޭނީ ސެނެގާލްއާ އެވެ. ސެނެގާލުން ވަނީ މީގެ ހަތަރު އަހަރު ކުރިން އޮތް މުބާރާތުގެ ފައިނަލްގައި މިސްރާ ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މިސްރާއި ސެނެގާލް ވާދަކުރާ ސެމީ ފައިނަލް މެޗް އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖޭގެ ގަޑިން 10 ޖަހާއިރު އެވެ.
ސެމީ ފައިނަލުގެ އަނެއް މެޗުގައި މުބާރާތް ބާއްވާ މޮރޮކޯ ނުކުންނާނީ ނައިޖީރިއާއާ ދެކޮޅަށެވެ.